ހިޔާ ފްލެޓު ފިނިޝިންގައި ނަމުގައި އޮޅުވާލި ކުންފުނިތަކުގެ މައްސަލަ ބަލައި ނުގަތް

ހިޔާ ފްލެޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފައިސާ ނެގުމަށްފަހު ހިޔާގެ ފްލެޓުތަކުގެ މަސައްކަތް ނުނިންމާ މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވައިފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

މި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފައިވަނީ 29 މެންބަރުންގެ ވޯޓާއެކުގައެވެ. މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަ މެންބަރުންނެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަައިގައި ބުނީ ހިޔާ ފްލެޓްތަކުގައި ތިން މަސް ދުވަހުގެ ތެރޭގައި ދިރިއުޅެން ފެށުމަށް އެންގުމާ ގުޅިގެން ކޮންމެހެން ނިންމަންޖެހޭ ފިނިޝިންގެ މަސައްކަތްތައް ނިންމުމުގެގޮތުން ފްލެޓްތައް ލިބުނު މީހުން، ދަރަންޏާއި އެހެނިހެން ގޮތްގޮތުން ތަކެއްޗާއި ފައިސާ ހޯދައިގެން ކުންފުނިތަކާ މަސައްކަތް ހަވާލުކުރި ކަމަށެވެ.

އެހެންނަމަވެސް ފައިސާ ދިނުމުން ވެސް ބައެއް ކުންފުނިތަކުން މިއަދާ ހަމައަށް ވެސް އެ މަސައްކަތް ނިންމައިފައި ނުވާ ކަމަށް އާދަމް ޝަރީފްގެ މައްސަލައިގައި ބުނެފައިވެއެވެ.

"ފިނިޝިންގެ މަސައްކަތްކުރާ ކުންފުނިތަކުގެ ނަމުގައި ބައެއް ފަރާތްތަކުން ފައިސާ ހޯދައި، ފްލެޓް ލިބުނު މީހުންނަށް އޮޅުވާލުމާއި މަކަރު ހެދުން އިތުރުވެފައިވާތީ،" އާދަމް ޝަރީފްގެ މައްސަލައިގައި ބުނެފައިވެއެވެ.

އެ މަސައްކަތް ކޮށްފައި ނުވާއިރު، ފައިސާ އަނބުރާ ދިނުމަށް ވެސް ކުންފުނިތަކުން ދެކޮޅު ހަދާ ކަން ފާހަގަކުރައްވައިފައެވެ.

https://sun.mv/161176

comment ކޮމެންޓް