ތިމާވެށީގެ ކަންކަން ނިންމުމުގައި ކުޑަކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެ: ފަޒްނާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު: ތިމާވެށީގެ ކަންކަން ނިންމުމުގައި ކުޑަކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ތިމާވެށީގެ ކަންކަމުގައި ކުޑަކުދީންގެ މަޢުލޫމާތު މުއްސަނދި ކަމަށާއި އެހެންކަމުން އެކުދިންގެ ޚިޔާލާއި މަޝްވަރާ ތިމާވެށީގެ ކަންކަން ނިންމުމުގައި ހޯދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން މިއަހަރުގެ ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް "ވީ ދަ ޕީޕަލް އެންޑް އަވާ ޕްލެނެޓް: ހެލްތީ، ރެސިލިއެންޓް، ސަސްޓެއިނަބަލް"ގެ ނަމުގައި ބޭއްވި ހައި-ލެވެލް ޕެނަލް ޑިސްކަޝަންގައި ޗީފް ގެސްޓެއްގެ ގޮތުގައި ބައިވެރިވެވަަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ފަޒްނާގެ އިތުރުން މި ޕެނަލް ޑިސްކަޝަންގައި އެކި ޤައުމުތަކާއި ޖަމާއަތްތައް ތަމްސީލުކުރައްވާ މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ސާވޭއިން ހާމަވި އެންމެ މުހިންމު އެއްޗަކީ މިހާރުން މިހާރަށް ތިމާވެށި ރައްކާތެރި ކުރުމަށް ފިޔަވަޅު އަޅައިފި ނަމަ ތިމާވެށްޓަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑުތަން ކުޑަކުރެވޭނެ ކަމަށް އެކުދިން ޤަބޫލުކުރާ ޤަބޫލުކުރުމެވެ. އަދި ތަޢުލީމު އުނގަންނައިދޭ ބޭފުޅެއްގެ ހައިޞިއްޔަތުން އެކަމަނާ ވަނީ ކުދިންގެ ޚިޔާލުތަކާއި، ކަންބޮޑުވުންތަކާއި، އިޙްސާސްތައް އަޑުއެހުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވިދާޅުވިގޮތުގައި، އެ ސާވޭއިން ހާމަވި އަނެއްކަމަކީ މީހުންގެ ދިރިއުޅުމުގެ ފެންވަރަށް ބިނާވެ، ތިމާވެށްޓާ ގުޅޭގޮތުން ކުދިންގެ މެދުގައިވާ "ނޮލެޖް ގެޕް" އެވެ. އަދި، އެކަމަނާ ދެކިވަޑައިގަންނަވާގޮތުގައި މި "ނޮލެޖް ގެޕް" ގުޅުވާލުމަށް ބޭނުން ކުރެވޭނެ އެންމެ ރަނގަޅު ފާލަމަކަށް ސްކޫލްތައް ހެދޭނެކަމުގައި ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަނީ ހުރިހާ އުމުރުފުރަޔަކަށް ވެސް ތިމާވެށީގެ ކަންކަމުގައި ގުޅިގެން މަޝްވަރާކުރުމަށްފަހު އެދެވޭ ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް ހޯދައިދިނުމުގެ މުހިންމުކަން ހާމަކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް އުޅުއްވި ދުވަސްވަރު ކުޑަކުދިންނާ ގުޅޭ ގިނަ ކަންކަން ދަސްވެވަޑައިގެންނެވިކަމަށާއި، އެ ފިލާވަޅުތަކުގެ އަލީގައި އެކަމަނާ ޤަބޫލުފުޅު ކުރައްވާގޮތުން ތިމާވެށީގެ ކަންކަމުގައި ކުޑަކުދިންގެ މަޢުލޫމާތު މުއްސަނދިކަމުގައި ވިދާޅުވެ އެކުދިންގެ ޚިޔާލާއި މަޝްވަރާ ތިމާވެށީގެ ކަންކަން ނިންމުމުގައި ހޯދޭނެކަމުގައި ވިދާޅުވެފައެވެ.

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ސާވޭގައި ބުނާގޮތުން ތިމާވެށްޓާއި ގުޅިގެން ކުދިން ކަންބޮޑުވި ނަމަވެސް އެކުދިން ތިމާވެށި ރައްކާތެރިކުރުމަށް ޝައުޤުވެރިވެ އެކަމަށް މަސައްކަތް ކުރަން ބޭނުންވާ ކަމުގައެވެ.

އެކަމަނާ ވަނީ މިންތީގެ ހަމަހަމަކަމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކާއި ގުޅޭގޮތުން ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންގެ އަޑު އެހުމަށް ޕްލެޓްފޯމެއް ޤާއިމުކުރުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ. އަދި، އެކުދިންނަށް ފުރުޞަތު ފަހިކޮށްދީފި ނަމަ އަޅުގަނޑުމެން ފެންނަން ބޭނުންވާ ބަދަލު އެކުދިންނަަށް ގެނެސްދެވޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ކުޑަކުދިންނާ ޒުވާން އުމުރުފުރައިގެ ކުދިންނަށް ފަޒްނާ ދެއްވެވި މެސެޖުގައި ވަނީ އެކަމަނާއަށް އެކުދިންގެ ވާހަކަތަކާއި ކަންބޮޑުވުންތައް އަޑުއިވިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އަދި، ކުޑަކުއްޖެއްގެ ނަޒަރުން ދުނިޔެ ދުށުމަކީ ބޮޑެތި މީހުންނަށް ލިބޭ ޝަރަފެއްކަމުގައި ވިދާޅުވަމުން އެކަމަނާ ވިދާޅުވީ ބޮޑެތި މީހުން ކުޑަކުދިންގެ ވާހަކަތައް ކަނުލާ އަޑުއަހަންވާނެ ކަމުގައެވެ.

ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްވެވި މެސެޖުގައި ވަނީ ކުޑަކުދިންނަށް ތިމާވެށީގެ ސަބަބުން ކުރިމަތިވާ ފިކުރުތައް ކުޑަކުރުމަށް ދުރު ރާސްތާ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެކަމަނާ ވަނީ ރާއްޖޭގެ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް ސްކޫލްތަކުން ފެށި ޕްރޮގްރާމް ޤައުމީ ސިޔާސަތަކަށް ވެއްޖެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސިޔާސަތު ކަނޑައެޅުމުގައި އަންހެނުން ބައިވެރިވުމަކީ ދެމެހެއްޓެނިވި ހައްލުތަކެއް އަންނަ ކަމެއްކަން ފާހަގަކުރައްވައި، ތިމާވެށީގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުމާއި، ލީޑާޝިޕް އިތުރުކުރުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ކޮންމެ އަހަރަކު އޭޕްރީލްމަހުގެ ހަތް ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އަވާ ޕްލެނެޓް، އަވާ ހެލްތް" މިއެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރަނީ 1948 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ އުފެދުނު ތާރީޚް ފާހަގަކުރުމުގެ ގޮތުންނެވެ.

comment ކޮމެންޓް