އިމްރާން ޚާންގެ ޕާޓީގެ ޕާލަމެންޓް ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމުން އައު ބޮޑުވަޒީރަށް ބޮޑު ގޮންޖެހުމެއް

ޕާކިސްތާނުގެ އައު ބޮޑުވަޒީރު ޝެހެބާޒު ޝަރީފު

އިސްލާމް އާބާދު (12 އެޕްރީލް 2022) : އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީގައި ހިމެނޭ 100 އަށްވުރެ ގިނަ ޕާލަމެންޓް މެންބަރުން އެއްފަހަރާ އިއްޔެ ޕާލަމެންޓުން އިސްތިއުފާ ދެއްވުމަކީ އައު ބޮޑުވަޒީރު ޝާހުބާޒް ޝަރީފަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕާކިސްތާނުގެ ނޫސްތަކުގައި ޝާއިއުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުން ޕާލަމެންޓުން 100 އަށްވުރެ ގިނަ މެންބަރުން އިއްޔެވަނީ އިސްތިއުފާ ދެއްވާފައެވެ. މިއާއެކު ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުގެ އިތުރުން މިކަމުގެ ސަބަބުން 100 އަށްވުރެ ގިނަ ބައިއިލެޝްކަން ބާއްވަންޖެހޭތީ މިއީ ބޮޑުޚަރަދެއް ހިގާނެކަމެއް ކަމަށް ވުމީވެސް ޝާހުބާޒް ޝަރީފުގެ ސަރުކާރަށް ދަތިތައް ކުރިމަތިވާނެ ކަމެކެވެ.

ޝާހުބާޒް ޝަރީފުގެ ސަރުކާރަކީ ބޭރުގެ ނުފޫޒާއެކު އައި ސަރުކާރެއްކަމަށް ކުރީގެ ބޮޑުވަޒީރު އިމްރާންޚާން އާއި އޭނާގެ ސަޕޯޓަރުން ދެކޭ ދެކުމާއެކު އެމީހުން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް މަގުތަކަށް ނުކުންނަން ފަށާފައި ވުމަކީވެސް ޝާހުބާޒް ޝަރީފަށް ކުރިމަތިވަމުންދާ ހާސްކަމެކެވެ.

މިކަމާ ނުތަނަވަސްވެ ވަޑައިގެން މުޒާހަރާތައް ހުއްޓުވުމަށްޓަކައި ޝާހުބާޒް ޝަރީފުވަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދެއްވާނެކަމަށް ވިދާޅުވެ ސަރުކާރުގެ ފަހަތުގައި ތިބުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ޝަހުބާޒް ވިދާޅުވިގޮތުގައި ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަނެވޭނީ ރައްޔިތުން ސަރުކާރުގެ ފަހަތުގައިތިބެ ސަރުކާރަށް އެއްބާރުލުން ދީގެންނެވެ. މިގޮތުގައި ރައްޔިތުން ތިބެއްޖެނަމަ ތަރައްގީގެ މުޅިން އައު ޒަމާނެއް ރައްޔިތުންނަށް ދައްކާނެކަމަށްވެސް ޝަހުބާޒް ވިދާޅުވިއެވެ.

ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ޝަހުބާޒު ވަނީ ޕާކިސްތާނުގެ މިނިމަމް ވޭޖު 15 ހާސް ރުޕީން 25 ހާސް ރުޕީއަށް ބަދަލުކުރައްވާފައެވެ. އަދި ޕާކިސްތާނުގައި ވަރަށް ކުޑަ މުސާރައެއް ލިބޭ ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށާއި ޕެންޝަނުގެ ގޮތުގައި ރައްޔިތުންނަށް ދޭ މިންވަރު ވެސް އިތުރު ކޮށްދެއްވާނެކަމަށް ޝަހުބާޒް ވަނީ ވައުދުވެވަޑައިގެންފައެވެ.

ނަމަވެސް މާޒީއަށް ބަލާއިރު ޕާކިސްތާނުގެ ސިޔާސީ ލީޑަރުންގެ މިފަދަ ގިނަ ވައުދުތަކަކީ ފުއްދޭ ވައުދުތަކެއް ކަމަށް ނުވާތީ އަދި ޚުދު ޝަހުބާޒުގެ ޕާޓީއާއި އެ ޕާޓީއާ ގުޅިފައިވާ ޕީޕީޕީ އަކީވެސް ކޮރަޕްޝަނުގައި އަރާހުރި ދެ ޕާޓީ ކަމުން އޭނާގެ މިވާހަކަތައް އޭނާގެ ޕާޓީގެ މެންބަރުން ފިޔަވައި ރައްޔިތުންގެ މާގިނަ ބަޔަކު ގަބޫލު ކުރާނެކަމަށް ނުބެލެވޭކަމަށް ޕާކިސްތާނުގައި ޝާއިޢުކޮށްފައިވާ ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ އިދިކޮޅު މައި ތިން ޕާޓީ ގުޅިގެން އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައިގެން ދައުރުގެ މެދުތެރޭން ބޮޑުވަޒީރުކަމުން އިމްރާންޚާން ދުރުކުުރުމާ ގުޅިގެން، އިމްރާން ޚާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ގެންދަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގެ މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރަމުންނެވެ.

އިމްރާން ޚާން ވިދާޅުވި ގޮތުގައި އޭނާ މަގާމުން ދުރުކުރީ އެމެރިކާ އަޑީގައި އޮވެގެން ޕާކިސްތާނުގެ ސިޔާސީ އިދިކޮޅު ލީޑަރުން ގުޅިގެންނެވެ. އެމެރިކާ އޭނާ ދެކެ ހިތްހަމަނުޖެހުނީ އަފްޣާނިސްތާނަށް ޖާސޫސުކުރުމަށްޓަކައި ޕާކިސްތާނުން އެމެރިކާ ސިފައިންނަށް ބިމުގެ ފަސޭހަތައް ދޭން އޭނާ ދެކޮޅު ހެއްދެވުމާ އަދި އެމެރިކާއާ ދުރަށްޖެހިލައި ޗައިނާ އާއި ރަޝިޔާއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާތީ އެކަމާ އެމެރިކާ ހިތްހަމަ ނުޖެހިގެންނެވެ.

އެމެރިކާ މަސައްކަތްކުރަމުން ގެެންދިޔައީ އެމެރިކާ އަށް ބޯލަނބާ ބޭފުޅަކު ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ގެންނަންކަމަށްވެސް އިމްރާން ޚާން ވިދާޅުވިއެވެ. ޕާކިސްތާނުގެ އައު ބޮޑުވަޒީރު އުމުރުން 70 އަހަރުގެ ޝަހުބާޒު ޝަރީފަކީ މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން މިނިވަންވެފައިވާ ބޭފުޅެކެވެ.

ޝާހްބާޒް ޝަރީފްއަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އެންމެ ހަގު ކޮއްކޯފުޅެވެ. އޭނާއަކީ ސިޔާސީގޮތުން މާމަޝްހޫރު ބޭފުޅެއް ނޫންނަމަވެސް އޭނާއަކީ އިދާރީ ހިންގުންތެރި މޮޅު އެޑްމިނިސްޓްރޭޓަރެއް ކަމަށް ވެއެވެ. އެ އާއިލާއަކީ ވެސް ޕީޕީޕ ނިސްބަތްވާ ބުއްޓޫ އާއިލާއެކޭ އެއްގޮތަށް ކޮރަޕްޝަންގެ އަމަލުތައް ވަރަށް ބޮޑު އާއިލާއެކެވެ. މިދެ އާއިލާއަކީ ވެސް ވަރަށް މުއްސަނދި ދެ އާއިލާއެވެ. ޚާއްސަކޮށް ޝަރީފު އާއިލާއަކީ ވަރަށް ބޮޑެތި ވިޔަފާރިތައް ހިންގާ ވަރަށް މުއްސަނދި އާއިލާއެކެވެ.

comment ކޮމެންޓް