ދަރިންނަށްޓަކައި ތިޔަ ކޮށްދެވޭ ކަންތައްތައް ރަނގަޅުތަ؟

މީހަކު ދެ ދަރިން ގޮވައިގެން ގުޑި އަރުވަނީ-- ސަން ފައިލް ފޮޓޯ

ދަރިންނަށްޓަކައި ވީ އެންމެ ރަނގަޅަކަށް ކަންތައްތައް ކޮށްދިނުމަކީ ކޮންމެ މަޔަކާއި ބަފައެއްގެވެސް އެންމެ ބޮޑު އުންމީދެވެ. އެކަމަށްޓަކައި އެބައިމީހުން ގިނަ ވަގުތާއި ހަކަތަ ހޭދަކުރެއެވެ. ބުރަ މަސައްކަތުން ހޯދާ އާމްދަނީގެ ބޮޑު ބައެއް ދަރިންގެ މުސްތަގުބަލަށްޓަކައި ހަރަދު ކުރެއެވެ. މަންމައާއި ބައްޕަގެ އަމިއްލަ ނަފުސަށް ކުރަންޖެހޭ ކަންތައްތައް ފަހަށް ޖައްސާލައިފައިވިޔަސް، ދަރިންގެ ކަންތައްތަކަށް އިސްކަން ދެއެވެ.

މައިންބަފައިން ދަރިންނަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކޮށްދޭނެއެވެ. އަދި މި ކަންތައްތައް ކޮށްދެވެނީ އެންމެ ރަނގަޅަށްކަމަށް ކޮންމެ މީހަކުވެސް ދެކޭނެއެވެ. އެހެންނަމަވެސް، ދަރިންނަށްޓަކައި ތިމާ ކޮށްދޭ ކަންތައްތައް ލިސްޓުކޮށް އެ ކޮންމެ ކަމަކާ ވަކިވަކިން ވިސްނައިލައިފިނަމަ، ރަނގަޅުކޮށްލަންޖެހޭ ކިތަންމެ ކަމެއް ފެނުން އެކަށީގެންވެއެވެ. މީގެތެރެއިން މުހިންމު ބައެއް ކަންކަން މި މަޒުމޫނުގައި ހިމަނައިލާނަމެވެ.

ރަނގަޅު ނަމެއް ކިޔުން: ދަރިފުޅަށް ރަނގަޅު ނަމެއް ކިޔުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމު ކަމެކެވެ. ރަނގަޅު ނަމެއްވިއްޔާ އޭގައި އެކަށީގެންވާ ރީތި މާނައެއް އޮންނަންވާނެއެވެ. އަދި އެއީ އެފަދަ ނަމެއް ކިޔުން މަނާކުރައްވާފައިވާ ނަމަކަށް ވެގެންނުވާނެއެވެ. މީގެއިތުރުން، ދަރިންނަށް ކިޔުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވަވާފައިވާފަދަ ނަމެއް ކިޔުން އެދެވިގެންވެއެވެ. މީހުންގެ ނަންތަކުންނާއި އެމީހުންގެ ބަފައިންގެ ނަންތަކުން ޤިޔާމަތް ދުވަހުގައި ގޮވައިލެވޭނެކަމަށާއި، ރީތި ނަން ކިޔުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވެއެވެ.(އަޙްމަދު އާއި އަބޫ ދާއޫދު) ވީމާ، ދެއަކުރުން ނަމެއް ހަދާލައިގެން ކިޔާލަން ދޫމައްޗަށް ފަސޭހަވިޔަސް، ނަމުގައި އެއްވެސް މާނައެއްނެތް ނުވަތަ އެކަށީގެންނުވާ މާނަ ހިމެނޭ ނަންތައް ދަރިންނަށް ކިޔައިގެންނުވާނެއެވެ. އެފަދަ ނަމެއް ކިއިފައިވާނަމަ އަވަހަށް އެ ނަން ބަދަލުކޮށްލާށެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހެދި ބޮޑުވުމަށް މަގުފަހިކޮށްދިނުން: އާންމު ގޮތެއްގައި ކުޑަކުދިންނަށް ކަމުދާނީ އެކުދިންނަށް ކަމުދާ ގޮތަށް "ވިޔަފާރި އުސޫލުން" އުފައްދާފައި ހުންނަ ތަކެއްޗެވެ. އެހެންނަމަވެސް ކުދިންގެ ސިއްހަތަށް އެންމެ އެކަށީގެންވަނީ ކޮންކޮން އެއްޗެއްސެއްކަން ކަނޑައަޅަންޖެހޭނީ މައިންބަފައިންނެވެ. ކުދިންނަށް ކާން ދިނުމުގައި އެކުދިންގެ ބައިވެރިވުމާއި އެ ކުދިންގެ ހިތްހަމަޖެހުންވެސް ޝާމިލުކުރުމާއެކު، ކާންބޯންދިނުން އެކަށީގެންނުވާ ތަކެއްޗާ ދަރިން ދުރުކޮށްލަން ޖެހޭނެއެވެ. ސިއްހަތަށް ގެއްލުން ހުރި ކާނާގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ސޮސެޖާއި ލުއިކާނާ ފަދަ ބާވަތްތަކަށް ދަރިން ދެވިހިފަން ދޫކޮށްލުން ރަނގަޅެއްނޫނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހެދި ބޮޑުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ.

ގޭތެރެއިން ތަރުބިޔަތު ދިނުން (ހަމައެކަނި މަދަރުސާގެ ތަރުބިޔަތަށް ބަރޯސާ ނުވުން) : ތަރުބިޔަތު ފެށޭ ތަނަކީ ގޭތެރެކަން އެންމެންވެސް ދަންނާނެއެވެ. ދަރިފުޅު މަދަރުސާއަށް ފޮނުވަން ފަށާ ހިސާބުން މިކަން ހަނދާން ނައްތައިލައިފިނަމަ ނަތީޖާ ރަނގަޅެއްނުވާނެއެވެ. ދަރިފުޅު މަދަރުސާއިން އައުމުން، މަދަރުސާގައި ކިޔެވީ ކޮންއެއްޗެއްތޯ ބަލައިލަން ވާނެއެވެ. ފޮތުން ކިޔެވި އެއްޗެއްގެ އިތުރުން، ބައްދަލުވީ މީހުންނާއި ދަސްކުރި ހުނަރުތަކާ ބެހޭގޮތުން ސުވާލުކޮށްލަންވާނެއެވެ. މަދަރުސާއިން ދަސްކުރި އެއްޗެއް އަމަލީގޮތުން ބޭނުންކުރުމުގެ ފުރުސަތު ގޭތެރެއިން ފަހިކޮށްދޭންވާނެއެވެ. އަދި އެކަށީގެންނުވާ ގޮތަކަށް އެއްޗެއް ދަސްކޮށްފައިވާކަމަށް ފާހަގަވެއްޖެނަމަ އެކަމެއް އިސްލާހުކޮށްދޭން ޖެހޭނެއެވެ. ސުވާލަކީ މަދުރުސާއިންވެސް އެކަހަލަ އެކަށީގެންނުވާ އެއްޗެތި ދަސްކުރޭ ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ! މުދައްރިސުން ދަސްކޮށްނުދިނަސް، އެހެނިހެން ގޮތްގޮތުން އެ މާހައުލުން ދަސްކުރާ ތަކެއްޗާމެދު ފާރަވެރިނުވެއްޖެނަމަ..... ވިޔާނުދާ ކަމަކުން ދަރިފުޅު ޑިގުރީއާ ހަމައަށް ދިއުމަކީވެސް ވެދާނެ ކަމެކެވެ.

ދީނީ ކަންކަމަށް އަހުލުވެރިކުރުވުން: ހެޔޮ ކޮންމެ ކަމަކީ ދީނީ ކަމެކެވެ. މީގެތެރޭގައި ހާއްސަ ކަންކަމާއި އާންމު ކަންކަން ހުރެއެވެ. ނަމާދު ކުރުމާއި ރޯދަ ހިފުން ފަދަ މައިގަނޑު އަޅުކަންތައް އެއީ ހާއްސަ ބައެވެ. ހެނދުނާއި ހަވީރުގެ ޒިކުތަކާއި އެނޫންވެސް ތަފާތު ޒިކުރުތައް ކިޔުން ފަދަ ކަންކަން އެއީ އާންމު ބައެވެ. އުމުރާ ގުޅޭގޮތުން، މިފަދަ ކަންކަމަށް ދަރިން އަހުލުވެރިކުރުވުމަކީ ދޫކޮށްލެވެންނެތް ވާޖިބެކެވެ. އެފަދަ ކަންކަމުގައި ދަރިންނަށް ނަމޫނާ ދައްކާށެވެ. ދަރިން ބައިވެރިކޮށްގެން ނަމާދުކުރާށެވެ. އަދި އެކުދިންނަށް އިވި ފެންނާނެހެން ޒިކުރުތައް ކިޔައި ޤުރުއާން ކިޔަވާށެވެ. އަދި މަޑުމަޑުން އެކުދިންނަށް ދަސްކޮށްދެމުން ގެންދާށެވެ. ގޭތެރޭގައިވެސް އެކަކު އަނެކަކަށް އެހީތެރިވާތަން އެކުދިންނަށް ދައްކާށެވެ. ދަރިންގެ ކުރިމަތީގައި ޒުވާބުކޮށް އަޑުގަދަކޮށް ނުހަދާށެވެ.

އުމުރާ ގުޅޭގޮތަށް އެއްޗެތި ހޯދައިދިނުން: ދަރިފުޅު އުޅޭ ކުލާހުގެ ކޮންމެ ކުއްޖެއްގެ އަތުގައި އައިޕެޑެއް އޮންނަކަމަށް އޭނާ ބުނެއެވެ. އެހެންވީމާ އެނާގެ އަތުގައިވެސް އެކަހަލަ އެއްޗެއް އޮންނަންޖެހޭނެ ކަމަށް އޭނާ ދެކެއެވެ. އެހެންވެއްޖެނަމަ، ކޮންމެ އެއްޗަކީ އަނެކާ ގެންގުޅެއޭ ކިޔާފައި ތިމާވެސް ގެންގުޅެންޖެހޭ އެއްޗެއް ނޫންކަން ދަރިފުޅަށް ވިސްނައިދޭށެވެ. ރައްޓެހި ކުދިން ނުގެންގުޅޭ ކިތަންމެ އެއްޗެއް ދަރިފުޅުގެ އަތުގައިވެސް ހުންނާނެކަން ހަނދާންކޮށްދޭށެވެ. އެ އެއްޗެއްގެ ބޭނުންޖެހި، އެ ބޭނުންކުރާ އުމުރަށް ދިޔައިމާ ވީ ވަރަކުން އެފަދަ ތަކެތި ހޯދައިދިނީމައި އެވީއެވެ.

ހުރިހައި އިރެއްގައިވެސް ދަރިން އުޅޭނޫޅޭ ގޮތް ބެލުން: އަހަރެމެންނަށްވުރެ އެ ކުދިން މާ ސްމާޓުވާނޭ ބުނެ ޒިންމާ ދޫކޮށްނުލާށެވެ. ދަރިންނަށް ހޯދައިދޭ ޒަމާނީ ވަސީލަތައްތައް ބޭނުންކުރަނީ ރަނގަޅަށްތޯ، އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ބަލަންޖެހޭނެއެވެ. ރައްޓެހިންގެ ގޮތުގައި ހޯދަނީ ކޮންކަހަލަ ކުދިންނެއްތޯ ބަލައި އިސްލާހީ ފިޔަވަޅުތައް އަޅަންވާނެއެވެ.

މަތީގައިވާ ކަންތައްތަކުގެ އިތުރުން، ބޮޑުވަމުން އަންނައިރު ހަށިގަނޑަށް އަންނާނެ ޖިސްމާނީ ބަދަލުތައް އެކަށީގެންވާ ގޮތުގައި ބުނެދޭންވާނެއެވެ. ދިރިއުޅުމުގެ މައިދާނަށް އަހުލުވެރި ކުރުވުމަށްޓަކައި، އުމުރާ ގުޅޭ މަސައްކަތްތައް ކުރުވަންޖެހޭނެއެވެ. ކެއްކުމާއި ސާފުކުރުމާއި ތަންތަން ތަރުތީބުކުރުމާއި ވިޔަފާރި ކުރަންދާއިރު އެކަމުގައި ބައިވެރިކުރުވުންފަދަ ކުދިކުދި ކަންތައްތަކުން ފެށީމައި ރަނގަޅުވާނެއެވެ. މީހުންނާ މުއާމަލާތު ކުރުމާއި ވާހަކަ ދެއްކުމުގެ ހުނަރުތައް ތަރައްގީ ކުރުމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. އަދި ކަންކަމުގައި އިސްނެގުމާއި ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމަކީވެސް ބޭނުންތެރި ކަމެކެވެ.

އިސްވެ ބަޔާން ކުރެވުނީ ދަރިންނަށްޓަކައި މައިންބަފައިންގެ މައްޗަށް އޮތް ޒިންމާ ތަކެކެވެ. ޒިންމާއެއްވިއްޔާ ކޮންމެހެންވެސް އެކަމެއް އަދާކުރަންޖެހޭނެއެވެ. ދަރިންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާކަމަށާއި އަދި އެ ޒިންމާ (އެކަށީގެންވާ ގޮތުގައި) އަދާކުރިތޯއާ މެދުގައި، ޤިޔާމަތް ދުވަހު ސުވާލު ވެވޭނެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައި ވެއެވެ.(متفق عليه)

comment ކޮމެންޓް