އިދާރީ ކަންކަން ހަމަޖެއްސުމަކީ ކުލަބުތަކުގެ ޒިންމާއެއް، މިނިސްޓްރީގެ މެންޑޭޓުގައި އޮންނަ ކަމެއް ނޫން: ޔޫތު މިނިސްޓްރީ

ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

ކުލަބުތަކުގެ އިދާރީ ކަންކަން ހަމަޖެއްސުމަކީ އެ ކުލަބެއްގެ ޒިންމާއެއްކަމަށާއި، އެއީ އެ މިނިސްޓްރީގެ މެންޑޭޓްގައި އޮންނަ ކަމެއް ނޫންކަމަށް ބުނެ، ވެލެންސިއާއިން އޭއެފްސީ ކަޕަށް ނުދިޔަ މައްސަލައިގައި ޔޫތު މިނިސްޓްރީން ރައްދު ދީފިއެވެ.

މުބާރާތުގެ ކޮލިފައިންގެ ދެ ވަނަ ބުރުގައި ވެލެންސިއާ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ މާދަމާއެވެ.

ވެލެންސިއާ އިން ބުނެފަައިވަނީ އެ ޓީމު މުބާރާތަށް ނުދާން ނިންމީ ޓިކެޓު ލިބުން ލަސްވުމުންނެވެ. ހޮނިހިރު ދުވަހު ފުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް ޓިކެޓު ނުލިބުމުން ފުރުން އާދިއްތަ ދުވަހަށް ލަސްވިކަމަށް އެޓިމުން ބުނެއެވެ. އަދި އިއްޔެ ވެސް އެޓީމަށް ޓިކެޓު ލިބުނީ 11:55 ގައިކަމަށް އެ ޓީމުން މީޑިއާ ތަކަށް މައުލޫމާތު ދިނެވެ.

މީގެ އިތުރުން ވެލެންސިއާއިން ކޮލިފައިންއަށް ގޮސް ތިބޭނެ އެކޮމޮޑޭޝަން ވެސް ހަމަ ނުޖެހޭ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަ ނުޖެހޭކަމަށް އެ ކުލަބުން ވަނީ ބުނެފަައެވެ. އަދި އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން އެހީތެރިކަމަށް އެދި ފެބްރުއަރީ 10 ވަނަ ދުވަހު އެ ކުލަބުން ޔޫތު މިނިސްޓްރީއަށް ސިޓީ ފޮނުވި ނަމަވެސް، އެ ސިޓީގެ ޖަވާބު ލިބުނީ މިދިޔަ ހުކުރު ދުވަހުކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފައެވެ

އެކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދީފައިވާތީ އެކަމާ އެ މިނިސްޓްރީން ކަންބޮޑުވާކަމަށެވެ.

އަދި އެ ދަތުރު ކުރުމަށްޓަކައި ޓީމުގެ ޓިކެޓާއި އެކޮމޮޑޭޝަން ފައިސާ ހަމަޖައްސައި ދިނުމަށް އެދި ވެލެންސިއާއިން އޭޕްރީލް 6 ވަނަ ދުވަހު އެ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެ ކުލަބަށް ލިބިފައިވާ ފުރުސަތަކީ އޭއެފްސީ ކަޕަށް ކޮލިފައިވުމަށް ލިބިފައިވާ ފުރުސަތަކަށްވުމުން، އެ ކުލަބުން އެދުނު އެހީތެރިކަން ދިނުމަށް އެ މިނިސްޓްރީން ނިންމާފައިވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެގޮތުން އެހީގެ ގޮތުގައި ޖުމުލަ 33،540.36 އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެއީ ޖުމުލަ 27 ކުޅުންތެރިންނާއި އޮފިޝަލުންގެ ޓިކެޓަށް 28،809 އެމެރިކާ ޑޮލަރު އަދި އެކޮމޮޑޭޝަނަށް 4731.36 އެމެރިކާ ޑޮލަރެވެ. އަދި އޭޕްރީލް 7 ވަނަ ދުވަހު މި ފައިސާ ކުލަބް ވެލެންސިއާގެ އެކައުންޓަށް ޖަމާ ކުރުމަށް ބެލިއިރު، އެ ޓީމުގެ އެކައުންޓެއް ނެތްކަމަށް އެ ކުލަބުން މިނިސްޓްރީއަށް މައުލޫމާތު ދިން ކަމަށާއި، ދެން ބެލީ އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރުމަށް ކަަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެފްއޭއެމްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަަށް ނިންމި ނަމަވެސް، އޭޕްރީލް 8 އަދި 9 ވަނަ ދުވަހަކީ ހަފްތާ ބަންދު ދުވަސްތަކަށްވުމުން، ކުލަބް ވެލެންސިއާއިން އޭޕްރީލް 9 ވަނަ ދުވަހުގެ ރޭ އަލުން އެ ޓިކެޓު ނަގައިދިނުމަށް އެދި ސިޓީ ފޮނުވުމާއި ގުޅިގެން ހަމަ އެރޭ އެ ޓީމަށް ޓިކެޓު ނަގައިދީފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ވެލެންސިއާއިން މިނިސްޓްރީއަށް މައުލޫމާތު ދީފައިވަނީ އެކޮމޮޑޭޝަނާއި ކެއުމަށް ޚަރަދުވާނީ 4731.36 އެމެރިކާ ޑޮލަރު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ފައިސާ ވެސް ހަަމަޖެއްސުމަށް މިނިސްޓްރީން ނިންމި ނަމަވެސް، ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ވަގުތުން ވަގުތަށް ފައިސާ ނަގައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ޢާންމު އުސޫލެއްގެ ގޮތުން ފައިސާ ޖަމާވާނީ ޕޯސްޓް ކުރާތާ 14 ދުވަސް ފަހުން ކަމަށް އެ ބަޔާނުގައިވެއެވެ. އެހެންކަމުން، މި ގޮތަށް މުބާރާތްތަކަށް ހިނގާ ޚަރަދުތަކަށް ރީއިމްބާސް ކުރާ ގޮތަށް ޒިންމާވަމުންދަނީ ކުލަބުތަކުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އަދި އެ މިނިސްޓްރީން ބުނެފައިވަނީ އެތައް މަހެއްގެ ކުރިން ޝެޑިއުލް ލިބުނު ނަމަވެސް، ފުރަން 24 ގަޑި އިރަށްވީއިރު ވެސް ބިދޭސީ ކުޅުންތެރިންގެ ވިސާގެ ކަންތައް ހަމަ ނުޖައްސައި އޮތުމަކީ އެ މިނިސްޓްރީން ހިތާމަ ކުރާކަމެއް ކަމަށެވެ. އަދި އެ މިނިސްޓްރީން ބުނެފައިވަނީ ކުލަބުތަކަކީ ޤާނޫނީ ބާރު ލިބިދޭ އަމިއްލަ މިނިވަން ޝަޚުސިއްޔަތެއްކަމުން، ކުލަބުތަކުގެ އިދާރީ ކަންކަން ހަމަޖެއްސުމަކީ އެ ކުލަބެއްގެ ޒިންމާއެއް ކަމަށާއި، އެއީ އެ މިނިސްޓްރީގެ މެންޑޭޓްގައި އޮންނަ ކަމެއް ނޫން ކަމަށެވެ.

ވެލެންސިއާ އިން އެދުނު ގޮތަށް އޭޕްރީލް 10 ވަނަ ދުވަހު އެޓީމު ފުރާ ގޮތަށް އެ މިނިސްޓްރީން ޓިކެޓު ނަގައިދިން ނަމަވެސް، ޓީމު މުބާރާތަށް ދަތުރުކޮށްފައި ނުވާތީ އެ މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނަގާފައިވާ ޓިކެޓުތަކަކީ ނޮން ރިފަންޑަބަލް ޓިކެޓުތަކަކަށްވުމުން، ފަސްޓް ޑިވިޝަންގެ ކުލަބްތަކަށް ދޫކުރަމުން އަންނަ ފައިސާގެ ތެރެއިން ވެލެންސިއާއަށް ދޫކުރާ ފައިސާ، ކުރިއަށް އޮތް ތަނުގައި ދޭނީ ޓިކެޓަށް ޚަރަދުކުރެވިފައިވާ އަދަދު އުނިކުރުމަށްފަހު ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ބަޔާން ނިންމާލަމުން އެ މިނިސްޓްރީން ބުނެފައިވަނީ، ބައިނަލްއަޤުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެ ތަމްސީލް ކުރުމަށް ލިބޭ ފުރުސަތުތައް ގެއްލުމަކީ ކުޅިވަރަށް ލިބޭ ފޫނުބެއްދޭވަރުގެ ގެއްލުމަކަށްވާތީ، މިފަަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް އެ މިނިސްޓްރީން ކުރިއަށް އޮތް ތަނުގައި ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް