އެވަޓަން ސަޕޯޓަރެއްގެ ފޯނު ވައްޓާލުމަށް ފަހު، ރޮނާލްޑޯ މަޢާފަށް އެދިއްޖެ

ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން ބަލިވި މެޗަށްފަހު ކުރެވުނު ކަންތަކާ މެދު ކްރިސްޓިއާނޯ ރޮނާލްޑޯ މަޢާފަށް އެދިއްޖެއެވެ.

ލީގުގައި ރޭ ޔުނައިޓެޑް ވަނީ 1-0ގެ ނަތީޖާއަކުން ބަލިވެފައެވެ. މި ނަތީޖާއާއެކު ގަދަ ހަތަރެއްގެ ޖާގައަށް އުންމީދުކޮށް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް މަސައްކަތްކުރާ ޔުނައިޓެޑަށް ހާސްކަމެއް ލިބޭނެއެވެ.

މެޗަށްފަހު ދަނޑުން ފައިބައިގެން ދަމުން ރޮނާލްޑޯ ވަނީ އަތުން ޖަހައި ސަޕޯޓަރެއްގެ މޯބައިލް ފޯނު ވައްޓާލާފައެވެ. އަދި އޭނާ އަތުން ޖަހައި ފޯނު ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެކަމާ ގުޅިގެން ޔުނައިޓެޑުން އެ ހާދިސާ ހިނގައި ދިޔަ ގޮތް ބަލަމުންދާކަމަށް އެ ކުލަބާ ހަވާލާދީ މީޑީއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ރޮނާލްޑޯ ވަނީ މިހާރު މަޢާފަށް އެދިފައެވެ. އިންސްޓަގްރާމްގައި އޭނާ ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިމޯޝަނަލީ އެކަހަލަ ކަންކަމާ ޑީލްކުރުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި އެކަކު އަނެކަކަށް އިޙްތިރާމްކުރަން ޖެހޭކަމަށާއި، ކެތްތެރިވާން ޖެހޭ ކަމަށާއި އަދި ފުޓުބޯޅަ ދެކެ ލޯބިވާ ހުރިހާ ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދައްކަން ވެސް ޖެހޭކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ އޭނާގެ އަމަލަށް މަޢާފަށް އެދޭކަމަށާއި، އެ ސަޕޯޓަރަށް ޔުނައިޓެޑްގެ ދަނޑަށް (އޯލްޑްޓްރަފާޑް) މެޗެއް ބަލަން ދިޔުމަށް ދައުވަތުދޭ ކަމަށެވެ.

ރޮނާލްޑޯގެ އެ އަމަލާ ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. މީގެ ކުރިން ވެސް ރޮނާލްޑޯގެ ފަރާތުން ވަނީ މި ކަހަލަ ކަންކަން ފެނިފައެވެ.

އެގޮތުން ހަންގޭރީ އާއި ޕޯޗުގަލް ކުޅުނު މެޗަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން އޭނާ ވަނީ އެ ނޫސްވެރިޔާގެ އަތުގައި އޮތް މައިކު ކޯރަކަށް ހޫރުވާލާފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސާބިއާ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ ފަހުކޮޅު ރޮނާލްޑޯ ކާމިޔާބުކުރި ލަނޑު ބަލައި ނުގަތުމަށް ރެފްރީ ނިންމުމުން އައި ރުޅީގައި ރޮނާލްޑޯ ވަނީ އޭނާގެ އަތުގައި އޮތް ކެޕްޓަން ބޭންޑު އެއްލައިލާފައެވެ. އަދި އެ ރުޅީގައި އޭނާ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ދަނޑުން ވެސް ފައިބައިގެން ގޮސްފައެވެ.

comment ކޮމެންޓް