ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އެމެރިކާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމެރިކާގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމަށް ރާއްޖެއާ އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ރާއްޖޭގެ ދިފާޢީ ދާއިރާގެ ޤާބިލްކަމާއި ހުޝިޔާރުކަން އިތުރުކުރުމުގެގޮތުން އެމެރިކާގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމަށް ރާއްޖެއާ އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެމްއެންޑީއެފް އިންޓަގްރޭޓަޑް ހެޑްކުއާޓާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ރާޢްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއެވެ. އަދި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ މޮންޓޭނާ ނެޝަނަލް ގާޑުގެ މޭޖާ ޖެނެރަލް ޖޯން ރޮނިކްއެވެ.

އެ ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖޭގެ ދިފާޢީ ދާއިރާގެ ޤާބިލްކަމާއި ހުޝިޔާރުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށެެވެ. އަދި އެ އެއްބަސްވުމަކީ 2020ވަނަ އަހަރު ރާއްޖެއާ އެމެރިކާއާ ދެމެދު، ދިފާޢީ އަދި ސަލާމަތީގޮތުން އެއްބާރުލުން އިތުރުކުރަން އެކުލަވާލައި، ފްރޭމްވޯކް އެގްރީމެންޓަށް ޢަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެމެރިކާގެ މޮންޓޭނާ ނެޝަނަލް ގާޑު ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ދިފާޢީ އަދި ސަލާމަތީ މާޙައުލާ އެއްގޮތަށް ބައްޓަންކޮށްފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ، މިނިސްޓަރު މާރިޔާ ވިދާޅުވީ، އެޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ސަލާމަތާ ގުޅޭ ތަފާތު ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރަން މަގުފަހިވެގެންދާނެކަމަށެވެ. އެދާއިރާތަކުގެ ތެރޭގައި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުގައި އެހީތެރިވުމާއި ލީޑާޝިޕްގެ ހުނަރު ތަރައްޤީކުރުމުގެ އިތުރުން، ސައިބާސެކިއުރިޓީ އާއި ކޮމިއުނިކޭޝަން ސެކިއުރިޓީ، މެރިޓައިމް ޑޮމައިން އެވެއާނަސް، އޭވިއޭޝަން ސެކިއުރިޓީ، މިލިޓަރީ މެޑިކަލް އަދި އިންޖިނިއަރިން، އޮޕަރޭޝަނަލް ލޮޖިސްޓިކްސް އަދި ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް، ނިއުކްލިއާ އަދި އެންވަޔަރަމެންޓަލް ޑިފެންސް އަދި ރެސްޕޮންސް ފަދަ ދާއިރާތައް ހިމެނެއެވެ.

އެއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ވަފްދުގެ ބޭފުޅުންނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަ ހިސާން ޙަސަނާއި، ޑިރެކްޓާ އޮފް އެންޓި ހިއުމަން ޓްރެފިކިން ޢަލީ ޖައިޝަން ޢާމިރުގެ އިތުރުން ހުރިހާ ރޭންކެއްގެ ސިފައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް