ޕީއެސްޖީއަށް އެއް ވަނައިގައި ބޮޑު ލީޑަކާއެކު ހަމަޖެހުމެއް

މިރޭ ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން

ފްރާންސް ލީގުގައި މިރޭ ލޮރިއެއްޓް ބަލިކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން ލީގު ތާވަލްގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑަކާއެކު ހަމަޖެހިލައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވަނީ 5-1 ގެ ނަތިޖާއަކުންނެވެ.

ޕީއެސްޖީން މެޗު ފަށާފައިވަނީ ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ އަދީ ނޭމާ ޖޫނިއާ ޓީމުގެ ފޯވާޑު ލައިނުގައި ހިމަނައިގެންނެވެ. އަދި އަނިޔާގެ ސަބަބުން ކުޅުމާ ދުރު ހުރުމަށްފަހު، ސާޖިއޯ ރާމޯސް ވެސް ވަނީ މިރޭގެ މެޗަށް ޓީމުގައި ހިމަނާފައެެވެ. ނަމަވެސް، އޭނާ ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެއެވެ.

މިރޭގެ މެޗުގައި މެސީ، އެމްބާޕޭ އަދި ނޭމާ ވެސް ވަނީ ލަނޑު ޖަހާފައެވެ. އެމްބާޕޭ އާއި ނެމާ ދެ ލަނޑު ޖަހައިދިނެވެ. އަދި މެސީ ވަނީ އެއް ލަނޑު ޖަހާފައެވެ.

މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައި ނޭމާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެމްބާޕޭ ދިން ބޯޅައަކުންނެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައިވަނީ 28 ވަނަ މިނެޓުގައި އިދްރިސާ ގަނާ ދިން ބޯޅައަކުން އެމްބާޕޭއެވެ. އޭރިޔާ ތެރެއިން އެމްބާޕޭ ފޮނުވާލި ބޯޅަ އަމާޒުވި ގޯލުގެ ތިރީ ކަނަށެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޕީއެސްޖީން ކުޅެމުން ދަނިކޮށް، ދެވަނަ ހާފު ފަށައިގެން މެޗުގެ 56 ވަނަ މިނެޓުގައި ލޮރިއެންޓުން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓެރަމް މޮފީއެވެ.

މެޗުގެ 67 ވަނަ މިނެޓުގައި އަޝްރަފް ޙާކިމީ ދިން ބޯޅައަކުން އެމްބާޕޭ ވަނީ މެޗުގައި އޭނާގެ ދެ ވަނަ ލަނޑު ޖަހައި، ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅައެއްގައި އެމްބާޕޭ ފޮނުވާލިމ ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެެވެ.

އޭގެ ހަ މިނެޓު ފަހުން މެޗުގެ 73 ވަނަ މިނެޓުގައި އެމްބާޕޭ ދިން ބޯޅައަކުން މެސީ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ.

ޕީއެސްޖީގެ ފަސް ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެމްބާޕޭ ދިން ބޮޅައަކުން ކާމިޔާބުކޮށްދިނީ ނޭމާއެވެ. މިއީ މި މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޕީއެސްޖީން ވަނީ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެއީ 30 މެޗުން އެ ޓީމަށް ލިބުނު 68 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް މާސެއިލް އަށް ލިބެނީ 56 ޕޮއިންޓެވެ. އަދި ތިން ވަނައިގައި އޮތް ރެނޭސްއަށް ލިބެނީ 53 ޕޮއިންޓެވެ.

comment ކޮމެންޓް