ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް ތަމްރީނާއި މާލީ އެހީތެރިކަން ދެނީ

އިކޮނޮމިކް މިނިސްޓަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކުރި މީހުންނަށް ތަމްރީން ދޭން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖްކެޓުގެ ދަށުން ވަޒީފާއަށް ބޭނުންވާ ތަމްރީން އަދި ކޯހާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރި ކުރުމަށް ބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މައިގަނޑު ތިން ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އެއީ؛

(1) މި ދާއިރާތަކަކީ؛

(ހ) އެކައުންޓިން ދާއިރާ

(ށ) އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ

(ނ) ޑައިވިންގ ދާއިރާ

(2) އެޕްރެންޓިސްޝިޕް ޕްރޮގްރާމް

(3) އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ޕްރޮޖެކްޓުގެ ދަށުން ރާވާފައިވާ ޕްރޮގްރާމްތަކަށް އެދި ހުށަހެޅުމަށް މި މަހުގެ ތެރޭގައި ހުޅުވާލާނެއެވެ.

ވަކިވަކި ޕްރޮގްރާމްތަކަށް ފޯމު ހުށަހެޅުމަށް ކަނޑައަޅާ ސުންގަޑިތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކުރެވިގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އަދި މި ޕްރޮގްރާމްތަކުގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް ޖޮބް ސެންޓަރު ވެބްސައިޓުގައި ޝާއިޢު ކުރުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް