އީސީސީން ފެނުނު ކުލަތައް ފަނޑުވެފައި!

ސާކް ސަމިޓަށް އައްޑޫގައި ބިނާ ކުރި ދަރުބާރުގެއަކީ 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވި ބިޔަ އިމާރާތެކެވެ. މާކިޅި ސަރަހައްދުގެ ޗަސްބިން ހިއްކައިގެން އެ ސަރަހައްދުގައި ބިޔަ އިމާރާތެއް އެޅީ ސާކް ސަމިޓް ބޭއްވާ ނިންމާލާކަށް ނޫނެވެ. އައްޑޫ ރައްޔިތުންގެ އުންމީދު ކުރީ އީސީސީ އަކީ އައްޑުއަށް ބޮޑު ނަފާއެއް ލިބޭނެ ތަނަކަށް ވާނެ ކަމަށެވެ. ނަމަވެސް އެ އުންމީދުތައް އެބުރުނީ އަނެއް އަތަށެވެ. އީސީސީގެ ހިމެނޭ 67 ހެކްޓަރުގެ ސަރަހައްދު ތަރައްގީކޮށް 100 އެނދުގެ ސިޓީ ހޮޓަލެއް އެ ސަރަހައްދުގައި އަޅަން ނިންމާ ބައިނަލް އަގުވާމީ ބީލަމަށް ހުޅުވާލި ނަމަވެސް އެކަމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއްނުވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ތިން ފަރާތަކުން ބިޑް ފޮތް ގަނެފައިވާ ކަމަށެވެ. އެއީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ކުރިން ފުރުއްވެވި ސ. ހިތަދޫ ޒަމާނީގޭ އަބްދުﷲ ޝާހިދާއި އެމްވީކޭ މޯލްޑިވްސްގެ އިތުރުން ސިންގަޕޫރުގެ ކްރެސެންޑާޒް އެވެ.

"ބިޑް ގަތް ދެ ފަރާތަކުން އަންގާފައި އޮތީ ސިޔާސީ ކަންތައްތައް ހުރި ގޮތުން ކުރިއަށް ދެވެން ނެތް ވާހަކަ. ސިޔާސީ ކަންކަން ހަމައަކަށް އެޅުނީމަ ކަމަށް އެބޭފުޅުންނަށް ގޮތެއް ނިންމޭނީ. އެގޮތަށް އޮތީ އެމްވީކޭ އާއި ކްރެސެންޑާޒް ސިޓީ ފޮނުވާފައި،" ކައުންސިލްގެ ޑިރެކްޓަރު މުހައްމަދު ލުތުފީ ވިދާޅުވި އެވެ. "އެހެންވެ އެކަމަށް ވަކި ގޮތެއް ނުނިމި އޮތީ. އެކަމަށް ގޮތެއް ނިންމޭނީ ސިޔާސީ ކަންކަން ހަމައަކަށް އެޅުނީމަ،"

އީސީސީ ބިނާކުރި ފަހުން އެ އިމާރާތް ފަޅަށް ހުރިއިރު މިވީ ތިން މަހެއްހާ ދުވަހު ތެރޭ ފަހު އެ ތަނުގައި ބޭއްވީ މރ. އެމްއެންޑީއެފް 2011ގެ ހަފުލާއާއި ދެތިން ކައިވެނި ޕާޓީ އަކާއި އީސީސީގެ ޕްރީބިޑް މީޓިންގެ އިތުރުން ކައުންސިލްގެ ބައްދަލުވުމެކެވެ. އެމްއެންޑީއެފް ސެކިއުރިޓީ ބަލަހައްޓާ އެ ތަނުގެ މެއިންޓަނެންސް މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީންނެވެ.

އެތަނުގެ މާލަންތައް އާންމު ގޮތެއްގައި ކުއްޔަށް ދޫކޮށްފައިހުރީ 1000ރ. އާއި 5000ރ. ދެމެދުގެ އަގުތަކެއްގަ އެވެ. އެއީ އެކަށޭނަ އަގުތަކެއްތޯ އޭރުވެސް އަދި މިހާރުވެސް ސުވާލުކުރެވެ އެވެ. ޑިރެކްޓަރު ލުތުފީ ވިދާޅުވީ އީސީސީން ރަނގަޅު ނަފާއެއް ހޯދޭނީ އެތަން ބަޔަކަށް ކުއްޔަށް ދީގެން ކަމަށާއި މިހާރު އެތަނުގެ ބޭނުން ކުރާ ގޮތުން ލިބެންޖެހޭ ރަނގަޅު ނަފާ ނުލިބޭ ކަމަށެވެ.

"އެތަން ކުއްޔަށް ދީގެން ނަފާއެއް ހޯދޭނީ. މިހާރު އެތަން ބޭނުން ކުރެވޭނީވެސް އެގޮތަށް. އެތަން ކުއްޔަށްދީ ތަރައްގީކޮށްގެން ނޫނީ އެތަނުން ރަނގަޅު ނަފާއެއް ނުލިބޭނެ،" ލުތުފީ ވިދާޅުވި އެވެ.

އީސީސީ ތަރައްގީ ކުރުމަށް ވިސްނާފައި ވަނީ އެތަނުގެ ވަށައިގެންވާ 21.2 ހެކްޓަރުގެ ޕޮންޑުވެސް ތަރައްގީކޮށް ހިންގާ ގޮތަށެވެ. އީސީސީއަކީ ސައުތް އޭޝިޔާގެ އެންމެ ހިތްގައިމު ދަރުބާރުގެ ކަމަށް ބެލިދާނެ ނިޝާންތައް އެ ސަރަހައްދުން ފެނެ އެވެ. އީސީސީއަކީ އައްޑޫ ރައްޔިތުންގެ އުންމީދު ތަކާއި ގުޅިފައިވާ އައްޑޫ ރައްޔިތުންގެ މިލްކެކެވެ. އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އީސީސީ އާއި މެދު އަދި އުންމީދު ކަނޑާލެވޭކަށް ނެތް ކަމަށާއި ސިޓީ ކައުންސިލުން އެތަން ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަލުން ބިޑަށް ލައިގެން ނަމަވެސް އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން. އެތަން ދޫކޮށެއް ނުލާނަން،" ސޯބެ ވިދާޅުވި އެވެ.
އީސީސީގެ ތަރައްގީކުރުން ބަޔަކާ ހަވާލުކުރުން ލަސްވާނަމަ އެއީ ބޮޑު މައްސަލަ އެކެވެ. ދައުލަތުން އެތައް ރުފިޔާތަކެއް ފެނަށް ވުމަކީ ގާތްކަމެކެވެ. އީސީސީ މިއަދު ހުރީ ފަޅަށެވެ. ނަމަވެސް އައްޑޫ ރައްޔިތުން ބޭނުމީ އީސީސީ ކުލަ ބޮކިތަކުން ދިއްލޭށެވެ. އީސީސީއަށް ދިރުން އައުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް