ޔާމީން ކުރެއްވީ ޑޮލަރުގެ މުއާމަލާތެއް ކަމަށް ބުނުމުން ދައުލަތުން ރައްދު ދީފި

އިދިކޮޅު ހަރަކާތެއްގައި ރައީސް ޔާމީން: ވެރިކަމުގައި ހުންނަވައިގެން ވިޔަފާރި ނުކުރެވޭނެ ކަމަށް ދައުލަތުން މިއަދު ވަނީ ކޯޓުގައި ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރެއްވީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ދިފާއީ ވަކީލް ވިދާޅުވެއްޖެއެވެ.

ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދަޢުވާ އުފުލާފައެވެ.

އެއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ކަމަށް ނިންމުމުގެ ކުރިން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ, ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާއާ ގުޅޭ ގޮތުން ހުށަހަޅާފައިވަނީ ދެ ހެކިން ކަމަށެވެ.

އެ ދެ ހެކިންނަކީ، ނައިބު ރައީސް ކަމުން ޑރ. ޖަމީލް ދުރުކޮށް ދެން އެ މަގާމަށް އައްޔަންކުރި އަޙްމަދު އަދީބްގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ފެންމަތިވިއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޢަބްދުالله ޒިޔަތުއެވެ.

ނަމަވެސް އެ ދެ ހެކިވެރިންނާ ވެސް ރައީސް ޔާމީންގެ މައްސަލައާ ގުޅުމެއް ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި އެ ދެ ހެއްކަށް ބާރުލިބޭ އެއްވެސް ހެއްކެތް ނެތް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ރިޝްވަތުގެ އެއްވެސް އަމަލެއް ރައީސް ޔާމީން ނުހިންގާކަން ފާހަގަކޮށް ޑރ. ޖަމީލް ވިދާޅުވީ, އެ ދެމެދުގައި ހިނގާފައިވަނީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. އަދި އެއީ އެއްވެސް ކަމެއްގެ މުގާބިލްގައި ލިބުނު ފައިސާއެއް ނޫން ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. އެކަމުން ރައީސް ޔާމީނަށް ލިބުނު މަންފާއެއް ނެތްކަންވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ, އެ މުއާމަލާތް ހިންގި އިރު ރައީސް ޔާމީން ހުންނެވީ ގާނޫނީ ގޮތުން އެއްވެސް ވިޔަފާރިއެއް ކުރެވޭނެ ހާލަތެއްގައި ނޫން ކަމަށެވެ. އެއީ ރައިސުލްޖުމްހޫރިއްޔާ އެއްވެސް ވިޔަފާރިއެއް ކުރެއްވުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ގާނޫނު އަސާސީގައި ލިޔެފައި އޮންނާތީއެވެ.

ގާނޫނު އަސާސީގެ 119 ވަނަ މާއްދާގެ ހ. ގައި ވަނީ, ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ދައުލަތާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ރައިސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.

ރައީސް ޔާމީން ފްރޭމް ކުރުމަށް މަސައްކަތް ކުރާ ކަމަށް ދިފާއުން ޑރ. ޖަމީލް ވަނީ ދައުލަތަށް ތުހުމަތުކުރައްވާފައެވެ. އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ, ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަސްއޫލިއްޔަތު އަދާކުރުމަކީ ފްރޭމް ކުރުން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ, މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަޙްމަދު ޝަކީލް ވަނީ ނިންމަވައިފައެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމަށް އެންމެ ފުރަތަމަ ދެއްވީ 10 ދުވަހެވެ. އެއީ އާންމުގޮތެއްގައި ވެސް ދެއްވަމުން ގެންދަވަނީ 10 ދުވަސް ކަމަށް ވިދާޅުވުމަށްފަހުއެވެ.

ދިހަ ދުވަހަކީ އެވަރުގެ ބޮޑު މައްސަލައަކަށް މަދު ވަގުތެއްކަން ފާހަގަކޮށް ހުށަހެޅުންތައް ހުށަހެޅުމަށް 30 ދުވަސް ދެއްވުމަށް ޔޫސުފް ނައީމްގެ ވަކީލް އެދިވަޑައިގަތެވެ. އެކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ވެސް ތާއިދު ކުރިއެވެ. ވަކީލުން ވިދާޅުވީ މައްސަލައިގެ ބާވަތުން ގިނަ ލިޔެކިޔުންތަކެއް ދިރާސާ ކުރަން ޖެހޭނެ ކަމަށާއި ގިނަ ހުށަހެޅުންތަކެއް ހުންނާނެ ކަމަށެވެ.

ނަމަވެސް ދިފާއުން އެދުނު 30 ދުވަހުގެ ބަދަލުގައި 15 ދުވަހުގެ ތެރޭގައި، ހުށަހަޅަން ހުރި ހުށަހެޅުންތައް ލިއުމުން ކޯޓަށް ހުށަހެޅުމަށް ފުރުސަތު ދެއްވުމަށްފަހު ގާޒީ ވަނީ މިއަދުގެ އަޑުއެހުން ނިންމަވާލައްވާފައެވެ.

އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.

comment ކޮމެންޓް