މާލޭ މީހުންނަށް ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލާނީ ޖޫން މަހު

ސެޕްޓެމްބަރ 2، 2021: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ރަށްވެހިންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރަން އަންނަ ޖޫން މަހު ހުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް, މާލެ ސަރަހައްދުން ބިން ދޫކުރަން ނިންމާފައިވާކަން އިޢުލާން ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މިކަން ހައްލުކުރުމުގެ ގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2،000 ދޭނެ ކަމަށެވެ. ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކާ ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ހައުސިން މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

ބުދަ ދުވަހު ބޭއްވި މި ޖަލްސާގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަންނަ ޖޫން ހިސާބުގައި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ގޯތި ދޭއިރު އެންމެ އިސްކަމެއް ދޭނީ އާއިލާތަކުން އެކުވެގެން ހުށަހަޅާ އެޕްލިކޭޝަންތަކަށް ކަމަށް މީގެ ކުރިން ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

https://sun.mv/163093

މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބިންތަކަށް ކުރިމަތިލެވޭނީ މާލޭ ރައްޔިތުންގެ ތެރެއިން 600 އަކަފޫޓްގެ ބިމެއް ނެތް މީހުންނަށް ކަމަށެވެ. ވާރުތަ ކުރަން ވެސް އެވަރުގެ ބިމެއް ނެތުމަކީ ޝަރުތެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިން ދޭން މާކްސް ދޭއިރު އެ މީހެއްގެ އުމުރަށް ވެސް ބަލާނެ ކަމަށާއި އެގޮތުން އުމުރުން ޒުވާން މީހުންނަށް ގިނަ މާކްސް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން، ބަލަން ޖެހޭ މީހުންނާއި ދަރިންގެ އަދަދަށް ބަލައި ވެސް މާކްސް ދޭނެ އުސޫލެއް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލާ މީހުންނަށް ވެސް މާކްސް ލިބޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

comment ކޮމެންޓް