ދުބާއީގެ ރޭޑިއޯ ޗެނަލަކަށް ނަބީޙުގެ ކިޔެވުން ރެކޯޑުކުރަން ފުރުސަތެއް

އަލްޙާފިޡް އަޙްމަދު ނަބީޙު، ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ކިިޔަވަނީ -- ފޮޓޯ/ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު

ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގެ ފައިނަލް ރައުންޑުގައި ނަބީޙް ރާއްޖެ ތަމްސީލު ކުރި، އަލްޙާފިޡް އަޙްމަދު ނަބީޙުގެ ކިޔެވުން ކިޔެވުން ރިކޯޑުކުރުމުގެ ޝައުގުވެރިކަން، ދުބާއީގެ ރޭޑިއޯ ޗެނަލަކުން ފާޅުކޮށްފިއެވެ.

ދުބާއީގައި ބާއްވާ އިންޓަނޭޝަނަލް ޤުރުއާން މުބާރާތަށް ދިއުމަށް ނަބީހު ފުރާފައި ވަނީ މީގެ ހަފްތާއެއް ކުރިންނެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ތަމްސީލު ކުރާ ތިން މީހުންގެ ތެރޭގައި ނަބީހު ހިމެނެއެވެ.

ފައިނަލް ބުރުގައި ނަބީހުގެ ކިޔެވުން އަޑުއަހާފައި، ގިނަ ބަޔަކު ވަނީ ނަބީހަށް ތައުރީފު ކޮށްފައި ކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުންޏެވެ.

"މުބާރާތް އިންތިޒާމްކުރެއްވި ފަރާތުން ނަބީހުއާ ކުރި އިންޓަވިއުގައި ސޫރަތެއްގެ ނަން ބުނުމަށްފަހު އެ ސޫރަތުގެ އާޔަތެއްގެ ނަންބަރު ބުނުމުން ނަބީޙު ވަނީ އެ އާޔަތް ކިޔައިފައި. އެވަގުތު ނަބީހުގެ އާދަޔާ ޚިލާފު ހުނަރު ފެނިފައި އިންޓަރވިއު ކުރި ފަރާތުން އަޖައިބުވެ ފެންކަޅިވި" ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުންޏެވެ.

އަލްޙާފިޡް އަޙްމަދު ނަބީޙު، ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ކިިޔަވަނީ -- ފޮޓޯ/ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު

ދުބާއީގެ ރޭޑިއޯ ޗެނަލަކުންވެސް، ނަބީޙުގެ ހުނަރުތައް ފެނިގައި، އެ ޗެނަލްއަށް ނަބީހުގެ ކިޔެވުން ރިކޯޑު ކުރުމުގެ ޝައުގުވެރިކަން ފާޅުކުރީއެވެ.

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވި ގޮތުގައި އަދުގެ ސަރުކާރުގެ ސިޔާސަތަކީ މިފަދަ ކުދިންނަށް ފުރުޞަތު ފަހިކޮށްދީ، ތަފާތުކުރުންތައް ނައްތާލަން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ބާރުއަޅުއްވާ ކަމަށާއި، ނަބީޙްގެ ޢާއިލާއާ ބައްދަލުކުރައްވައި، ނަބީހުއަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައިވާ ކަމަށެވެ.

ނަބީޙް މިހާރު ހުރީ މި މުބާރާތުގެ ނަތީޖާފާޅުކުރާ ޙަފްލާގައި ރާއްޖެ ފަޚުރުވެރިވާ ފަދަ ވަނައެއް ޙާޞިލުކުރުމުގެ ފޮނި އުއްމީދުގައި ކަމަށް ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުންޏެވެ.

comment ކޮމެންޓް