އަންނަ އަހަރުގެ މެދުތެރޭ ގިނަ ހައުސިން ޔުނިޓުތައް އަޅާ ނިމޭނެ: އަކްރަމް ކަމާލުއްދީން

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އާޒިމް -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރުގެ މެދުތެރޭގައި ގިނަ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިމޭނެކަމަށް ހައުސިން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކާ ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އަކްރަމާއި ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އާޒިމް، ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް މިއަދު ހާޒިރުކުރުމުންނެވެ.

"ދެހާސް ތޭވީސް ވަނަ އަހަރު މެދުތެރޭ ގިނަ ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ނިމޭނެ. ރާވާފައިވާ ގޮތަށް ކަންކަން ކުރިއަށް މިދަނީ،" އަކްރަމް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު މުޅި ޖުމްލަ 60 ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާކަން އަކްރަމް ފާހަގަ ކުރެއްވިއެވެ. އެއީ ޖުމްލަ 14،528 ހައުސިން ޔުނިޓެވެ.

އޭގެ ތެރެއިން މި އަހަރަށް ނިންމުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކުގެ އަދަދަކީ 2،159 ހައުސިން ޔުނިޓެވެ. އަންނަ އަހަރު ތެރޭ ނިންމޭނެކަމަށް ލަފާކުރާ ހައުސިން ޔުނިޓުތަކުގެ އަދަދަކީ 2،429 ހައުސިން ޔުނިޓެވެ.

ބާކީ 3،360 ހައުސިން ޔުނިޓު ނިމޭނެކަމަށް މިނިސްޓްރީން ލަފާކުރަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

ހައުސިން ޔުނިޓުތަކުގެ ތެރެއިން 720 ހައުސިން ޔުނިޓަކީ ކައުންސިލްތަކަށް ޚާއްޞަކޮށްފައިވާ ހައުސިން ޔުނިޓުތަކެކެވެ. އަދި 2،405 ހައުސިން ޔުނިޓަކީ އެޓޯލް ހައުސިން ޔުނިޓުތަކަށްވާ އިރު 6،370 ހައުސިން ޔުނިޓަކީ އެފޯޑެބަލް ހައުސިން ޔުނިޓުތަކެވެ.

މީގެ އިތުރުން، 4،116 ހައުސިން ޔުނިޓަކީ މިޑް ރޭންޖް ލަގްޒަރީ ހައުސިން ޔުނިޓެވެ.

comment ކޮމެންޓް