އިންޓެލިޖެންސާއި ހެއްކާ ހުރި ގުޅުން

ފޮރެންސިކް ފުލުހުން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އައިސްފައިވާ ކުރިއެރުމާއި، ފަހިވެފައިވާ އުޞޫލުތަކާއި، އައު ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން އިންޓެލިޖެންސްގެ ދައުރު ފަހުގެ ތާރީޚުގައި އިންތިހާއަށް ބޮޑުވެއްޖެއެވެ.

އިހުގައާއި، ފަހުގެ އިންޓެލިޖެންސާއިބެހޭ ތަފާތު ފަލްސަފާތައް ތަންފީޛުކުރުމުގައި ތަފާތުތަކާއި، ދަތިތައް ހުރިކަމުގައިވީނަމަވެސް، ޢާއްމުކޮށް އިންޓެލިޖެންސް އިން އަދާކުރާ މުހިއްމު ދައުރު ތަކުގެ ތެރޭގައި ހިމެނޭ؛ ސިޔާދަތާއި، ސަލާމަތާއި، ރައްކާތެރިކަމަށް ހުރަސްއެޅޭ މައްސަލަތައް ދެނެގަތުމާއި، ކަނޑައެޅޭ ލަޑުދަނޑިއަށް ވާޞިލްވުމަށާއި، ނުރައްކާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ވިލަރެސްކުރުމަށް މަގުދެއްކުމަށް މަގުފަހިކޮށްދޭކަން ޤަބޫލުކުރަންޖެހެއެވެ. އަދި ވަރަށް ގިނަފަހަރު އިންޓެލިޖެންސްގެ ޒަރީޢާއިން ކުށާއި، މައްސަލަތައް ކުރިމަތި ވުމުގެ ކުރިން އެކަން ހުއްޓުވުމަށާއި، ޖިނާއީ ތަޙްޤީޤުތަކަށް ހެކި ހޯދުމަށް މަގުފަހިކޮށްދެއެވެ.

އިންޓެލިޖެންސްގެ މައުޟޫޢަކީ، ވަރަށް ފުޅާ މައުޟޫއެއްކަމުން، މިކޮލަމުން ހުށަހެޅުމަށް ޤަޞްދުކުރަނީ، އިންޓެލިޖެންސްގެ ޢާއްމު ދައުރާއި، ޚާއްޞަކޮށް ފޮރެންސިކް ހެއްކާއި އިންޓެލިޖެންސާއި ހުރި ގުޅުމެވެ. މިދާއިރާތަކަށް އައިސްފައިވާ ކުރިއެރުންތަކާއެކުވެސް އިންޓެލިޖެންސާއި، ހެކި ވަޒަންކުރުމުގައި އަދި އިންޓެލިޖެންސްގެ ޒަރީޢާއިން ނިންމުންތައް ނިންމުގައި ވަރަށް ގިނަ ގޯސްތައް ނުވަތަ މައްސަލަތައް ފެންމަތިވެފައިވާތީ، އެފަދަ ޙާލަތްތަކާއި، އެފަދަ ޙާލަތްތައް ތަކުރާރުވުން ހުއްޓުވިދާނެ ނުވަތަ ދުރުކުރުމުގެ މައްޗަށް އަލިއަޅުވަން ގަޞްދުކުރަމެވެ.

އެހެންކަމުން މިމައުޟޫއަށް ވަނުމުގެ ކުރިން ބައެއް ބަސްބަހުން ގަޞްދުކުރާ މާނަތައް ބަޔާންކުރުން މުހިއްމުކަމަށް ދެކެމެވެ. މިގޮތުން މިކޮލަމުގައި މައުލޫމާތު ކަމަށް ބުނެފައިއެވަނީ؛ މާއްދީ އެއްޗަކާ ގުޅޭ ގޮތުން ދަނެގަނެވޭ ކޮންމެވެސް ދަނެގަތުމަކަށެވެ. ތަޙްލީލްކުރުން ކަމަށް ބުނެވޭ ބަހުގެ މާނައަކީ؛ އެއްޗެހިތަކެއް އަޅާކިޔައި ވަކިކުރުމުގެ މަރުޙަލާއެވެ. އިންޓެލިޖެންސޭ ބުނެވޭ ބަހުގެ މާނައަކީ؛ ކުރިންދެންނެވި ފަދައިން މައުލޫމާތެއް ތަޙްލީލްގެ ޛަރީޢާއިން ނުކުންނަ އަދި ކުށް މަދުކުރުމަށާއި، ކުށްކުރި ފަރާތް ދަނެގަތުމަށާއި، ތަޙްޤީޤަކުރުމަށް މަގުދައްކާ އެހީތެރިކަން ފޯރުކޮށްދޭ ހަރުދަނާ ކޮންމެ މަޢުލޫމާތެކެވެ. ފޮރެންސިކް ހެކި ކަމަށް ބުނެވޭބަހުގެ މާނައަކީ؛ މައްސަލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭ ކޮންމެ ދަލީލެއް ނުވަތަ ޙަޤީޤަތަކަށެވެ.

މިތަނުގައި ވިސްނާލުން މުހިއްމު ނުގުތާތަކެއް ފާހަގަ ކޮށްލާނަމަވެ. އެއްކަމަކީ ތަޙްލީލްކުރެވޭ މަޢުލޫމާތުގެ އަލީގައި ލިބޭ އިންޓެލިޖެންސްއިން އަސަރުކުރުވަނީ، ތަޙްޤީޤުކުރުމަށެވެ. ނަމަވެސް އެއްކުރެވޭ މައުލޫމާތު ހެއްކެއްގެ ގޮތުގައި ހުށަހަޅާނަމަ، އެއިން ތަޙްޤީޤުގެ ބޭރުން ނިންމާ ނިންމުންތަކަށް އަސަރުކުރުވައެވެ. އިންޓެލިޖެންސްގެ ދައުރުތަކަށް ރިޢާޔަތްކުރާއިރު، އިންޓެލިޖެންސް ކޮމިއުނިޓީ އާއި ލޯ އެންފޯސްމެންޓް ކޮމިއުނިޓީ ގެ ދައުރާއި، ޒިއްމާއާއި، ބޭނުންކުރާ އުކުޅުތަކާއި، އުޞޫލުތައް ތަފާތެވެ. މިގޮތުން އިންޓެލިޖެންސް ކޮމިއުނިޓީގެ ޒިއްމާއަކީ ކުރިމަގުގައި ދިމާވެދާނެ މައްސަލައަކާމެދު ފިޔަވަޅުއެޅުމަށް އެހީތެރިވުމަށް އެއްކުރެވޭ އިންޓެލިޖެންސެކެވެ. ނަމަވެސް ޤާނޫނު ތަންފީޖު ކުރާފަރާތްތަކުން ކުރާ ތަޙްޤީޤުތަކުން ނެރެވޭ ހެކިތަކަކީ ޢާއްމު ރައްޔިތުންނާއި ސީދާ ގުޅުންހުންނަ ކަންކަމަށް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ހޯދޭ އެއްޗެކެވެ.

މިގޮތުން އިންޓެލިޖެންސްގެ ދައުރާއި، އެ ހޯދޭގޮތްތަކަށް ބޮޑެތި ބަދަލުތައްވަނީ އައިސްފައެވެ. މިސާލަކަށް، ހުޅަނގުގެ ޤައުމެއްކަމުގައިވާ ހޮލެންޑުގެ މިސާލެއް މިތާނގައި ބަޔާންކޮށްލާނަމެވެ. އެޤައުމުގެ އިންޓެލިޖެންސް އިދާރާއިން އިންޓެލިޖެންސް ރަސްމީ ރިޕޯޓެއް ލިޔުމުންދެއެވެ. އެރިޕޯޓުގައި، މިސާލަކަށް؛ މިފަދައިން ބަޔާންކޮށްފާނެއެވެ. ޒުވާން ފިރިހެން ކުއްޖެއްކަމުގައިވާ މިވެނި މީހަކު ކުރިޔަށްއޮތް މަހުގެ ތެރޭގައި މިވެނިތަނެއްގައި ނިރުބަވެރި ހަމަލާއެއް ދިނުމަށް ރާވަފާނެއެވެ. އެހެންކަމުން މިމީހާގެ ސިއްރު މުޢާމަލާތްތައް، ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 1261 މާއްދާގެ ދަށުން، ޚާއްޞަ އާލަތްތައް ބޭނުންކޮށްގެން ރެކޯރޑްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ފަނޑިޔާރުގެ ބެލުންތަކަށްފަހު، މުޢާމަލާތްތައް ރެކޯޑްކުރުމަށް ހުއްދަ ދެވެއެވެ. އަދި ހުއްދަ ދިނުމަށް ވާޞިލްވުމަށްޓަކައި، ހެކިވެރިންގެ ހެކިބަސް ދިނުމަށް ފަނޑިޔާރަށް އެދެވިދާނެއެވެ. އަދި އެޙާލަތުގައި އިންޓެލިޖެންސް އޮފިސަރު ހެކިބަސް ދޭން ލާޒިމު ވެދެއެވެ.

އިފްތިރާޟުކުރެވުނު މިމައްސަލައިގައި، ސިއްރު ހެއްކެއްގެ ގޮތުގައި އިންޓެލިޖެންސް އޮފިސަރަށް ހެކިބަސް ދެވިދާނެއެވެ. ދިފާޢީ ވަކީލާއި، ދައުލަތުގެ ވަކީލު ނުވަތަ ޕްރޮސެކިއުޓަރ މި އަޑުއެހުމުގައި ބައިވެރި ނުކުރެއެވެ. އަދި މިމަރުޙަލާ ޢާއްމުންނަށްވެސް ވަނީ ބަންދުވެފައެވެ. އިންޓެލިޖެންސް އޮފިސަރުގެ ހެކިބަހުގައި ކުރިންދެންނެވި ތުހުމަތުކުރެވޭ ނިރުބަވެރި މީހާ މިވެނިތަނެއްގައި އޮންނަ "ފުޓްބޯޅަ މުބާރާތައް" ނުވަތަ "ސޮކަރ ގޭމް" އަށް އަންނަމަހުގައި ދާނެކަމަށް ބަޔާންކުރިއެވެ. ނިރުބަވެރިންގެ މެދުގައި "ސޮކަރ ގޭމް" މިބަހަކީ "ނިރުބަވެރި ހަމަލާއަށް" ބޭނުންކުރާ ސިއްރު ބަހެކެވެ. މިފަދައިން ބުނެ ހެކި ދީފިއެވެ.

މިތަނުގައި ސުވާލު އުފެދޭ ކަމަކީ، އޮފިސަރުގެ ހެކިބަހުގެ ހަރުދަނާކަމާއި، ބުރަދަންހުރި މިންވަރު ވަޒަންކުރުމުގައި ހުރި އިޙްތިމާލުތައް ކަނޑައަޅަނީ ކޮން އުޞޫލަކުންތޯއެވެ؟ ދަޢުވާލިބޭ މީހާގެ ފުޓުބޯޅަ ދަނޑަށް ވަންނަން ނަގާފައިވާ ޓިކެޓް ހުށަހަޅައިފިނަމަ، ވާނީ ކިހިނަކުންތޯއެވެ؟ އަދި ޤާނޫނުގައިވާ ގޮތުން މިދެންނެވި ރިޕޯރޓް އަދި އޮފިސަރުގެ ހެކިބަހުން ކުށް ސާބިތުވާނަމަ، ދެން ކަންވެދާނެގޮތް ވިސްނަވާށެވެ. މިދެންނެވި މިސާލަކީ އިފްތިރާޟެއް ނުވަތަ ހައިޕޮތެސިސް އެއްގެ މައްޗަށް އޮތް މިސާލަކަށް ވީނަމަވެސް، ހުޅަނގުގެ ޤައުމެއްގައި ކަންކުރުމަށް ޤާނޫނު ހެދިފައިވަނީ މިދެންނެވި މޭރުމުންނެވެ. މި މިސާލުން އެނގޭ ގޮތުގައި، ހެކިވެރިޔާގެ ހެކިބަސް އެގްޒަމިންކުރުމަށް ނުވަތަ ހެކިބަހުން ދިފާޢުވުމަށް ފުރުޞަތު ނުލިބުމުގެ އިތުރުން، ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ހުށަހެޅުނު ހެއްކާމެދު އެއްވެސް މައުލޫމާތެއް އޭނަޔަށް ނުލިބޭނެއެވެ. ނަތީޖާއަކަށްވާނީ، ރިޕޯޓާއި ހެކިވެރިޔާގެ ހެކި ތުހުމަތުކުރެވޭ މިހާ ދޮކޮޅަށް ހެކީގެ ގޮތުގައި ބަލައިގަތުމެވެ.

ފޮރެންސިކް ސައިންސްގެ ދާއިރާއަށް ނަޒަރު ހިންގާއިރު، މާއްދީ އެއްޗަކުން ފުރަތަމަ ހޯދަނީ މަޢުލޫމާތެވެ. މަޢުލޫމާތުތައް ތަޙްލީލްކޮށްގެން ފޮރެންސިކް އިންޓެލިޖެންސަށް ވާޞިލް ވަނީއެވެ. އަދި ވަރަށް ގިނަފަހަރު ފޮރެންސިކް އިންޓެލިޖެންސް، ފޮރެންސިކް ހެއްކަކަށް ބަދަލުވެއެވެ. ނަމަވެސް މިދެންނެވި މަރުޙަލާތަކާއި، ކޮންމެ މަރުޙަލާއެއްގައި ޙާޞިލްވާންޖެހޭ މިންގަނޑުތަކާއި، ޙަޤީޤަތްތަކާއި، ވަޒަންކުރަންޖެހޭ ވަޒަންކުރުންތައް ނުކޮށްފިނަމަ، މާއްދީ އެއްޗެއް ނުވަތަ މެޓީރިއަލް، ފޮރެންސިކް ހެއްކަކަށް ނުވާނެއެވެ. މިސާލަކަށް؛ ތަނަކުން ފެންނަ ފިސްތޯލަ، ޕެންޑްރައިވް ނުވަތަ އެއިން ފެންނަ ޗާޓް، ސީސީޓީވީ ފޫޓޭޖް، ފޯނުގެ ރެކޯޑްތައް، ބޭންކް ނުވަތަ ކްރެޑިޓް ކާރޑް ރެކޯޑް އަދި ކޮމްޕިއުޓަރގެ ހިސްޓްރީފަދަ ޑިޖިޓަލް މައުލޫމާތުތަކަކީ އޭގެ ޒާތުގައި ހަމަ މެޓީރިއަލް ނުވަތަ މައުލޫމާތެވެ. ގިނަފަހަރު އެންކޭސް، އެފްޓީކޭ އަދި އައިޓޫލްފަދަ އޮޓޮމެޓިކް އާލަތްތަކުން ޑިޖިޓަލް ރިޕޯޓެއް ތައްޔާރުކޮށްދިން ނަމަވެސް، އެއީ ފޮރެންސިކް ހެއްކެއް ނޫނެވެ. އަދި އެ އާލަތްތަކަކީ ފޮރެންސިކް ރިޕޯޓެއްގައި ހިމެނުމަށް މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރާ މުހިއްމު އާލަތްތަކެވެ. ނަމަވެސް މިދެންނެވި ރިޕޯޓްތަކާއި، ޕްރިންޓްއައުޓްތައް ހޯދަން ތަޙްޤީޤުކުރާ ފަރާތްތަކާއި، ޕްރޮސެކިއުޓަރުން ވަރަށް ބޭނުންވެއެވެ. މިރިޕޯޓްތައް ފޮރެންސިކް ހެއްކަކަށްވުމަށް ކުރިން ބަޔާންކުރެވުނު މަރުޙަލާތައް ކަޑައްތުކުރަންޖެހޭނެއެވެ. މިސާލަކަށް؛ ކުށުގެ ވެއްޓަކުން ފެންނަ ފިންގަރޕްރިންޓް ރައްކާތެރިކަމާއެކު، ނަގައިގެން އޮޓަމޭޓެޑް ފިންގަރޕްރިންޓް އައިޑެންޓިފިކޭޝަން ސިސްޓަމް (އެފިސް) ގެ ޒަރީޢާއިން ތުހުމަތު ކުރެވޭ މީހަކު ހޯދިއްޖެނަމަ، އެއީ ފޮރެންސިކް އިންޓެލިޖެންސެކެވެ. މީގެ ބޭނުންކޮށްގެން ތުހުމަތު ކުރެވޭ މީހާ ހޯދައި ހައްޔަރުކުރުމަށް އަމުރު ހޯދުމަށް އެހީތެރިވެދޭފަދައިން، އެމީހާގެ ފިންގަޕްރިންޓް ނަގައި އަޅާކިޔައި، ވަޒަންކުރުމަށްފަހު، ދެ ފަންނުވެރި ފަރާތެއްގެ ނިންމުން އެއްގޮތް ވެއްޖެނަމަ، ފޮރެންސިކް ހެއްކެއްގެ ގޮތުގައި ބެލެވެއެވެ. މީގެ އަނެއް މިސާލަކީ؛ ޑީއެންއޭގެ މިސާލެވެ. ހަމަ ކުރިން ދެންނެވިފަދައިން މަރުޙަލާތަކަކުން ނެރެވޭ ނަތީޖާއަކީ ނުވަތަ ނިންމުމުމަކީ ފޮރެންސިކް ހެއްކެވެ. އެއްވެސް ޙާލެއްގައި މެޓީރިއަލް ނުވަތަ މާއްދީ އެއްޗެއް ނުވަތަ އެއިން ލިބޭ މައުލޫމާތު އޭގެ ޛާތުގައި ފޮރެންސިކް ހެއްކަކަށް ނުވެއެވެ.

ފޮރެންސިކް ހެކި ނުވަތަ ހަރުދަނާ ޤަރީނާގެ ދަރަޖައާއި ދައުރާއި ބެހޭ ގޮތުން އިމާމު އިބްނުލްޤައްޔިމު ވިދާޅުވެފައިވެއެވެ. "ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބަލައި ރިޢާޔަތްކޮށްގެން ކަންކަން ސާބިތުކުރުން މާ އައުލާކަން ބޮޑެވެ." ޢުމަރު ބުން އަބްދުލްޢަޒީޒު ވިދާޅުވިއެވެ. "މީސްތަކުންގެ ނުބައިކަމާއި ސުންޕާކަން އިތުރުވެގެންދާ މިންވަރަކަށް އެކަންކަން ޙައްލު ކުރާނޭ ޙުކުމްތަކާއި ޤަވާޢިދުތައް ކަނޑައަޅަން ޖެހެއެވެ.“މިމޭރުމުން ބަލާއިރު ހުޅަނގުގައި ދަނީ މިފަދަ ޤާނޫނުތައް ހަރުކަށިކޮށް، ތަންފީޛުކުރުމަށް ލުއި ކުރަމުންނެވެ. އަޅުގަނޑުމެންގެ ޤާނޫނުތައް ޢާއްމު އުޞޫލަކުން ބަލާއިރު، ސިޔާސީ މަޤްޞަދެއް ޙާޞިލްކުރަން މިންގަނޑުތައް ހަރުކަށިވިނަމަވެސް، ޢާއްމު މަޞްލަޙަތާބެހޭ ޖިނާއީ އިޖްރާއަތުގެ ޤާނޫނުފަދަ ޤާނޫނުގެ މިންގަނޑުތައް ކުށްވެރިންނަށް ލުއިވެ ކުށުން ބަރީޢަވެ ރެކިގަނެވޭނެހެން އަދި ދިފާޢީ ވަކީލުންނަށް މައްސަލަތައް ކާމިޔާބު ކުރެވޭނެހެން ހުންނަކަން ފާހަގަވެއެވެ. މިގޮތުން ތަހުޛީބު ޤައުމުތަކުގައި ފޮރެންސިކް ޑޭޓާބޭސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، އޭގެ ޛަރީޢާއިން ކުށްތައް ހުއްޓުވުމަށާއި، ކުށްކުރާ ފަރާތް ދެނެގަތުމުގެ މަޤްޞަދުގައި ޖިނާއީ މައްސަލަތަކުގެ ތުހުމަތުގައި ބަންދުވާ މީހުންގެ ފަރާތުން ޤާނޫނު ތަންފީޛު ކުރާފަރާތަށް ސާމްޕަލް ދިނުމަށް އަސާސީ މިންގަނޑެއް ކަނޑައެޅިފައި ހުރެއެވެ. މިގޮތުން މީހާގެ ވަނަވަރު ދެނެގަތުމަށް ބޭނުންވާ ފޮޓޯ، ފިންގަރޕްރިންޓް، ޑީއެންއޭ ސާމްޕަލް ނެގުމަށް ބާރާއި އިޚްތިޔާރު ދެވިފައިވެއެވެ. މި ސާމްޕަލް ނަގަނީ މިކަމަކީ ކުރިން ދެންނެވި މަޤްޞަދުތައް ޙާޞިލްކުރުމުގެ އިތުރުން ދެވަނަފަހަރަށް އޭނާ ކުށަކަށް އަރައިގަތުމުން ދުރުކުރުމަށް ބާރު އަޅާނެ ކަމަކަށްވާތީއެވެ. ނަމަވެސް މިދެންނެވި ކަންކަން މިމޭރުމުން 2004 އިން ފެށިގެން ހިނގަމުންއައިސް ޖިނާއީ އިޖްރާއަތުގެ ޤާނޫނުން ހުރަސް އެޅުނުކަން ފާހަގަވެއެވެ.

ފޮރެންސިކް ހެކި ނުވަތަ މާއްދީ ހެކި އެއްތަނުން އަނެއް ތަނަށް ބަދަލުވުމާއި، ފޮރެންސިކް ފަންނުވެރިންގެ ނިންމުންތަކާއި ގުޅޭގޮތުން ހެދިފައިވާ ފަހުގެ ދިރާސާތައް ދައްކާގޮތުން، އެކި ވާޤިޢާތަކުގައި ފަންނުވެރިންގެ ނިންމުންތަކުގައި ތަފާތުތައް ތަޖުރިބާ ކުރެވިފައިވެއެވެ. މީގެ ސަބަބުން ފޮރެންސިކް ހެކި ވަޒަންކޮށް، ނަތީޖާއަށް ނުވަތަ ނިންމުންތަކަށް ވާޞިލްވުމުގައި ހެދޭ ކުށްތައް ގިނަކަން ފާހަގަވެއެވެ. މިގޮތުން، އެފްބީއައި ގައި 2015 ވަނަ އަހަރު އިސްތަށީގެ ފޮރެންސިކް ހެއްކާ ގުޅޭގޮތުން ހެދުނު ދިރާސާއިން ފެންނަގޮތުގައި %96 ފޮރެންސިކް ރިޕޯޓުގެ ނަތީޖާ ނުވަތަ ނިންމުންތައް ގޯހެވެ. އެންމެ ހިތާމަހުރިކަމަކީ، މިދެންނެވި ނިންމުންތަކުން ނުވަތަ ހެކީގެ ޛަރީޢާއިން 34 މީހަކުގެ މައްޗަށް މަރުގެ ހުކުމަށް ވާޞިލްވެފައިވުމެވެ. ޔޫކޭ ގައި 2010-2016 އާއިދެމެދު ހެދިފައިވާ ފޮރެންސިކް ރިޕޯޓްތަކުގެ މުރާޖަޢާއިން ފެންނަ ގޮތުގައި އެމުއްދަތުގައި ދޫކުރެވިފައިވާ ރިޕޯޓްތަކުގެ ތެރެއިން %22 ރިޕޯޓްގެ ނަތީޖާ ނުބައެވެ. އަދި ބަރަކް އޮބާމާގެ ވެރިކަމުގެ ދުވަސްވަރު އެމެރިކާގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި ހުރި މާއްދީ ހެކީގެ ތެރެއިން މަރާއި، ރޭޕްގެ މައްސަލަތައް ސާބިތުކުރުމަށް ވާޞިލް ވެވިދާނެފަދަ ހެކި ހުރިތޯ ބެލުމަށްކުރެވުނު އޮޑިޓުން އެފަދަ ހެކި އެ އިދާރާތަކުގައި ތަޙްލީލް ކުރުމަށް ހުށަނާޅައި ހުރިކަން ފާހަގަވިއެވެ. މިފަދަ މައްސަލަތަކާއިގުޅިގެން އެމެރިކާގެ 108 ލެބޯޓްރީއަކަށް ޑީއެންއޭ ޕްރޮފައިލްތަކެއް ފޮނުވައިގެން ހެދުނު އެސެސްމަންޓުން ދައްކާ ގޮތުގައި، އެޕްރޮފައިލްގެ ނަތީޖާ %69 ލެބޯޓްރީންވަނީ ނުބައިކޮށް މާނަކޮށް ނަތީޖާ ދީފައެވެ. މިސަބަބުތަކާއި އަދި މެޑްރިޑް ބޮމާއިގުޅިގެން އެފްބީއައި އިން ދީފައިވާ ގޯސް ފިންގަރޕްރިންޓް ރިޕޯޓްފަދަ ނިންމުންތައް ގޯސްވުމުގެ ނަތީޖާއަކީ، މިފަދަ ހެކި ވަޒަންކުރުމުގައި "ބްލައިންޑް ވެރިފިކޭޝަން" ގެ އިޖްރާއަތް އެފަދަ ފޮރެންސިކް ހެކި ވަޒަންކުރުމުގައި ބޭނުންކުރަން ފެށިގެން ދިއުމެވެ. އަދި ޤާނޫނުން ލާޒިމުކުރެވި، ފޮރެންސިކްގެ ޚިދުމަތްތައް ބައިނަލްއަޤުވާމީ ފެންވަރެއްގައި ދެމެހެއްޓޭކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ އިތުރުން މިޚިދުމަތްތައް މުރާޤަބާ ކުރެވޭނެ ނިޒާމެއް އެމެރިކާ، ޔޫކޭ އަދި އޮސްޓްރޭލިޔާ ފަދަ ތަހްޛީބު ޤައުމުތަކުގައި ޤާއިމްކުރިއެވެ.

މިދާއިރާތަކުގެ ފަންނުވެރިންނަށް އެނގިގެން ނުވަތަ ނޭގިނަމަވެސް ގޯސްތައް ހެދޭކަމާއި، ގޯސްތައް ހެދޭ ނިސްބަތް ކުޑަކުރުމުގެ ގޮތުން އިންޓެލިޖެންސާއި، ފޮރެންސިކް ހެކި ވަޒަންކޮށް ނިންމުންތައް ނިންމުމުގައި ރަނގަޅު އިޖްރާއަތްތައް ބޭނުންކުރުން މުހިއްމެވެ. ދިވެހިރާއްޖޭގެ ޤާނޫނުތަކުންވެސް މިދެންނެވި ދެ ވަސީލަތައް ދެވިފައިވާ ބާރާއި، އިޚްތިޔާރާއި، އިތުބާރު ދެމެހެއްޓުމަށްޓަކައެވެ. މީހެއްގެ ފަރާތުން މުޖްތަމައަށް އޮތް ނުރައްކަލެއް ވަޒަންކުރާއިރު ނުވަތަ ކުށަކަށް މީހަކު އަރައިގަނެފިކަމަށް ތުހުމަތުކޮށް ހެކި ހުށަހަޅާއިރު، ސައިންޓިފިކް އާލަތްތަކާއި އިޖްރާއަތަކުން މިކަމުގައި ހުރި އިޙްތިމާލުތައް އަޅައިކިޔައި ވަޒަންކޮށް ކަނޑައަޅަންޖެހެއެވެ. ފަނޑިޔާރުގެ ޒިންމާއެއް މިކަމުގައި އޮތްކަމެއްކަމުގައިވިޔަސް، މިކަމުގައި ޤާނޫނު ތަންފީޛުކުރާފަރާތުން ރަނގަޅު ހަމަތަކާއި، އުޞޫލުތަގެ ތެރެއިން ފަނޑިޔާރަށް އެކަމަށް މަގުފަހިކުރުން މުހިއްމެވެ. ނަމަވެސް މިވަގުތު، މީހުން ބަންދުކުރުމަށާއި، ކުށްތަކަށް ލުއިދިނުމުގެ ނިޒާމު ތަކުގައިވެސް ނިންމުންތަކަށް ވާޞިލްވުމަށްޓައި، މީހެއްގެ ފަރާތުން މުޖްތަމަޢަށް އޮތް ނުރައްކަލުގެ އިޙްތިމާލު ކަނޑައެޅުމަށް ބޭނުންކުރެވޭ ސައިންޓިފިކް އާލަތެއް ނެތެވެ. ނަތީޖާއަކީ، ބަންދުކުރަންޖެހޭ މީހާ ދޫވެ، ބަންދު ނުކުރަންޖެހޭ މީހާ ބަންދުވުމެވެ. މީގެ ސަބަބުން މިދަފަ މީހުން ބެލެހެއްޓުމަށް ދައުލަތުން މަހަކު އެތައް ހާސް ރުފިޔާއެއް ޚަދަރުކުރާއިރު، މަދުންނަމަވެސް ބަންދުގައި ހުންނަންޖެހޭ ފަރާތް ދޫކޮށްލުމުގެ ނަތީޖާ މުޖްތަމަޢުން ވަރަށް ހިތިކޮށް ފެނިފައިވެއެވެ. ބައެއް ފަހަރު މީހުންގެ ފުރާނަ އަގެއްގެ ގޮތުގައި ގޮސްފައިވެއެވެ.

ވަރަށް ފުޅާދާއިރާގައިވެސް އިންޓެލިޖެންސް ގެ މަސައްކަތްކުރެވޭހިނދު، އެފަދަ މަސައްކަތުގައި މީހުންގެ ޛާތީ މަޢުލޫމާތު ރައްކާތެރި ކުރުމާއި، ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިއްމާގެ ތިލަފަތް ހަމަނުވެ ދާތަން ފެނެއެވެ. މިގޮތުން އެމެރިކާގެ ސަރުކާރުގެ ސިއްރު އިންޓެލިޖެންސް މަޢުލޫމާތު ލީކުކޮށްފައިވާ އެޑްވަޑް ސްނޯޑަން ބުނެފައިވާ ގޮތުގައި، އެމެރިކާއިން ހިންގާ "މާސް ސަވައިލަންސް" ޕްރޮގްރާމު ފުޅާވެ، އެއްވެސް މީހެއްގެ ޛާތީ މައުލޫމާތު ސިއްރުނުވާތަނުގައި، އެމެރިކާގެ ތެރޭގައި ފަހުގެ ތާރީޚުގައި ހިންގާފައިވާ އެއްވެސް ނިރުބަވެރި ހަމަލާއެއް ހުއްޓުވިފައިނުވެއެވެ. އެހެންކަމުން އެމެރިކާއިން ހިންގާ މި ޕްރޮގްރާމަކީ ޤާނޫނުތަކުން ދީފައިވާ ބާރު ނަހަމަގޮތުގައި ބޭނުންހިފުމެވެ. މިއީ ޤާނޫނު ހުއްދަކުރާ ދާއިރާއިން ބޭރުންކުރެވޭ މަސައްކަތަކެވެ. ދިވެހިރާއްޖޭގައިވެސް މަންޒަރު ފެންނަނީ ސުވާލު އުފެދޭފަދަ ގޮތަކަށެވެ. 2008 ވަނަ އަހަރު އުފެދުނު ސަރުކާރު ބަޣާވަތަކުން ވައްޓާލެވުނުކަމަށް ގޮވޭހިނދު، މިއިން އެއްވެސް ކަމެއް ކުރިޔާލައި ދެނެގަނެވި ހުއްޓުވިފައި ނުވެއެވެ. 2015 ވަނަ އަހަރު، ރައީސުލް ޖުމުހޫރިއްޔާއަށް އަމާޒުވި، ބޮމުގެ ޙަމަލާގައިވެސް ކަންހުރީ މިފަދައިންނެވެ. 2021 ވަނަ އަހަރު ކުރީގެ ރައީސަކަށް ދެވުނު ނިރުބަވެރި ޙަމަލާއިންވެސް ފެންނަނީ ހަމަ އެ މަންޒަރެވެ. މަދު ދުވަސްތަކެއްގެ ތެރޭގައި ހަނގުރާމައިގެ ސަރަހައްދުތަކަށް، ދިވެހިންގެ 300 ވަރަކަށް މީހުން ފުރައިގެން ދިޔައިރުވެސް، އިންޓެލިޖެންސް ކޮމިއުނިޓީ އޮތް ގޮތާމެދު ސުވާލުއުފެދެއެވެ. ދައުލަތުގެ މާލިއްޔާއިިން 1.3 ބިލިއަން ރުފިޔާ ނިޒާމީ ގޮތެއްގައި ވަގަށް ނެގިއިރުވެސް އިންޓެލިޖެންސް އިދާރާތައް ހަމަ ނިދާފައި އޮތެވެ. އެހެންކަމުން ދައުލަތުން ބޮޑު ޚަދަދުތައް ކޮށްގެން ޤާއިމްކޮށްފައިވާ މިފަދަ ޚާއްޞަ ބާރުތަކުން، ކަންކަން ވެދާނެގޮތުގެ އިޙްތިމާލުތައް ވަޒަންކޮށް، ދުރާލައި ފިޔަވަޅުއަޅަން ޖެހެއެވެ. ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި، ކުށާއި، އިންސާނީ ވަގުފާރިއާއި، ނިރުބަވެރިކަމާއި، މަނީ ލޯންޑާކުރުންފަދަ ކަންކަމުގައި ޝާމިލްވެ، ދައުލަތަށާއި، ޤާނޫނީ ތަންފީޛީ މުއައްސަސާތަކަށް މަގު ދެއްކުމުގެ ބަދަލުގައި މަގުމަތީގައި ހިންގާ ހަރަކާތްތަކަށާއި، ކުދި ކުށްތަކާއި، މުއައްސަސާތަކުގެ ތެރޭގައި އޮންނަ ސިޔާސީ ކޯޅުންތަކަށާއި، ސިޔާސީ ފަރާތްތަކަށް ފާރަަލައި ފަހަތުން ދުވުންނޫން ކަމެއް ކުރެވޭބާވައޭ ހިތައް އަރައެވެ. ފާއިތުވި މަދު އަހަރު ތަކުގައި ހިގާފައިވާ ކަންކަމަށް ބަލާއިރު، ދައުލަތުން ބަދަލުގެ ގޮތުގައި ކުންފުނިތަކާއި، ސަރުކާރުގެ ގާތްފަރާތްތަކަށް ދީފައިވާ ދައުލަތާއި ނުބައްދަލު ފައިސާގެ ބޮޑެތި އަދަދުތައް ފެނުމުން، މިކަމުގައި ގޯސްތަކެއް އުޅުމުގެ އިޙްތިމާލު އޮތްކަމަށް ބަަލައި، އިންޓެލިޖެންސް ކޮމިއުނިޓީއިން މިފަދަ ކަންކަން ބަލައި ދިރާސާކޮށް، ފިޔަވަޅެއް އެޅިބާވައޭ ސުވާލުއުފެދެއެވެ.

ކޮންމެއަކަސް އިންޓެލިޖެންސް ދާއިރާގެ މަސައްކަތަކީ މުހިއްމު މަސައްކަތެއްގެ ގޮތުގައި ވިސްނުނުނަމަވެސް، ފާއިތުވި މާޒީގައި އަދި މިވަގުތުވެސް މިފަދަ ނިޒާމުތަކުން ޙާޞިލްކުރަން ޖެހޭ މުހިއްމު ކަންކަން ޙާޞިލްވުމުގެ ބަދަލުގައި، ކަމެއް ހިނގުމުން އެކަމުގައި ވަށައި އެނބުރޭތަން ފެންނަކަން ހާމަވެއެވެ. ރާއްޖޭގައި މިފަހަކުން ހިނގަމުންދާ ޤައުމީ ނުވަތަ ސިޔާސީ ޙަރަކާތާމެދު ފެންނަނީ ހަމަ މިމޭރުމުންނެވެ. ޤައުމުގެ ސިޔާދަތާއި، އިސްތިޤުލާލާއި، ދާޚިލީ ހަމަޖެހުން ގެއްލޭފަދަ އެތަކެއް ކަމެއް ފާއިތު އަހަރުތަކުގައި ހިނގިއިރު، އިއްޔެއާއި، މިއަދާއި، މާދަމާ ހިނގާފާނެ ކަންކަން ދުރާލައި ދެނެގަނެވި، އެކަން ހުއްޓުވުމަށް ފިޔަވަޅު ނޭޅި ބޮޑު ކާރިސާއަކާއި ދިމާލަށް ޤައުމުދާ މަންޒަރު ވަރަށް ސާފެވެ. ޤާނޫނު ތަންފީޛީ އިދާރާތަކާއި، އިންޓެލިޖެންސް ކޮމިއުނިޓީން އިންޓެލިޖެންސާއި ފޮރެންސިކް ހެކި ބޭނުންކުރުމުގައި ޕްރޮފެޝަނަލްކޮށް، ވަކިފަރާތަކަށްނުޖެހި، ޤައުމީ ޢާއްމު މަޞްލަޙަތުގައި މަސައްކަތްކުރަންޖެހެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް