މާލެ ސިޔާސީ މީހުންނަށް، އެހެން މީހުން ގޮތް ހުސްވެފައި!

މާލޭގެ ގިނަ ބަޔަކު ހިތްފަސޭހަ ކޮށްލަން ގޮސް އުޅޭ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމުގައިވާ ސުނާމީ ބިނާގެ ސަރަހައްދުގައި އެމްޑީޕީން އިންސާފުގެ ނަމުގައި ކޭމްޕް މަރުކަޒެއް ގާއިމްކޮށް ކުރިއަށް ގެންދާ މުޒާހަރާއަށް އެއް މަސް ދުވަސް ވެފައި ވަނިކޮށް، މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދު އެމްޑީޕީއަށް އިތުރު ތިން މަސް ދުވަހަށް ދީފަ އެވެ. ސިޓީ ކައުންސިލުންގެ އެ ނިންމުމާ ގުޅިގެން، ސިޔާސީ ހަރަކާތްތައް ހިންގުމަށް މާލޭގެ އިތުރު ދެ ބިމެއް ހޯދަން އެދި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ވަނީ ހުށަހަޅާފަ އެވެ. އަދި ސިޔާސީ ހަލަބޮޮލިކަން އިތުރުވެ މުޅި ވެރިރަށުގެ ހުރިހާ ހިސާބަކަށް ސިޔާސީ ސީދާ ހަރަކާތްތައް ވަނީ ފެތުރިފަ އެވެ.

ސިޔާސީ ހަރަކާތްތައް ހިންގުމަށް ސިޔާސީ ޕާޓީތަކަށް މާލޭގެ އެކިއެކި ސަރަހައްދުތައް ދިގު މުއްދަތަކަށް ދެމުންގެންދާއިރު މާލޭގެ މަގުތަކާއި އެހެން ސަރަހައްދުތަކުގައި އޮންނަނީ މުޒާ އެވެ. އޮފީސްތަކަށާއި ސްކޫލްތަކަށާއި ހުރިހާ ދިމާއަކަށް ވަނީ ސިޔާސީ އޮއިވަރު ދެމިފަ އެވެ. އޭގެ ތެރެއިން ކުރިފަޅައި ކުށުގެ ވެއްޓެއް މާލޭގައި އުފެދި ބިރުވެރި ތަނަކަށް ދަނީ ބަދަލުވުމުންނެވެ. އަދި މުޒާހަރާތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވުމުގެ ޝަކުވާތައް ފުލުހުންނަށް ދަނީ ހުށަހަޅަމުންނެވެ.

ސުވާލަކީ ސިޔާސީ ޕާޓީތައް މުޅި މާލެ "ހިފައިގެން" ސިޔާސީ ހަރަކާތްތައް ހިންގާއިރު ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވާ ހިމޭން ކަމާއެކު ސުލްހަވެރިކަމުގައި ދިރިއުޅެމުންދާ އެންމެނަށް އޮތީ ކޯންޗެއް ހެއްޔެވެ؟ އެމީހުންގެ ހައްގުތައް ކޮބައިހެއްޔޭ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ސުނާމީ ބިނާ ހުންނަ ސަރަހައްދަކީ ގިނަ ބަޔަކު ފިނި ބުރުޖެހުމަށާއި ކަސްރަތުކޮށްލުމަށާއި ހިތްފަސޭހަކޮށްލަންދާން މާލޭގައި އޮތް ހަމައެކަނި ސަރަހައްދެވެ. އަދި އެސަރަހައްދަކީ އަބަދުވެސް ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ޖަމާވާ ސަރަހައްދެކެވެ. ކުޑަކުދިންނަށް ވެއްޔާ ކުޅެލެވެން އޮންނަ ސަރަހައްދަކީ ވެސް އެއީ އެވެ. އެނޫނަސް ޒުވާނުންނާއި އެކިއުމުރުފުރާގެ މީހުން އެމީހުންގެ ހިތްފަސޭހައަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އައި ބިމަކީ އެއީ އެވެ.

"ސިޔާސީ ސަކަރާތްގަނޑުގެ ތެރޭގައި ނޫޅުނަސް އެކަމުގެ އުނދަގޫތައް އަހަރެމުންނަށް ވެސް އެބަ ފޯރާ. ހިތްހަމަޖައްސާލަން މިދަނީ ސުނާމީ ބިނާ ސަރަހައްދަށް ކޮންމެ ރެއަކުހެން. ނަމަވެސް މިހާރު ނޯވޭ މަޑުކޮށްލެވޭކަށް،" ސުނާމީ ބިނާ ސަރަހައްދުގައި ހުންނަ ގާޑިއާ ތަކަށް އާއްމުކޮށް ގޮސްއުޅޭ މީހަކު ބުންޏެވެ.

ރާއްޖޭގެ އާބާދީގެ ވޯޓްލާ އުމުރުގެ އާބާދީގެ ގާތްގަނޑަކަށް 60 ޕަސެންޓް މީހުންނަކީ ސިޔާސީ އެއްވެސް ޕާޓީއަކަށް ނިސްވަތްނުވާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާއިރު ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެކިއެކި ހަރަކާތްތަކުގެ ސަބަބުން ހައްގުތައް ގެއްލޭ މީހުންގެ ހައްގުތައް ހޯދާނީ ކިހިނެއް ހެއްޔެވެ؟

ޖުމްހޫރީ ޕާޓީން އެސްޓީއޯގެ ދެކުނުން އޮންނަ ހުސްބިން އެއްއަހަރު ދުވަހުގެ މުއްދަތަށް، ޕީޕީއެމުން އާޓިފިޝަލް ބީޗުގެ ސަރަހައްދު އެއް އަހަރާ އަށް މަހާ ދެހަފުތާގެ މުއްދަތަކަށް ހޯދުމަށް އެދިފައި އޮތުމަކީ އެމްޑީޕީއަށް ލޮނު ޒިޔާރާތް ކޮޅު ދިނުމުން ސިޓީ ކައުންސިލަށް ކުރި ޖެއްސުމަކަށް ވެދާނެ އެވެ. އެހެންނަމަވެސް ފެންނަ އޮތް ހަގީގަތަކީ ސިޔާސީ ހަރަކާތް ނޫން އެހެން ކަމެއް ވެރިރަށުގެ ތެރޭގައި ނެތިދާ ދިއުމެވެ. އެހެން ބަޔަކަށް އެކަށީގެންވާ މާހައުލު ނެތިދާ ދިއުމެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިޔާ ކަމުގައި ކަނޑައަޅާފައިވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި މާލޭގެ އެކިއެކި ސަރަހައްދުތައް އެގޮތަށް ސިޔާސީ ހަރާކާތްތަކަށް ބޭނުންކުރަމުންދާ މައްސަލާގައި ކަންބޮޑުވާތީ، ނުރަސްމީކޮށް ކޮމިޝަންގެ މެންބަރުން ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެ ބިންތަކަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަން ކަމުގައިވާއިރު ގާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޯވެ އެވެ.

"ކޮމިޝަނުން ވެސް އެކަމާ ކަންބޮޑުވޭ. ނަމަވެސް ކޮމިޝަނަށް އެކަމުގެ ތެރެއަށް ވަދެވޭނެ އަދި ބެހެވޭނެ އެއްވެސް ގޮތެއް އޮތް ކަމަށް މެންބަރުން ނުދެކެން. ތިކަމަކީ ކަންބޮޑުވާވަރުގެ ކަމެއް އަމިއްލަ ގޮތުން އަޅުގަނޑު ތިކަމާ ކަންބުޑުވަން،" ފުއާދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން އެބައިމީހުންގެ ސިޔާސީ އެކިއެކި ހަރަކާތްތައް ހިންގުމަށްޓަކައި މާލޭގެ އެކިއެކި ސަރަހައްދު ހޯދައި، އަދި ހޯދުމަށް އެދެމުން އަންނައިރު ގިނަ ބަޔަކު ބަޔަކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާކަށް ބޭނުމެއް ނުވެއެވެ.

"އަޅުގަނޑާ އަޅުގަނޑު އާއިލާ ބޭނުންވޭ އާޓިފިޝަލް ބީޗަށް ދާން، ރާޅުގަނޑާ ސުނާމީ ބިނާ ސަރަހައްދަށް ދާން ޖުމްހޫރީ މައިދާން ކައިރިއަށް ދާން. އެކަމަކު އެއިން އެއްވެސް ތަނަކަށް ވަންނާނެ ފުރުސަތެއް މިހާރަކު ނެތް ސިޔާސީ މީހުންގެ ހަރަކާތްތަކަށް ޖާގަ ދިނުމަށްފަހު،" މީހަކު ބުންޏެވެ.

މާލެ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ޑީއާރްޕީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި މާލޭގެ ގިނަ ބަޔަކު އެއްވެ އުޅެން އޮތް ހަމައެކަނި ސަރަހައްދު ސިޔާސީ ހަރަކާތަށް ވަކި ބައަކަށް ދިގު މުއްދަތަކަށް ދޫކޮށްލާފައި އޮތުމާ މެދު ކަންބޮޑުވެ އެވެ. އަދި އެމައްސަލައާ މެދު އަލުން ވިސްނުމަށް ކައުންސިލްގައި ދެން އޮންނަ ބައްދަލުވުމަކަށް އެނާ ހުށަހަޅުއްވާނެ އެވެ. އަދި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން އެދިފައިވާ ގޮތަށް އެސަރަހައްދުތައް އެޕާޓީތަކަށް ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައިވާއިރު އެތަންތަނަކީ އާއްމުކޮށް ރައްޔިތުން ބޭނުން ކުރަމުންދާ ތަނަކަށްވާއިރު ސިޔާސީ ވިސްނުންތަކަށް ލަބާލާފައި ދިނުމަކީ އިންސާފުވެރި ގޮތެއް ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑު ހުށަހަޅާނަން އެގޮތަށް މާލޭގެ ބިންތައް ދިދުމުއްތަކަށް ސިޔާސީ ހަރަކާތްތަކަށް ދިނުމާ މެދު އަލުން ވިސްނުމަށް. ސިޔާސީ ޕާޓީތަކުގެ ޑިމާންޑަކަށް މާލެ ވެގެން ނުވާނެ. އަދި މާލޭގައި ދިރިއުޅޭ ގިނަ ބައެއްގެ ހައްގުތައް ގެއްލޭފަދަ ގޮތަކަށް ސިޔާސީ ޕާޓީތަކަށް ފުރުސަތު ހުޅުވައިދީގެން ވެސް ނުވާނެ،" އެމްޑީޕީއަށް ސުނާމީ ބިނާ ސަރަހައްދު ދިނުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކުރިއިރު އެކަމާ ދެކޮޅަށް ވޯޓް ދެއްވާފައިވާ ޝުޖާއު ވިދާޅުވި އެވެ.

މާލެތެރޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމާ ގުޅިގެން ސިޔާސީ ޕާޓީތަކަށް ތާއީދުނުކުރާ އެތައް ބައެއްގެ ހައްގުތަކެއް ގެއްލިގެންދާއިރު މިކަމާ މެދު ގިނަ ބަޔަކު ދަނީ ކަނބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު މިއީ މާ ބޮޑަށް މިހާތަނަށް ވެސް ވާހަކަ ދެކެވިފައިވާ ކަމެއް ނޫނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް