ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި އެގައުމުގެ ސިފައިންނާއި ބާރުގަދަ ޖާސޫސީ އިދާރާގެ ދައުރު

ޕާކިސްތާން ސިފައިންގެ މިހާރުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ

ޕާކިސްތާނުގެ ރައީސް އާރިފު އަލްވީ، މިހަފްތާގެ ކުރީކޮޅު އެގައުމުގެ ޕާލަމެންޓް އުވާލުމާ ގުޅިގެން އެއީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށްބުނެ އިދިކޮޅުން އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ޕާކިސްތާނުގެ ސިޔާސީ މަސްރަހު މިހާރުވަނީ ގޮތްނޭނގޭ ހާލަތެއްގައެވެ.

ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ ގާނޫނު ބުނާގޮތުން އާންމު އިންތިޚާބަކަށް ދެވޭނީ ޕާލަމެންޓް ގެ ދައުރު ހަމަވުމުން ނޫނީ ގާނޫނީ ގޮތުން ޕާލަމެންޓް އުވާލުމުންނެވެ. ޕާލަމެންޓް އުވާލައިފި ހާލަތެއްގައި އަލުން އިންތިޚާބަކަށް ދެވޭނީ އެކަމާބެހޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނަމަ އެމައްސަލަ ނިންމި ގޮތަކަށް ރިއާޔަތް ކޮށްގެންނެވެ.

ޕާލަމެންޓް އުވާލީ ޕާކިސްތާނުގެ ގާނޫނު އަސާސީ ގައި ރައީސަށް ލިބިދޭ ބާރުތަކާ ޚިލާފަށް ކަމަށް ސްޕްރީމް ކޯޓުން ނިންމައިފިނަމަ ޕާލަމެންޓް ކުރިއެކޭ އެއްގޮތަށް ދެމިއޮންނާނެއެވެ. ދައުރުގެ މެދުތެރޭން އާންމު އިންތިޚާބު ބާއްވާކަށް ނުޖެހޭނެއެވެ. އޭރުން ދެންޖެހޭނީ ކުރިން ނަގަން އުޅުނު އިތުބާރުގެ ވޯޓު އިމްރާންޚާންގެ މައްޗަށް ނަގާށެވެ.

ޚާންގެ އިތުބާރުނެތް ކަމަށް ނިންމައިފިނަމަ އަައު ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލިބޭނީ ޕާކިސްތާނުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ މުސްލިމް ލީގް ނަވާޒް ޕާޓީއަށެވެ. އެއީ ނަވާޒް ޝަރީފުގެ ޕާޓީއެވެ. އެޕާޓިގެ ފަރާތުން ބޮޑުވަޒީކަމަށް ހުށަހަޅާނީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒް ޝަރީފު ކަމަށް ވުން ވަރަށް ގާތެވެ.

ޖެނެރަލް އިސްކަންދަރު މިރުޒާ

ޕާކިސްތާނުގެ ގާނޫނު އަސާސީ ބުނާގޮތުން ޕާލަމެންޓް އުވާލުމުން ބޮޑުވަޒީރަށް އޮޓަމެޓިކުން އިތުރު 15 ދުވަހު މަގާމުގައި ހުންނެވޭނެއެވެ. އެއީ ވަގުތީ ބޮޑުވަޒީރަކު އައްޔަން ކުރުމަށް ފުރުސަތު ދިނުމަށެވެ. ވަގުތީ ބޮޑުވަޒީރަކަށް މަގާމު ގެއްލުނު ބޮޑުވަޒީރުވެސް ހަމަޖެއްސި ދާނެއެވެ.

ނަމަވެސް ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން އާންމު އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާން ކުރުމުން ވަގުތީ ބޮޑުވަޒީރަށް ޖެހިވަޑައިގަންނަވާނީ މަގާމުން އިސްތިއުފާ ދެއްވާށެވެ. އަދި ގައުމުގެ ރައީސް އަށް ޖެހިވަޑައިގަންނަވާނީ އިންތިގާލީ ބޮޑުވަޒީރަކު އައްޔަން ކުރާށެވެ.

އިންތިގާލީ ބޮޑުވަޒީރު ހުންނަވާނީ އާންމު އިންތިޚާބަށްފަހު ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮންނަ ބޮޑުވަޒީރަކު މަގާމުގެ ހުވާ ކުރައްވަންދެނެވެ. ޕާކިސްތާނުގެ މިހާރުގެ ހާލަތު އޮތްގޮތުން ބޮޑުވަޒީރު ކަމުގައި އިމްރާންޚާން މިހާރު ހުންނަވަނީ ޕާލަމެންޓް އުވާލުމުން ބޮޑުވަޒީރުކަމުގައި ހުންނެވުމަށް އޮޓަމެޓިކުން ލިބޭ 15 ދުވަހު މުއްދަތުގައެވެ.

ޖެނެރަލް މުހައްމަދު އައްޔޫބު ޚާން

އެމުއްދަތުގެ ތެރޭގައި ޕާލަމެންޓް އުވާލި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމައިފިނަމަ ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި އިމްރާންޚާން މަގާމުގައި ބެހެއްޓުމުގެ އިޚްތިޔާރު ޕާކިސްތާނުގެ ރައީސަށް ލިބިގެންވެއެވެ.

ޕާލަމެންޓް އުވާލީ ރަގަނޅަށް ކަމަށް ސްޕްރީމް ކޯޓުން ނިންމައިފިނަމަ އާންމު އިންތިޚާބު ބާއްވާނެ ތާރީޚެއް އިންތިޚާބުތަކާބެހޭ ކޮމިޝަނުން އިއުލާން ކުރާނެއެވެ. އެހިސާބުން ޕާކިސްތާނުގެ ރައީސަށް ދެންޖެހިވަޑައިގަންނަވާނީ އިންތިގާލީ ބޮޑުވަޒީރަކު އައްޔަން ކުރާށެވެ. މިކަން ކުރެވޭނީ އިމްރާންޚާން ގެ އިތުރުން ޕާކިސްތާނުގެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިހާރު ހުންނެވި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒް ޝަރީފުގެ ރުހުމާވެސް އެކުގައެވެ.

އެދެބޭފުޅުން އެއްބަސްވާ ބޭފުޅަކު ނޫނީ ވަގުތީ ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ނުކުރެވޭނެއެވެ. މިއިން އެއްވެސް ކަމެއް ކުރެވޭނީ ޕާލަމެންޓް އުވާލި މައްސަލާގައި ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ގޮތެއް ނިންމުމުންނެވެ.

ޕާކިސްތާނަކީ ސިޔާސީ ޕާޓީތަކުގެ ކޯޅުންތައް ބޮޑު ގައުމެކެވެ. ސިޔާސީ ކޯޅުން ބޮޑުވެފައިވަނީ ޕާކިސްތާނުގެ ގާނޫނުތައްވެސް އެކަމަށް މަގުފަހިވާގޮތަށް ހުރުމުންނެވެ.

ސިޔާސީ ކޯޅުންތައް ކުޑަކުރުމަށްޓަކައި ބަރުލަމާނީ ނިޒާމު ދޫކޮށް ރިޔާސީ ނިޒާމަކަށް ދިޔުން ނޫނީ ބަރުލަމާނީ ނިޒާމު ބާއްވައިގެންވެސް ފަސޭހައިން ސަރުކާރު ވައްޓާ ނުލެވޭގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް އެގައުމުގެ ސިޔާސީ މުފައްކިރުންނާއި ތަޖްރިބަކާރުން ވަނީ އެތަށްފަހަރަކު ގޮވާލައްވާފައެވެ. މިކަން ކުރަން ޕާޓީތަކަށް ފުރުސަތު ނުލިބެނީ ގާނޫނު އަސާސީއަށް ބަދަލު ގެނެވޭވަރުގެ އަޣްލަބިއްޔަތެއް އެއްވެސް ޕާޓީއަކަށް އެއްވެސް އިންތިޚާބެއްގައި ނުލިބޭތީއެވެ.

ޕާކިސްތާނަކީ ޒަމާނުއްސުރެވެސް ސިފައިންނާއި ޖާސޫސީ އިދާރާ ފަރުދާގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަ ގައުމެވެ. ޕާކިސްތާނުގެ ޑީޕް ސްޓޭޓަކީ ސިފައިންގެ މުއައްސަސާއި އެގަުއމުގެ ބާރުގަދަ ޖާސޫސީ އިދާރާއެވެ. ގައުމުގެ ހުރިހާ ކަމެއްގެ ތެރެއަށް ސިފައިންނާއި ޖާސޫސީ އިދާރާ ވަދެއެވެ.

ގާނޫނީ ގޮތުން ބޮޑުވަޒީރު ބާރުގަދަ ނަމަވެސް އަދި ގާނޫނުގައި ސިފައިންނަށް ގައުމު ހިންގުމުގެ އެއްވެސް ދައުރެއް ނެތްނަމަވެސް ޕާކިސްތާނުގެ ސިފައިންނާއި ބާރުގަދަ ޖާސޫސީ އިދާރާއިންވަނީ ބޮޑުވަޒީރުގެ މައްޗަށް ފަރުދާގެ އަނެއް ފަރާތުން ބާރާއި ނުފޫޒު ހިންގޭނެ މެކޭނިޒަމްތަކެއް ޕާކިސްތާން އުފެދުނު ހިސާބުން ފެށިގެންވެސް އުފައްދާފައެވެ.

ޖެނެރަލް ޕަރުވޭޒް މުޝައްރަފު

ޕާކިސްތާނުގެ ސަރުކާރުތައް ވައްޓާލުމުގެ ފަހަތުގައި ނޫނީ ޕާލަމެންޓް އުވާލުމުގެ ފަހަތުގައި ސިފައިންގެ މުއައްސަސާއާއި ޖާސޫސީ އިދާރާ ފަރުދާގެ އަނެއް ފަރާތުގައި އަބަދުވެސް ކޮންމެވެސް ގޮތަކަށް ނޫނީ ކޮންމެވެސް ސިފައެއްގައި އޮވެއެވެ. ޕާކިސްތާން ސިފައިން ދެކޭގޮތުގައި އެމީހުންނަކީ ހަމައެކަނި ބޭރުގެ ދުޝްމަނުންގެ ކިބައިން ގައުމު ދިފާއުކުރާ ފަންނީ ބައެއްނޫނެވެ.

ސިފައިން ދެކޭގޮތުގައި އަދި ގަބޫލުކުރާ ގޮތުގައި އެމީހުންނަކީ މިނިވަންކަމާއި އިސްތިގްލާލުގެ އިތުުރުން އިސްލާމް ދީނާއި ގައުމިއްޔަތާއި އަމިއްލަ ވަންތަކަމާއި އެތެރޭގެ ހަމަޖެހުމާއި އިގްތިސާދީ އިޖްތިމާއީ ރައްކާތެރިކަމާއި ރައްޔިތުންގެ އެއްބައިވަންތަކާއި މިހެންގޮސް ގައުމުގެ ހުރިހާކަމެއް ހިމާޔަތްކޮށް ގައުމު ހަމައަކަށް އަޅުވަންޖެހޭ ފަރާތެވެ.

ޕާކިސްތާނުގެ ޖާސޫސީ އިދާރާވެސް ގައުމާމެދު ދެކެނީ މިގޮތަށެވެ. މިކަންކަން ހިމާޔަތް ކުރުމަށްޓަކައި ޖާސޫސީ އިދާރާއާއި ސިފައިންގެ ކޯޅުންވެސް އޮވެއެވެ. ނަމަވެސް އެކަން އެދެފަރާތުން އެކަން ގެންދަނީ އެހާބޮޑަށް ފެންމަތި ނުވާގޮތަށް މެނޭޖް ކުރަމުންނެވެ. ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިއަކަށް އަބަދުވެސް އައްޔަންކުރާނީ ތަޖްރިބާކާރު އަސްކަރީ ޖެނެރަލް އެކެވެ.

ޕާކިސްތާނުގެ ސިފައިން ފަރުދާގެ ފަހަތުގައި ތިބެގެން ސިޔާސީ މީހުން ލައްވައި ގައުމު ހިންގަމުން ގެންދާއިރު ސިފައިން ބޭނުންވާގޮތް ސިޔާސީ މީހުން ނުހަދައިފިނަމަ އަސްކަރީ އިންގިލާބުތައް ގެނަސްގެން ޕާކިސްތާނުގެ ވެރިކަމާ ސީދާ ގޮތެއްގައި ހަވާލުވުމަކީވެސް ޕާކިސްތާނުގެ ސިފައިން ކުރާ ކަމެކެވެ. އަސްކަރީ އިންގިލާބުތައް ގެނަސްގެން ޕާކިސްތާނުގެ ސިފައިން އެތަށް ފަހަރަކު ސީދާ ގޮތެއްގައި އެގައުމުގެ ވެރިކަން ކޮށްފައިވެއެވެ.

ޕާކިސްތާނުގެ ބާރާއި ނުފޫޒު ގަދަ ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް ނަދީމް އަންޖުމް

1958 ވަނަ އަހަރު ޖެނެރަލް އިސްކަންދަރު މިރުޒާ، 1971 ވަނައަހަރު ޖެނެރަލް މުހައްމަދު އައްޔޫބު ޚާން، 1977 ވަނައަހަރު ، ޖެނެރަލް މުހައްމަދު ޒިޔާއުލްހައްގު އަދި 1999 ވަނައަހަރު ޖެނެރަލް ޕަރުވޭޒް މުޝައްރަފް ޕާކިސްތާނުގެ ވެރިކަމަށް ވަޑައިގެންނެވީ އަސްކަރީ އިންގިލާބުތައް ގެނަސްގެންނެވެ. އެބޭފުޅުން ނަކީ އެދުވަސްވަރު ޕާކިސްތާން ސިފައިިންގެ އެންމެ އިސްކޮމާންޑަރުންނެވެ. އެއިން ކޮންމެ ޖެނެރަލުވެސް ވެރިކަމަށް ވަޑައިގެންނެވީ ޕާކިސްތާނުގެ ޗީޕް އޮފް އާމީ ސްޓާފް އިން ގެ މަގާމުގައި ތިއްބަވައިގެންނެވެ.

ގާނޫނުތައް އޮންނަ ގޮތުން ޕާކިސްތާނަކީ ވަރަށް ފަސޭހައިން ސަރުކާރުތައް ވައްޓާލެވޭ އަދި ބޮޑުވަޒީރު މަގާމުން ދުރުކުރެވޭ އަދި ޕާލަމެންޓްވެސް އުވާލެވޭގޮތަށް އޮންނަ ގައުމެކެވެ. އެބާރު ޕާކިސްތާނުގެ ރައީސް ގެ އިތުރުން ބައެއް ހާލަތްތަކުގައި ސްޕްރީމް ކޯޓަށްވެސް އޮވެއެވެ. އަދި ބޮޑުވަޒީރު ގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ފުރުސަތު ޕާލަމެންޓް މެންބަރުންނަށްވެސް އޮވެއެވެ. ނަތީޖާއަކަށްވަނީ ގައުމުގެ މަދަނީ ތަރައްގީއަށް ހުރަސްއެޅުމެވެ.

މާޒީއަށް ބަލާއިރު ސިފައިން ޕާލަމެންޓް މެންބަރުންކޮޅެއް ގެ އެއްބާރުލުން ހޯދައިގެން ޕާކިސްތާނުގެ ބޮޑުވަޒީރު މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވެއެވެ. އަދި ސިފައިން ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން ޕާކިސްތާނުގެ ބޮޑުވަޒީރަކި މަގާމަށް އަހުލުވެރި ބޭފުޅެއް ނޫންކަމަށްވެސް ކަނޑައަޅާފައިވެއެވެ. އަދި ސިފައިން ގައުމުގެ ރައީސް އާ ގުޅިގެން ރައީސްވެސް ބޮޑުވަޒީރު މަގާމުން ދުރުކޮށްފައިވެއެވެ.

އެހެންކަމުން 1988 ވަނަ އަހަރަށްފަހު ޕާކިސްތާނުގެ އެއްވެސް ބޮޑުވަޒީރަކަށް މަގާމުގެ މުއްދަތު ފުރިހަމަ ކުރެވިފައެއް ނުވެއެވެ. ޕާކިސްތާނުގެ ސިފައިން ދެކޭގޮތުގައި ޕާކިސްތާނުގެ ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކު ކޮންމެ ކަމެއްވެސް ނިންމަވާއިރުވެސް ސިފައިންގެ މަޝްވަރާ އާއި ސިފައިންގެ ރުހުން ހޯދަންޖެހޭނެއެވެ. ނަމަވެސް އެއީ ގާނޫނުގައި އޮންނަ ގޮތެއް ނޫނެވެ.

ކިތަންމެ ކުޑަކަމެއްގައިވެސް ސިފައިން ނުރުހޭ ގޮތަކަށް ބޮޑުވަޒީރު އަމަލު ކުރައްވައިފިނަމަ ސިފައިން ހަދާގޮތަކީ ޕާލަމެންޓްގައި ހިމެނޭ ކުދި ޕާޓީތަކާ އަދި މުސްތަގިއްލު މެންބަރުންގެ އެއްބާރުލުން ހޯދައިގެން ބޮޑުވަޒީރު ގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަނީއެވެ.

މިފަހަރުވެސް ދިމާވީ މިފަދަ ގޮތެކެވެ. ޚަބަރުތައް ބުނާގޮތުން މިފަހަރުވެސް ޕާކިސްތާނުގެ ބޮޑުވަޒީރު މަގާމުން ދުރުކުރުމުގެ ފަރުދާގެ ފަހަތުގައިވަނީ ސިފައިންނެވެ. ސިފައިންނަށް ފިއްތުންތައް ކުރިމަތި ކުރިކަމަށްވަނީ އެމެރިކާއިން ނެވެ. އެއި އިމްރާންޚާން އެމެރިކާއާ ދުރަށް ޖެހިވަޑައިގެން މުސްގަތިއްލު ސިޔާސަތެއް ގެންގުޅެން ފެށުމުން އެމެރިކާ ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ.

އެމެރިކާ ޕާކިސްތާނުގެ ސިފައިންނަށް ދެއްކި ކަމަށްވަނީ އިމްރާންޚާން ގެންގުޅުއްވާ މުސްތަގިއްލު ސިޔާސަތުގެ ސަބަބުން ޕާކިސްތާނުގެ އަސްކަރިއްޔާ ބަލިކަށިވެދާނެ ކަމުގެ ބިރު ކަމަށްވެއެވެ. ސިފައިންނަށް އެމެރިކާގެ ފަރާތުން ލިބޭ ފަންނީ އެހީ ނުދޭނެކަމުގެ ބިރުކަމަށްވެއެވެ.

ޕާކިސްތާން ސިފައިންގެ ގާތްގަނޑަކަށް 80 އިންސައްތަ ހަތިޔާރަކީ އެެމެރިކާގެ ހަތިޔާރުކަމުން އެހަތިޔާރުތަކަށް ބޭނުންވާ ސްޕެއާޕާޓްސް އެމެރިކާއިން ނޫނީ ލިބޭނެ ގޮތެއް ނޯވެއެވެ. މިއީ ޕާކިސްތާނަށް ބިރު ދެއްކުމާއި ޕާކިސްތާނުގެ އަސްކަރިއްޔައަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެމެރިކާއަށް ލިބޭ ކަމެކެވެ.

ޕާކިސްތާން ސިފައިންގެ ކަންބޮޑުުވުމަކީ އެމެރިކާއިން ހަތިޔާރުގެ ސްޕެއާ ނުދީފިނަމަ އިންޑިއާގެ ކުރިމަތީގައި ޕާކިސްތާނުގެ އަސްކަރިއްޔާ ކުޑަމިންވަރަކަށްވެސް ބަލިކަށި ވެދާނެކަމުގެ ބިރެވެ.

މިކަން މިގޮތަށް އޮތުމުން ޕާކިސްތާނުގެ ފަހުގެ ސަރުކާރުތަކުންވަނީ ޗައިނާގެ ފަންނީ އެހީގައި އަމިއްލައަށް ހަތިޔާރު އުފައްދަން ފަށާފައެވެ. އަދި އެމެރިކާގެ ހަތިޔާރުގެ ބަދަލުގައި ޗައިނާއިން ހަތިޔާރު ގަންނަން ފަށާފައެވެ.

comment ކޮމެންޓް