ލިޔުމުން ހޯދަންޖެހޭ ޖަވާބަކަށް، އޮޅުމަކުން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް

ލިޔުމުން ޖަވާބު ހޯދުމަށް، ފިޝަރީސް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން "އޮޅިގެން" މަޖިލީހަށް ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށްފައިވަނީ، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ކުރެއްވި ސުވާލަކަށް ޖަވާބު ހޯއްދެވުމަށެވެ.

މެންބަރު ސުވާލުކުރައްވައިފައި ވަނީ ދިއްދޫގައި އައިސް ޕްލާންޓް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށި އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ލަފާކުރާ ތާރީޚާ ގުޅޭ ގޮތުންނެވެ.

މިނިސްޓަރު ހުސެއިން މަޖިލީހަށް ހާޒިރުވެވަޑައިގެން ދެއްވެވި ޖަވާބުގައި ވިދާޅުވީ އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.

މެންބަރު ވަހީދުގެ ސުވާލަށްފަހު، އިތުރު މެންބަރުންނަށް ވެސް ސުވާލުކުރުމުގެ ފުރުސަތު ހުޅުވައިލައި، މިނިސްޓަރު ވަނީ 30 މިނިޓު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަވަވައިފައެވެ.

ގިނަ މެންބަރުންތަކަކަށް ސުވާލުކުރުމުގެ ފުރުސަތު ރިޔާސަތުން ދެއްވި ފަހުން، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މިނިސްޓަރާ ސުވާލުކުރައްވަން ހުށަހަޅުއްވައިފައި އޮތީ ލިޔުމުންކަން ރިޔާސަތުގެ ސަމާލުކަމަށް ގެންނަވައިފައެވެ.

"ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ކުރެއްވި ސުވާލުގެ ޖަވާބު ލިޔުމުން ވެސް ޖަވާބު ދެއްވަން ޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ، 80 ވަނަ މާއްދާގެ ދަށުން ސުވާލުކުރެއްވި ކަމަށް ސުވާލުގެ ލިޔުމުގައި މިއޮތީ،" މެންބަރު ޝަރީފް ވިދާޅުވިއެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މެންބަރުގެ ނިޒާމީ ނުކުތާ ބަލައިގަނެ، މިނިސްޓަރު ހާޒިރު ކުރެވުނީ ގޯހަކުން ކަމަށް ވިދާޅުވެފައެވެ.

"އިއްޒަތްތެރި ވަޒީރު މި ތަނަށް ވަޑައިގެން ތި އިންނެވީ، އަޅުގަނޑުމެންނަށް އިއްޒަތްތެރި ވަޒީރު އަރިހުގައި ވަޑައިގެންނަވަން ދެންނެވުނީ ގޯހުން، އަޅުގަނޑުމެން އިއްޒަތްތެރި ވަޒީރަށް ސުވާލުގެ ޖަވާބު މި ތަނަށް ލިޔުމުން ފޮނުވަން ދަންނަވަން ޖެހިފައި އޮންނަން ޖެހޭނީ، މި ކަންތައްތައް އަޅުގަނޑުމެންނަށް މި ހިންގާ ދިޔައީ މިކަން ހިނގާންވީ ގޮތަކަށެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް