ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތަކެއް ނުފުއްދާ: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވެ، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވައިލައިފިއެވެ.

ރައީސް ނަޝީދު މިއަދު ހިއްސާކުރެއްވި ލިޔުއްވުމެއްގައި ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަތުން ކޮންޓްރޯލް ކުރުމާ ގުޅިގެން އެ މަނިކުފާނަށް ވަރަށް ގިނަ މަސްވެރިން ގުޅައި އެ ކަމުގެ ޝަކުވާ އުފުލި ކަމަށެވެ.

މަސްވެރިން އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ އެމްޑީޕީގެ 2018ގެ މެނިފެސްޓޯގައިވާ ގޮތަށް ސަރުކާރުން އަމަލު ނުކުރާ ވާހަކަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ހުރިހާ މެނިފެސްޓޯއެއްގައި ވެސް މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ވައުދުވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ މުޅި މެނިފެސްޓޯ ވެސް ވަރަށް ބޮޑު ދަރަޖައަކަށް އެކުލަވާލެވުނީ ކަނޑުގެ ރޯދި ހޯދުމުގެ ހުށަހެޅުމެއްގެ ގޮތުގައި ކަމަށެވެ.

" 2013 ވަނައަހަރުގެ މެނިފެސްޓޯގައި ކޮންމެސް މިންވަރަކަށް، އެހެންނަމަވެސް 2018 ވަނަ އަހަރުގެ މުޅި މެނިފެސްޓޯ ވެސް ވަރަށް ބޮޑު ދަރަޖައަކަށް އެކުލަވާލެވުނީ ކަނޑުގެ ރޯދި ހޯދުމުގެ ހުށަހެޅުމެކެވެ. ނޫއިޤްތިސޯދެއް ބިނާކުރުމެވެ. މަސްވެރިކަމުގެ ފުރިހަމަ ނަފާ ހޯދުމަކީ މިސިޔާސަތުގެ ނާރެސްއެވެ." ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރުގެ މެނިފެސްޓޯއަށް އިޝާރާތް ކުރައްވައި ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިނާއަތުގައި ސަރުކާރުގެ ބައިވެރިވުން ބޮޑުވުން ކަމަށާއި މި ކަން ހައްލު ކުރެވޭނެ ގޮތް މެނިފެސްޓޯގައި ހިމަނައިފައިވާ ކަމަށެވެ. އަދި އެއީ ގޭދޮށު މަސްޕްލާންޓު ސިޔާސަތު ކަމަށް ވިދާޅުވިއެވެ.

"ދުވާލެއްގެ މައްޗައް ދިހައެއް ނުވަތަ ޓަނު ބަންދުކުރެވޭ މިންވަރުގެ މަސްބަންދުކުރާ ނިޒާމްތަކެވެ. ވިހި ތިރީސް މީހުން މަސައްކަތް ކުރާ ގޭދޮށު ކުދި ފެކްޓަރީތަކެވެ." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނުގެ ވެރިކަމުގައި 2008 ވަނަ އަހަރު ރޯމަސް ގަތުމުގެ ހުއްދަ އާންމުންނަށް ދިނުން ފުޅާ ކޮށްގެން ކުރި މަސައްކަތުން މަހުގެ އަގު އުފުލިގެން ދިޔަ ކަން ފާހަގަކުރައްވައި ނަޝީދު އިތުރަށް ވިދާޅުވީ މަހުގެ އަގު ދަށް ވެގެން ދިޔައީ އެ ވެރިކަން ވައްޓާލުމަށްފަހު ގެނައި ސިޔާސަތުގެ ސަބަބުން ކަމަށެވެ.

މަސްވެރިންނަށް ހަމަ އަގު ނުލިބުމުގެ ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ވަނީ އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަ ވުމަށް ގޮވައިލައިފައެވެ.

"އަނެއްކާ ވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމް.ޑީ.ޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށެވެ. ވީ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑު ކުރުން ހުއްޓާލުމަށެވެ." ގޭދޮށު ފެކްޓަރީތައް ހެދުން އަވަސް ކުރުމަށް ގޮވައިލައި ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް