ސަލްމާން މިސްކިތުގައި ޕީޕީއެމުން ދަރުސް ބާއްވަން ހުއްދަ ނުދިން މައްސަލަ މަޖިލީހަށް

މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފް ޢުމަރު --

މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި ޕީޕީއެމުން އިންތިޒާމް ކޮށްގެން ދީނީ ދަރުހެއް ބާއްވަން ހުއްދަ ނުދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރުއެވެ.

މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދަ ސިޔާސީ ޕާޓީތަކަށް ދޫކުރާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވި ކަމަށް ރާއްޖޭގެ ނޫސްތަކުގައި ޢާންމުކުރުމާ ގުޅުވައިގެން ޕީޕީއެމްގެ ފަރާތުން ކިންގް ސަލްމާން މިސްކިތުގައި ދަރުސް ބޭއްވުމުގެ ހުއްދަ އަށް އެދި މި މަހުގެ ހަވަނަ ދުވަހު ސިޓީއެއް ފޮނުވި ކަމަށެވެ.

މީގެ އިތުރުން އެ ސިޓީއާ ގުޅުވައިގެން މިސްކިތްތަކުގައި ސިޔާސީ ޕާޓީތަކުން، ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ފޯނުން އެންގެވި ކަމަށް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

ނަމަވެސް މި މަހުގެ އަށްވަނަ ދުވަހުގެރޭ އިސްލާމިކް މިނިސްޓަރު ނިސްބަތްވެ ވަޑައިގަންނަވާ، އަދާލަތު ޕާޓީން ޝަހީދު ޢަލީ މިސްކިތުގައި އެ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުހެއް ބާއްވާފައިވާކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަހީދު ޢަލީ މިސްކިތުގައި މި މަހުގެ އަށް ވަނަ ދުވަހު، އަދާލަތު ޕާޓީން ބޭއްވި ދަރުސްގެ ތެރެއިން --

"އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރަކީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުކަށް ވެފައި އަދި ސިޔާސީ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދެއްވަން ނިންމި ކަމަށް ވިދާޅުވި ނަމަވެސް އަދާލަތު ޕާޓީއަށް އެ ފުރުސަތު ދެއްވަމުން ގެންދަވާކަން ވަނީ ފާހަގަ ކުރެވިފައި،" އާދަމް ޝަރީފްގެ މައްސަލައިގައި ވެއެވެ.

މި މައްސަލާގައި އިތުރަށް އާދަމް ޝަރީފް އެދިވަޑައިގަތީ ޕީޕީއެމުން ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ވެސް ޖަވާބު ދީފައި ނުވާތީ އާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެނީ ކީއްވެގެންތޯ އާއި ދީނީ ދަރުސް ދިނުމަށް މިސްކިތްތައް ދޫކުރާ އުސޫލެއް ކަނޑައަޅާފައިވޭތޯ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށެވެ.

ޕީޕީއެމް، ޕީއެންސީން ބުނީ ސަލްމާން މިސްކިތުގައި ދީނީ ދަރުސް ބާއްވަން އިސްލާމިކް މިނިސްޓްރީން ހުއްދަ ނުދިނީ ދީނީ ދަރުސް ދިނުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ފޮނުވި ސިޓީގައި"އިންޑިއާ އައުޓް" ސްޓޭމްޕް ޖަހައިފައި އޮތުމުން ކަމަށެވެ.

comment ކޮމެންޓް