މެސީ އަނބުރާ ބާސާއަށް ގެނައުމުގެ ވިސްނުމެއް ނެތް: ލަޕޯޓާ

ބާސާގެ ރައީސް ލަޕޯޓާ އާއީ މެސީ ސަލާމް ކުރަނީ

ސްޕއިންގެ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ބަދަލުވި އެ ޓީމުގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އަނބުރާ ބާސާއަށް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ބާސެލޯނާގެ ރައީސް ހޮއަން ލަޕޯޓާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ޕީއެސްޖީ ދޫކޮށް މެސީ އަލުން އަނބުރާ ބާސާއަށް ބަދަލުވާން އުޅޭކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މެސީ ޕީއެސްޖީ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ރެެއާލް މެޑްރިޑު އަތުން ބަލިވެ ޕީއެސްޖީ މުބާރާތުން ކެޓުމާއެކުއެވެ.

ލަޕޯޓާ ބުނެފައިވަނީ މެސީއަކީ އަބަދުވެސް ކާމިޔާބު އަދި މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ބާސާއިން މިހާރު ފަށައިގެން އުޅެނީ ޒުވާން ކުޅުންތެރިންގެ މައްޗަށް ހިމެނޭ މުޅިން އެހެން ޕްރޮޖެކްޓެއް ކަމަށްވުމުން، މެސީ އަނބުރާ ބާސާއަށް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އޭނާ ބުނެފައިވަނީ މިދޔަ އަހަރުގެ ޓްރާންސްފާގެ ފަހުން، ކުރިން މެސީއާ ދެމެދު އޮތް ގުޅުން ނޯންނަކަމަށެވެ. މެސީގެ ފަރާތުން އަދި އޭނާގެ ޓީމު ޕީއެސްޖީގެ ފަރާތުން ވެސް މެސީ އެނބުރި ބާސާއަށް އަންނަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް އެނާއަށް ލިބިފައިނުވާކަމަށް ލަޕޯޓާ ބުނެފައިވެއެވެ. އަދި އެފަދަ އިޝާރާތެއް ލިބުނު ނަމަވެސް މިވަގުތަށް ބަލާއިރު އެއީ އެނާގެ ވިސްނުމުގައި އޮތް ކަމެއް ނޫންކަމަށް ވެސް ލަޕޯޓާ ބުންޏެވެ.

"އަހަރަމެންނާ ލިއޯއާ ދެމެދު އެއްވެސް ސީދާ މުއާމަލާތެއް މިހާރު ނުކުރަން. އެއީ އަހަރެމެން މިއުޅެނީ ޒުވާން ކުޅުންތެރިންތަކަކާއެކު މުޅިން އާ ޕްރޮޖެކްޓެއް ފަށައިގެން. އަދި މި ޕްރޮޖެކްޓު ވޯކް ވެސް އެބަކުރޭ. ލިއޯ އަކީ ލިއޯ. އޭނާ އަކީ އަބަދުވެސް ކާމިޔާބު ކުޅުންތެރިއެއް. ނަމަވެސް އޭނާ އަނބުރާ ބާސާއަށް ގެނައުމުގެ ވިސްނުމެއް ނެތް،" ބާސާގެ ރައީސް ލަޕޯޓާ ބުންޏެެވެ.

މީގެ އިތުރުން ލަޕޯޓާ ބުނެފައިވަނީ މެސީއާ ގާތްކޮށް އުޅުނު މީހުން ބާސާ މަތިން ހަނދާންވާނެކަމަށެވެ. އަދި މެސީ ބާސާ ދޫކޮށްލުމަކީ އޭނާއަށް ގަބޫލުކުރަން ވަރަށް އުނދަގޫވި ކަމެއް ކަމަށް ލަޕޯޓާ ބުންޏެވެ. ނަމަވެސް އެ ގޮތަށް ނިންމަން ޖެހުނީ ކްލަބު އޭރު އޮތް މާލީ އަނދަވަޅުން ސަލާމަތްކުރުމަށްކަމަށް ވެސް އޭނާ ބުންޏެވެ.

ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީއަށް ބަދަލުވުމަކީ އޭނާގެ ސަޕޯޓަރުންނަށް އަދި ބާސާގެ ސަޕޯޓަރުންނަށް ބޮޑު ހައިރާންކަމަކަށްވިއެވެ. 20 އަހަރަށްވުރެ ގިނަ ދުވަހު ބާސާގައި ހުރުމަށްފަހު އޭނާާ އެ ކުލަބް ދޫކޮށްލީ އެ ކުލަބްގެ މާލީ ހާލަތުގެ ސަބަބުން ބާސާ އާއެކު އާ ކޮންޓްރެކްޓެއް ހެދޭނެ ގޮތެއް ނެތުމުންނެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވީ މިދިޔަ އަހަތުގެ ޖޫން މަހުއެވެ.

މެސީ ބާސާގައި އިތުރު ފަސް އަހަރު މަޑުކުރުމަށް އޭނާއާއި ބާސާއިން އެއްބަސްވެ ހުރިހާ ކަމެއް ހަމަޖެހިގެންދިޔައެވެ. ނަމަވެސް، ފަހު ވަގުތު ލަލީގާގެ ގަވާއިދު އޮތް ގޮތުން ބާސާގެ މުސާރައިގެ ލިމިޓު އިންތިހާއަށް ބޮޑުވެފައިވާތީ، އެ ކްލަބަށް މެސީ ރަޖިސްޓާ ނުކުރެވި އެންމެ ފަހުން ޖެހުނީ އޭނާ ދޫކޮށްލާށެވެ.

މެސީ އަކީ ބާސާގެ ތާރީޚުގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެދިން 520 މެޗުގައި 474 ލަނޑު ޖަހާފައެވެ.

comment ކޮމެންޓް