ޔުވެންޓަސް ބަލިކޮށް އިންޓައަށް ހަމަޖެހުމެއް

އިންޓައިން މިރޭ ޔުވެންޓަސް އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އިންޓަ މިލާނުން ލީގުގެ ތިން ވަނައިގައި ހަމަޖެހިލައިފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު އެ މެޗު އިންޓައިން ކާމިޔާބުކޮށްފައިވަނި 1-0ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަލާތަކެއް ފެނުނު އެ މެޗުގެ 15 ވަނަ މިނެޓުގައި ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޮލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އިންޓައިން މެޗުގައި ލަނޑު ޖަހާފައިވަނި 45 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ހަކަން ޗަނޮނޮގްލޫއެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 49 ވަނަ މިނެޓުގައި ޕައުލޯ ޑިބާލާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑުސަން ވްލަހޮވިޗް ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން 73 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑެނިސް ޒަކަރިޔާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށެވެ.

މެޗުން މޮޅުވެ އިންޓައިން ވަނީ 63 ޕޮއިންޓާއެކު ތިން ވަނައިގައި ހަމަޖެހިލައިފައެވެ. މެޗުން ބަލިވި ޔުވެންޓަސް އޮތީ 59 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.

ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 66 ޕޮއިންޓު ލިބިފައެވެ. އަދި ދެ ވަނައިގައި އޮތް ނަޕޯލީއަށް ލިބެނީ 66 ޕޮއިންޓެވެ.

comment ކޮމެންޓް