އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން އާސެނަލް ބަލިވެއްޖެ

ލީގުގައި މިރޭ އާސެނަލް އާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕަރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން އާސެނަލް ބަލިވެއްޖެއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 25 ވަނަ މިނެޓުގައި އާސެނަލްގެ ގެބްރިއާލް މާޓިނެލީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގައި ލަނޑު ޖަހައި ފުރަތަމަ ލީޑު ނަގާފައިވަނީ ބްރައިޓަންއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ލިއާންޑްރޯ ޓްރޮސާޑެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ ގްބެރިއާލް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައި ނުގަތުމަށް ނިންމާފައެވެ.

ދެވަނަ ހާފުގައި މެޗުގެ 66 ވަނަ މިނެޓުގައި ބްރައިޓަން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އީނޮކް އެމްވޭޕޫއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ މޮއިސެސް ކައިސޭޑޯ ދިން ބޯޅައަކުންނެވެ.

އާސެނަލްގެ ހަމައެކަނި ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ގްރާނިޓް ޖާކާގެ އެހީތެރިކަމާއެކު ޖަހައިދިނީ މާޓިން އޯޑެގާޑެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 37 ޕޮއިންޓު ހޯދައިގެން ބްރައިޓަން އޮތީ ތާވަލްގެ 11 ވަަނައިގައެވެ. މެޗުން ބަލިވި އާސެނަލް އޮތީީ 54 ޕޮއިންޓާއެކު ފަސް ވަނައިގައެވެ.

މިރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު، ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑް ވަނީ 3-0 ގެ ނަތީޖާއަކުން ވަޓްފޯޑު ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ނިއުކާސަލް އިން ވަނީ 1-0 އިން ވަލޮފްސް ބަލިކޮށްފައެވެ.

comment ކޮމެންޓް