މިނިސްޓަރު އިމްރާން ރޯދަވީއްލީ ގައިދީންނާއެކު، ތަފާތު މަންޒަރެއް!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގައިދީންނާއެކު ރޯދަ ވީއްލުން -- ފޮޓޯ/ ކަރެކްޝަންސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ފަރާތުން މިއަދު ފެނުނީ ތަފާތު މަންޒަރެކެވެ. ހިތްތިރިކަމުގެ މިސާލެކެވެ. ފަހުގެ ތާރީޚެއްގައި މިނިސްޓަރެއްގެ ފަރާތްޕުޅުން މިފަދަ މަންޒަރެއް ފެނިފައެއް ނުވެއެވެ.

މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރޯދަވީއްލުން އިމްރާން ހޭދަކުރެއްވީ ގައިދީންނާއެކުގައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މިނިސްޓަރު އިމްރާނާއި ކޮމިޝަނާ އޮފް ކަރެކްޝަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ކ. މާފުށީ ޖަލުގެ ބައެއް ގައިދީންނާއެކު ރޯދަވީއްލުމެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި ރޯދަވީއްލުމަށްފަހު ހޯމް މިނިސްޓްރީން ބުނެފައިވަނީ ޤައިދީންގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ދެނެގަތުމަށް ޤައިދީންނާއެކު މިނިސްޓަރު ވަގުތު ހޭދަކުރެއްވި ކަމަށެވެ.

"ޤައިދީން ރަނގަޅު ބައެއްގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެމަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާނެ. ޤައިދީންނާއެކު މިއަދު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރި ވަގުތުތަކަކީ އެކަމަށްވެސް ވިސްނައިގެން ކަންކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިއީ ގައިދީންގެ ހާލަތު ގާތުން ބެއްލެވުމުގެ ގޮތުން މިނިސްޓަރު ކުރައްވާ މަސައްކަތެއް ކަމަށެވެ. އަދި މިއީ ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެ ގައިދީންގެ ހާލު ގާތުން ބެއްލެވުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ވިދާޅުވިއެވެ.

"މީގެ ކުރިން ހޯމް މިނިސްޓަރަކު ގައިދީންނާއެކު ގައިދީން ކާ އެއްޗެހި ފަރިއްކުޅުއްވައިގެން ރޯދަ ވީއްލައިފައެއް ނުވޭ. ރޯދަ ވީއްލުމަށްފަހު އެކުގައި ނަމާދު ވެސް ކުރެއްވި،" އޮފިޝަލް ވިދާޅުވިއެވެ.

މި ރޯދަ ވީއްލުމުގައި ބައިވެރިވީ ކިހައި އަދަދެއްގަ ގައިދީންކަމެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.

ރޯދަމަހުގެ ތެރޭގައި ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ޤައިދީންނާއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަން މިނިސްޓަރު ވަނީ ނިންމަވައިފައި ކަމަށް ވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

comment ކޮމެންޓް