ފުނައްޑޫ ސަރުކާރަށް ގަނެ މިފްކޯއަށް

ފުނައްޑޫގެ ސެޓްލައިޓް ޕޮޓޯއެއް --

މަސްގަނެ އެކްސްޕޯޓް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އަޙްމަދު ތަސްމީން ޢަލީ ތަރައްގީކުރެއްވި ތ. ފުނައްޑޫގެ ކާރުޚާނާ ސަރުކާރަށް ގަނެ މިފްކޯގެ ދަށަށް ބަދަލުކޮށްފައިވާކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ. އެ ޖަވާބު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ފުނައްޑޫގެ ކާރުޚާނާގެ މަސައްކަތް ހުއްޓިފައިވާތީ އެތަނުން މަސްގަތުމުގެ މަސައްކަތް މިފްކޯ މެދުވެރިކޮށް އަލުން ފެށޭނެގޮތަށް ހަދައިދިނުމަށް ތިމަރަފުށީގެ މަސްވެރިންނާއި ވިޔަފާރިވެރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވާފައިވާ ކަމަށެވެ.

އެހެންކަމުން މިފްކޯއަށް ފުނައްޑޫ ހިންގިދާނެތޯ ބެލުމަށް ޓަކައި ސަރުކާރުން ފީސިބިލިޓީ ސްޓަޑީއެއް ހަދައި އިކޮނޮމިކް ކައުންސިލަށް ހުށައަޅަން އެންގި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފުނައްޑޫގެ ކާރުޚާނާ ސަރުކާރަށް ގަތުމަށް ނިންމަވާފައިވަނީ އެ ފީސިބިލިޓީ ސްޓަޑީއަށް ފަހުގައިކަމަށް ސިޓީގައިވެއެވެ.

މީގެ އިތުރުން، މިމަހުގެ ހަ ވަނަ ދުވަހު ފުނައްޑޫއާއި އެރަށުގެ ހުރިހާ މުދަލެއް މިފްކޯގެ ދަށަށް ބަދަލުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުރީގެ މިނިސްޓަރު ތަސްމީން ވަނީ ފުނައްޑޫ ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނު ނަންގަވާފައެވެ. އެ ރަށް ވިއްކާލަން ބޭންކުން އިޢުލާން ކުރީ ލޯނު ނުދެއްކުމުންނެވެ.

ފުނައްޑޫގައި މަސް ގަތުމުގެ އޮޕަރޭޝަންތައް ހުއްޓާލީ 2008ގައެވެ.

comment ކޮމެންޓް