ހަތް ރަށެއްގައި ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވައިލައިފި

ޏ. އަތޮޅު ހޮސްޕިޓަލް --- ފޮޓޯ/ ސަން ފައިލް ފޮޓޯ

ހަތް ރަށެއްގައި ހޮސްޕިޓަލުތައް އެޅުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ހުޅުވާލީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގައި 30 އެނދުގެ ހޮސްޕިޓަލު އެޅުމަށެވެ.

ކުވެއިތު ފަންޑުގެ އެހީގައި އެޅުމަށް ނިންމައިފައިވާ މި ހޮސްޕިޓަލުތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ ރަށަކަށް 35،000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.

މިހާރު އިޢުލާންކޮށްފައިވާ ހަތް ރަށުގެ އިތުރުން، ގދ.ތިނަދޫ, ފުވައްމުލައް ސިޓީ, ހދ. ކުޅުދުއްފުށި އަދި އއ. ރަސްދޫގައި މިހާރު ހަދަމުންދާ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ނިމުމުން، އެ މަޝްރޫއުތައް ވެސް ޓެންޑަރަށް ހުޅުވާލެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވިއެވެ.

މި އަހަރު ތެރޭގައި އިތުރު 12 ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

"މިފެށި ކަންކަން ދެން ދާނީ ފުރިހަމަވަމުން. ކުޅުދުއްފުއްޓާއި ލ. ގަމާއި ގދ. ތިނަދޫގައި 100 އެނދުގެ މިދެންނެވި ހޮސްޕިޓާތަކުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ހިނގާނެ އަދި މީގެ އިތުރުން ހަތް އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު އަދި 12 ރަށެއްގައި 30 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެ،" ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް