ގައުމީ ޓީމު ފުޓްސަލް ކުޅޭނެ ދަނޑެއް ނެތިގެން ގެއަށް ދާކަށް ނުޖެހޭނެ: މަހުލޫފް

މިނިސްޓަރު މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި-- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ޕްރެކްޓިސް ކުރާނެ ދަނޑެއް ނެތިގެން ގެއަށް ދާން ނުޖެހޭނެ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިނިސްޓަރު މަހުލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައެވެ.

މިނިސްޓަރާ ސުވާލުކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުޙުސިން ޙަމީދު ވަނީ ރާއްޖޭގައި ފުޓްސަލްގެ ފޯރި ބޮޑުކަން ފާހަގަކުރައްވައި، ފުޓްސަލް ކުޅޭ އިންޑޯ ދަނޑެއް ގާއިމްކުރުމުގެ ވިސްނުން ހުރީ ކިހާ ހިސާބެއްގައިތޯ ސުވާލުކުރައްވައިފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ފުޓުސަލް ދަނޑޭ ކިޔައިގެން މިހާތަނަށް ވެސް ރާއްޖޭގައި ހަދައިފައި ހުރީ މިނީ ޕިޗުތަކެއް ކަމަށާއި އެ ތަނުގައި ފުޓްސަލްގެ ގަވައިދާ އެއްގޮތަށް "ކުޅެވެނީ އެހެން އެއްޗެއް" ކަމަށެވެ.

މިހާރު ފުޓްސަލްގެ ގައުމީ ޓީމެއް އެކުލަވައިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ޓީމު ރާއްޖެއިން ބޭރުގައި ކުޅެނީ "އަސްލު ފުޓްސަލް" ކަމަށެވެ.

"ކުއްލިއަކަށް އަޅުގަނޑުމެން ގައުމީ ޓީމެއް އެކުލަވައިލައިފައި ބޭރަށް ފޮނުވީމާ އަސްލު ފުޓްސަލް ކޯޓުގައި އަސްލު ފުޓްސަލް މި ކުޅެނީ. ވަރަށް ރަނގަޅު ނަތީޖާއެއް ވެސް އެކަމް އެކުދިން ހޯދައިފި،" މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފުޓްސަލް ކުޅޭނެ ދަނޑެއް ނުލިބިގެން، އެ ކުދިން ގެއަށް ދާން ޖެހިއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ވާހަކަތަކެއް ފެތުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމު ކުޅޭނެ ދަނޑެއް ނުލިބިގެން ގެއަށް ދާކަށް ނުޖެހޭނެ. އަޅުގަނޑުމެން އަޅައިދީފައި ތިއޮތް އަދި ކުރީގައި އަޅައިފައި ހުރި ކަމުގައި ވިޔަސް، ދަނޑުތަކުން ދަނޑެއްގައި ގައުމީ ޓީމު ޕްރެކްޓިސް ކުރަން ލިބޭނެ، އެހެންނަމަވެސް ރާއްޖޭގައި މިއަދު ފުޓްސަލް އިންޑޯއެއް ނެތް،" މަހުލޫފް ވިދާޅުވިއެވެ.

ފުޓްސަލް އިންޑޯ ދަނޑެއް ގާއިމް ކުރަން "ކިރިޔާ ޖާގައެއް" ލިބުނުކަމުގައި ވިޔަސް ދަނޑެއް އަޅާނެ ކަމަށާއި އުންމީދަކީ މި ދައުރު ނިމުމުގެ ކުރިން ދަނޑުގެ މަސައްކަތް ނިމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/163264

comment ކޮމެންޓް