މިޞްރު ގައުމީ ޓީމުގެ ކޯޗު މަގާމުން ވަކިކޮށްފި

މިޞްރުގެ ކޯޗަކަށް ކުރިން ހުރި ކާލޯސް ކުއެރޯޒް

މިޞްރުގެ ޤަައުމީ ފުޓުބޯޅަ ޓިމުގެ ކޯޗު ކާލޯސް ކުއެރޯޒް މަގާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކޮށްފައިވަނީ މިޞްރުގެ ގައުމީ ޓީމު މިއަހަރު ޤަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުންނެވެ.

އޭނާ މިޞްރުގެ ގައުމީ ޓިމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާ ވަނީ ސްޕެއިންގެ ގަދަ އެއް ބާރު ރެއާލް މެޑްރިޑްގެ ކޯޗުކަމާއި، ޕޯޗުގަލްގެ ގައުމީ ޓިމުގެ ކޯޗުކަން ވެސް މީގެ ކުރިން ކޮށްފައެވެ.

މިޞްރުން ވަނީ ކުއެރޯޒްގެ އިރުޝާދުގެ ދަށުން މި އަހަރުގެ ކުރީކޮޅު ކެމަރޫންގައި އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކޮށް، މުބާރާތުގެ ފައިނަލް ވެސް ކުޅެފައެވެ. އެ މުބާރާތުގެ ފައިނަލްގައި މިޞްރު ވަނީ ޕެނަލްޓީގައި ސެނެގާލް އަތުން ބަލިވެފައެވެ. އަދި ވޯލްޑް ކަޕް ކޮލިފައިން އެފްރިކަން ޕްލޭއޮފްގައި ވެސް އެ ޓީމު ސެނެގާލް އަތުން ބަލިވީ ޕެނަލްޓީ ޖަަހައިގެންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގައި މިޞްރު ވަނީ ވާދަކޮށްފައެވެ. މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕުން މިޞްރަށް ޖާގަ ނުލިބުމަކީ ކޯޗިން ޓީމުން ޒިންމާ ނަގަންޖެހޭ ކަމެއްގެ ގޮތުގައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ޤަބޫލުކުރެއެވެ.

އޭނާގެ އެއްބަސްވުން އުވާލާފައިވަނީ، އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަނާއި އޭނާއާ ދެ މެދު ކުރެވުނު މަޝްވަރާގައި ދެ ފަރާތް އެއްބަސްވެގެންނެވެ.

comment ކޮމެންޓް