އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމަކީ ކޮބާ؟

ރާއްޖެއިން ގިނައިން ފެންނަމުން އަންނަ ބައްޔެއް ކަމަށްވާ އުރަމަތީ ކެންސަރަކީ ނުރައްކާތެރި ބައްޔެކެވެ.

އިންސާނާގެ އުރަމައްޗަކީ ގުދުރަތީގޮތުން ގިނަ އަދަދެއްގެ ސެލްތައް އެކުލެވިގެންވާ ގުނަވަނެކެވެ. އެގޮތުން، އެއްވެސް ކޮންޓްރޯލެއްނެތި އުރަމަތީގެ ސެލްތައް އިތުރުވާ އިތުރުވުމަކީ "އުރަމަތީގެ ކެންސަރު" ޖެހުމުގެ މައިގަނޑު އެއް ސަބަބެވެ.

ގިނަ ބަޔަކަށް ހީވެފައިވާ ގޮތުގައި، އުރަމަތީގައިވާ ގަނޑުކޮޅެއް އުފެދިފައިވާނަމަ އެއީ ކެންސަރެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. އުރަމަތީގައިވާ ގިނަ ގަނޑުކޮޅަކީ ކެންސަރަށް ބަދަލުވާނެ ގަނޑުކޮޅެއް ނޫނެވެ.

އާންމު ގޮތެއްގައި އުރަމަތީގެ ކެންސަރު ފެށެނީ ކިރު އުފައްދާ ޑަކްޓްތަކުގެ ސެލްތަކުންނެވެ. ނުވަތަ އުރަމަތީގެ އެހެން ސެލްތަކުން ވެސް ކެންސަރު އުފެދިދާނެއެެވެ.

އަންހެނުންނަށް ޖެހޭ އެންމެ އާންމު ކެންސަރު ކަމަށްވާ އުރަމަތީގެ ކެންސަރު ޖެހުމުގެ އަލާމާތްތައް ދެނެގަތުން މުހިންމެވެ. އެގޮތުން، އެންމެ އާންމުކޮށް ފެންނަ އަލާމާތަކީ އުރަމަތީގައި ގަނޑުކޮޅެއް އުފެދުމެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި އުރަމަތީގައިވާ ގަނޑުކޮޅަކީ ކެންސަރައް ނުވާފަހަރުވެސް އާދެއެވެ. އެންމެ ބުއްދިވެރި ގޮތަކީ، މިފަދަ އަލާމާތެއް ފެނިއްޖެނަމަަ ޑޮކްޓަރަށް ދެއްކުމެވެ.

ކެންސަރު ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި:

  • އުރަމަތީގައި ތަންކޮޅެއް ގަނޑުވެފައި ހުރުން
  • އުރަމައްޗާއި ވައްގަނޑުގެ ހަން ތުނިވުމާއި، އުރަމަތި ހޫނުވުން
  • ވައްގަނޑުން ލޭ އައުން
  • އުރަމަތީގެ އެއް ދިމާއެއްގައި ދާއިމީ ތަދެއް ހުރުން
  • އުރަމަތީގައި ފަސޭހަނުވާ ފާރުކޮޅެއް ހުރުން
  • އުރަމަތީގެ ސައިޒަށް ބަދަލުއަައުން

އޭގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ކެންސަރުގައި އެކި ސްޓޭޖުތަކެއްވެއެވެ. އެގޮތުން، ކެންސަރުގެ ސެޓޭޖް ކަނޑައަޅަނީ ޓިއުމަރުގެ ސައިޒަށް ބަލައިގެންނެވެ. އަދި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ކެންސަރު ފެތުރިފައިވޭތޯ ބެލުމަށްފަހުގައެވެ.

އާންމުގޮތެއްގައި ކެންސަރުގައި ހިމެނެނީ ފަސް ސްޓޭޖެވެ.

  • ސްޓޭޖް 0: މި ސްޓޭޖްގައި ކެންސަރު ސެލްތައް ހުންނަނީ ހަމައެކަނި ޑަކްޓުތަކުގެ ތެރޭގައެވެ. އަދި ވަށައިގެންވާ ޓިޝޫތަކަށް ކެންސަރު ސެލްތައް ފެތުރިގެން ނުދާނެއެވެ.
  • ސްޓޭޖް 1: މި މަރުހަލާގައި ޓިއުމަރު ދެ ސެންޓިމީޓަރަށް ބޮޑުވެގެންދެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ލިމްފް ނޯޑަށް އެއްވެސް އަސަރެއް ނުފޯރައެެވެ.
  • ސްޓޭޖް 2: މި ސްޓޭޖްގައި ލިމްފް ނޯޑްތަކަށް ކެންސަރުގެ އަސަރު ފޯރައެވެ. އަދި ޓިއުމަރު 2-5 ސެންޓަމީޓަރަށް ބޮޑުވެގެންދެއެވެ.
  • ސްޓޭޖް 3: ތިންވަނަ ސްޓޭޖްގައި ފަސް ސެންޓަމީޓަރާއި ހަމައަށް ޓިއުމަރު ބޮޑުވެގެންދާއިރު، މި ޓިއުމަރު އެކި ލިމްފް ނޯޑްތަކަށް ފެތުރިފައި ހުރެއެވެ.
  • ސްޓޭޖް 4: މިއީ އެންމެ ނުރައްކާތެރި ސްޓޭޖެވެ. މި ސްޓޭޖްގައި ހަށިގަނޑުގައިވާ ގިނަ ގުނަވަންތަކަށް ކެންސަރުގެ އަސަރު ފޯރައެވެ. އެގޮތުން ސިކުނޑި، ކަށިތައް، އަދި ފުއްޕާމެއަށްވެސް ކެންސަރުގެ އަސަރު ފޯރައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކެންސަރު ބަލީގެ ކުރީކޮޅު ބަލި ފާހަގަކުރެވިއްޖެނަމަ 90 ޕަސެންޓު މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެއެވެ.

އުރަމަތީ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި ބަނގުރާ ބުއިމާއި ކަސްރަތު ކުރާ މިންވަރު މަދުވުން ހިމެނެއެވެ. އަދި އާއިލާގެ މީހަކަށް އުރަމަތީ ކެންސަރު ޖެހިފައިވާ ނަމަ އެ އާއިލާގެ އެހެން މެންބަރުންގެ ފަރާތުން ބަލި ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކައެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވުމާއި މާބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީވެސް ކެންްސަރަށް މަގުފަހިވާ ކަންކަމެވެ.

އެ ބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގަވައިދުން ޑޮކްޓަރަށް ދެއްކުމާއި ކެންސާ ސްކްރީނިން ހެދުމާއި ކަސްރަތު ކުރުމާއި ސިއްހަތައް ފައިދާހުރި ކާނާކެއުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބުއިމުން ދުރުުހެލިވުން ހިމެނެއެވެ.

މި ނުރައްކާތެރި ބަލި ޖެހުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮވެއެވެ. އެހެންކަމުން، މި ބަލީގެ އަލާމަތްތައް ދެނެގަނެ، ހޭލުންތެރިވެ ތިބުމަކީ މުހިންމު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު