ގެއްލުން ބޮޑު އަމަލެއް!

ވޭޕްކުރުމަކީ މިއަދުގެ މުޖުތަމައުގައި، ވަރަށް ބޮޑަށް ޢާންމުވަމުން އަންނަ ކަމެއް -- ފޮޓޯ/ ހާޓްފައުންޑޭޝަން

މީގެ ދެތިން ދުވަސްކުރިއެވެ. މެންދުރު ފަހުގެ ވަގުތެވެ. ފެނުނީ ވަރަށް ދެކެން ބޭނުންނުވާ ކަހަލަ މަންޒަރެކެވެ. މަގެއްގެ އެއް ފަރާތުގައި މަޑުކޮށްލައިގެން ހުރި ފިރިހެން ކުއްޖެކެވެ. ލަފާކުރެވޭ ގޮތުން، އެއީ ސާދަ ވަރަކަށް އަހަރުގެ ކުއްޖެކެވެ. ފެންނަ ފެނުމަށް ވަރަށް ބަސްއަހައި ކުއްޖެއްހެން ހީވެއެވެ. ރޫފަ ހެޔޮވެފައި، ހެދުންއެޅުން ވެސް ރީއްޗެވެ. އެހެންނަމަވެސް އެ ކުއްޖާ ކުރާން ހުރި ކަންތައް އެހައި ރީއްޗެއް ނޫނެވެ. އަތުގައި އޮތީ ވޭޕް ޕޮޑެކެވެ. ދޭތެރެއަކުން އަނގަޖަހައި ދަމާލައެވެ. އަނގައާއި ނޭފަތުން އޮލަ ދުންތައް ބޭރުކޮށްލައެވެ.

އެހެން ދުވަހެކެވެ. ހަވީރުގެ ވަގުތެވެ. ފަސްވަރަކަށް ކުދިންގެ ގުރޫޕެއް، މަގެއްގެ ޕާކިންޒޯނުގައި ހުރި ސައިކަލެއްގެ ކައިރީގައި، ހީނހީނފައި ވާހަކަ ދައްކާން ތިއްބެވެ. އެ ތަނުން ދެ ކުދިންނަކީ ބާރަތޭރަ ވަރަކަށް އަހަރުގެ ދެ ކުދިންނެވެ. އަނެއް ތިން ކުދިން އުޅޭނީ އަށާރަ އަހަރުން މަތީގައި ކަމަށް ލަފާކުރެވެއެވެ. އެއިން ކޮންމެ ކުއްޖެއްގެ އަތުގައި ވެސް ވޭޕް ޕޮޑެއް އޮތެވެ. އިރުއިރުކޮޅުން ދަމާލައެވެ. ދުންތައް ބުރުވާލައެވެ. އެކިއެކި ވާހަކައިގައި އިރުކޮޅަކު ތިބެފައި، ހެލްމެޓް އަޅައިގެން، ތިން ސައިކަލުގައި އެ ގްރޫޕް ނައްޓާލައިފިއެވެ.

ވޭޕްކުރުމަކީ މިއަދުގެ މުޖުތަމައުގައި، ވަރަށް ބޮޑަށް ޢާންމުވަމުން އަންނަ ކަމެކެވެ. ކުރިން ސިގިރެޓް ބުއި އެތައް ބަޔަކު، މިއަދު ސިގިރެޓް ފޮށި ޖީބުން ނަގައި އެއްލާލައިފިއެވެ. ވޭޕް ޕޮޑަށް ޖާގަ ހުސްކުރުމުގެ ގޮތުންނެވެ. މި ނުރައްކާތެރިކަން ބޮޑު އިސްތިޢުމާލުގެ ޝިކާރައަކަށް ކުޑަ ކުދިން ވަމުން އަންނަ މަންޒަރުގެ ހިތްދަތިކަން ވަކިން ބޮޑެވެ. ދަރިވަރުން ސްކޫލަށް ދާއިރު ވޭޕްކުރަން ބޭނުންކުރާ ތަކެތި ފޮތް ދަބަހަށް އަޅައިގެން ގޮސް، ސްކޫލު ތެރޭގައި ވެސް ވޭޕްކުރުމަކީ، މިއަދު ހިނގަމުން އަންނަ ކަމެކެވެ. ފާޚާނާގައެވެ. ކްލާސްރޫމުގައެވެ. ވޭޕްކުރުމުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން، އެ ކުދިންނަށް ނުވިސްނެނީ ކަމަށްވެދާނެއެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ވޭޕްކުރުމަކީ ސިގިރެޓް ބުއިމަށްވުރެ ގެއްލުން ކުޑަކަމެކެވެ. ވޭޕްކުރާން ފަށަނީ އެ ވިސްނުމުގައި ކަމަށް ވެދާނެއެވެ. އެހެންނަމަވެސް ޙަޤީޤަތަކީ އެއީ ނޫންކަން، ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގަމުން އަންނަ ހާދިސާތަކާއި، ކުރެވެމުން އަންނަ ދިރާސާތަކުން އަންނަނީ ސާބިތުވަމުންނެވެ.

އެމެރިކާގެ ހެންރީ ފޯޑް ހޮސްޕިޓަލުގައި އުމުރުން އެންމެ 17 އަހަރުގެ ކުއްޖެއްގެ ފުއްޕާމޭ ވަނީ، ވަރަށް ކުއްލިގޮތަކަށް ބަދަލުކޮށްފައެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި، މި އޮޕަރޭޝަންކުރުން ކުޑަތަންކޮޅެއް ލަސްކުރެވުނު ނަމަވެސް، އެ ކުއްޖާގެ ފުރާނަ ސަލާމަތެއް ނުކުރެވުނީހެވެ. ޑޮކްޓަރުންގެ ޓީމުން މައުލޫމާތު ދިންގޮތުގައި، މި ކުއްޖާގެ ފުއްޕާމޭ ވަނީ ފާރުވެ، "ޑެޑް ސްޕޮޓް"ތަކުން ފުރި، ހަރުވެ، އެއްކޮށް މަރުވެފައެވެ. މި ފަދަ ނުރައްކާތެރި ހާލަތަކަށް އެ ކުއްޖާ ދަތުރުކުރީ ވޭޕްކުރުމުގެ ސަބަބުންނެވެ. އުމުރުން 16 އަހަރުގައި ވެސް އޭނާއަކީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރި މޮޅު އެތުލީޓެކެވެ. އޭނާގެ ފުއްޕާމޭ ހަލާކުވީ، ވޭޕްކުރަންފެށިތާ އަހަރެއްހައި ދުވަސް ތެރޭގައެވެ.

ވޭޕްކުރުމަކީ ސިއްހަތަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެކެވެ. އަޅުގަނޑުމެންގެ ޅަ ދަރިން، މި ފަދަ ނުރައްކާތެރި ވަބާއަކާ ދިމާއަށް ފިޔަވަޅު އަޅަމުން އަންނައިރު، މައިންބަފައިންނާއި މުޖުތަމަޢު، މި ކަމަށް ލޯމަރާލައިގެން ތިބުމަކީ، ކޮން ފަދަ ނުރައްކާތެރި ކަމެއް ހެއްޔެވެ. ދިރާސާތަކުން ހާމަވާގޮތުގައި އިންޑަސްޓްރިއަލް އެކްސިޑެންޓްތަކުގައި ވިހަ ގޭސް ހަށިގަނޑަށް އެތެރެވުމުން ނުވަތަ ފުރަތަމަ ބޮޑު ހަނގުރާމައިގައި ބައެއް ސިފައިން މަރާލުމަށް ބޭނުންކުރެވުނު، މަސްޓަޑް ގޭސް އެތެރެވުމުން ލިބޭ ފަދަ ގެއްލުން ވޭޕްގެ ސަބަބުން ފުއްޕާމެއަށް ލިބެއެވެ. މި ކަންކަމުން މީގެ ނުރައްކާތެރިކަން ވަޒަންކޮށްލެވެއެވެ.

ބޮސްޓޮން ޔުނިވަރސިޓީ އޮފް ޕަބްލިކް ހެލްތުގެ ރިސާޗަރ، ޑރ. އެންޑްރޫ ވިދާޅުވިގޮތުގައި، ވޭޕްކުރުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ހީވެސްނުކުރާ ފަދަ ބޮޑެތި ގެއްލުންތައް ލިބެއެވެ އޭގެތެރޭގައި ނޭވާލާ ނިޒާމަށް ޖެހޭ ތަފާތު ބަލިތައްކަމަށްވާ، ކްރޮނިކް ބްރޮންކައިޓިސްގެ ރިސްކް 33 އިންސައްތައަށް އުފުލުމާއި އެމްފައިސީމާގެ ރިސްކް 69 އިންސައްތައަށް އުފުލުމާއި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސްގެ ރިސްކް 57 އިންސައްތައަށް އުފުލުން ހިމެނެއެވެ. އަދި ނޭވާހިއްލުމުގެ ރިސްކް 31 އިންސައްތައަށް އުފުލުން ހިމެނެއެވެ. ބޮސްޓޮން ޔުނިވަރސިޓީ އޮފް ޕަބްލިކް ހެލްތާއި ސްކޫލް އޮފް މެޑިސިންގެ ދިރާސާވެރިން ގުޅިގެން ދާދިފަހުން ހެދި ދިރާސާއަކުން ހާމަވިގޮތުގައި، ވޭޕްކުރުމުގެ ސަބަބުން، ނޭވާލާ ނިޒާމަށް ތަފާތު ބަލިތައް ޖެހުމުގެ ފުރުސަތު 40 އިންސައްތައަށް އިތުރުވެއެވެ.

ވޭޕްކުރުމުގެ މި ނުރައްކާތެރި ވަބާއާ މެދު އަޅުގަނޑުމެން ދޭ ސަމާލުކަން އިތުރުކުރާން އެބަ ޖެހެއެވެ. ޚާއްޞަކޮށް ކުޑަކުދިން މި ކަމުގެ ތެރެއަށް ވަންނަމުން ދާ ދިޔުން ހުއްޓުވުމަށް ޓަކައި މަސައްކަތް ފަށާން އެބަ ޖެހެއެވެ. ސްކޫލް މަދަރުސާތަކާ ހަމައަށް މި ވަބާ ފެތުރިފައިވާއިރު، މިކަން ހުއްޓުވާން ވަގުތުން ފިޔަވަޅު އަޅާން އެބަ ޖެހެއެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލުތަކުން ހުއްޓުވާންޖެހޭ ކަމެއް ކަމުގައި ނުދެކި، ބެލެނިވެރިން މި ކަމުގައި އިސްނަގަމާ ހިނގާށެވެ! އޭގެ ނުރައްކާތެރިކަން ދަރިންނަށް ކިޔައިދީ، ވިސްނައިދޭށެވެ! ގަދަ ބާރު އަޅައިގެން ވެސް ހުއްޓުވޭތޯ މަސައްކަތްކުރާށެވެ! މުޖުތަމައަށް ޓަކައި، އަދި އަންނާން އޮތް ޖީލަށް ޓަކައި ކުރެވޭ މަތިވެރި ޖިހާދަކަށްވާނެއެވެ.

comment ކޮމެންޓް