މެސީ، އެމްބާޕޭ އަދި ނޭމާގެ މޮޅު ކުޅުމާއެކު ޕީއެސްޖީއަށް ބޮޑު މޮޅެއް

ނޭމާ، މެސީ އަދި އެމްބާޕޭ މިރޭގެ މެޗު ތެރެއިން އުފާ ފާޅުކުރަނީ

ފްރާންސް ލީގުގައި ރޭ ކްލާމެންޓް ފޫޓާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ އަދި ނޭމާ ޖޫނިއާގެ މޮޅު ކުޅުމާއެކު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން ބޮޑު މޮޅެއް ހޯދައިފިއެވެ.

ރޭގެ މެޗުގައި އެމްބާޕޭ އާއި ނޭމާ ވަނީ ހެޓްރިކް ހަދާފައެވެ. އަދި މެސީ ވަނީ އެސިސްޓު ހެޓްރިކެއް ހަދާފައެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނޭމާ ވަނީ ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި އެމްބާޕޭ ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާކޮށް ދިނީ ވެސް މެސީ ތަނަވަސްކޮށްދިން ބޯޅައަކުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްލާމެންޓުން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޑެލް ޑޮސޯއުއެވެ.

ދެ ވަނަ ހާފުގައި ޕީއެސްޖީން ކްލާމެންޓަށް އިތުރު ލަނޑެއް ޖަހާނެ ފުރުސަތެއް ނުދުއެވެ. އެ ޓީމުގެ ފޯވާޑުންގެ ލައިންގައި ތިބި މެސީ އަދި އެމްބާޕޭގެ އިތުރުން ނޭމާ ވަނީ ކްލާމެންޓުގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ.

ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ނޭމާ ކާމިޔާބުކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ ތިން މިނެޓު ފަހުން މެޗުގެ 74 ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާއެކު އެމްބާޕޭ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ.

އޭގެ ހަ މިނެޓު ފަހުން މެޗުގެ 80 ވަނަ މިނެޓުގައި އެމްބާޕޭ އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހެދީ މެސީ ތަނަވަސްްކޮށްދިން ބޯޅައަކުންނެވެ. މެޗުގެ 83 ވަނަ މިނެޓުގައި ނޭމާ އޭނާގެ ތިން ވަނަ ލަނޑު ޖެހިއެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ އެމްބާޕޭގެ އެހީތެރިކަމާއެކުއެވެ. މި ނަތީޖާއާއެކު މެޗު ނިމުނީ 6-1އިން ޕީއެސްޖީ މޮޅުވެގެންނެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އެއް ވަނައިގައި ޕީއެސްޖީ އޮތީ 71 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ރެނޭސް އޮތީ 56 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި އޮތް މާސެއިލްއަށް ވެސް 56 ޕޮއިންޓު ލިބޭއިރު، ހަތަރު ވަނައިގައި އޮތް ސްޓްރަސްބާގަށް ލިބެނީ 51 ޕޮއިންޓެވެ.

comment ކޮމެންޓް