އައްޑޫ ރައްޔިތުންގެ ތުހުމަތުތައް ބަލާލުން ރަނގަޅު: މޭޔަރު ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: ރައްޔިތުންގެ ތުހުމަތުތައް ބަލާލުން ރަނގަޅު ކަމަށް އޭނާ ވަނީ ބުނެފައި ---

އައްޑޫ ސިޓީ ހިތަދޫގައި ހަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ރައްޔިތުންގެ ތުހުމަތުތައް ބަލާލުން ރަނގަޅު ކަމަށް އެ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރީ 59 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ އެރަށު ސްކޫލްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އަދި އެ ކުއްޖާއަކީ އެ ސްކޫލްގައި ތައުލީމު ހާސިލުކުރާ ކުއްޖެކެވެ.

ނަމަވެސް ހަ އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ތަހުގީގަށް ކިޔައިދީފައިވާކަމަށް އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިހުރި އަންހެންމީހާގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި ތުހުމަތުވާ މީހާ ނޫން އެހެން މީހަކު ހައްޔަރުކުރުމުން އައްޑޫގައި އަންނަނީ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

އެކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ, ރައްޔިތުންގެ ކަންބޮޑުވުން އޮތް އެފަދަ މައްސަލައެއްގައި ކަމާގުޅޭ މުއައްސަސާތަކުން ދެވެން އޮތް މިނަވަރަކަށް މައުލޫމާތު ދޭން ޖެހޭ ކަމަށެވެ.

"އަދި ޖެންޑާ މިނިސްޓްރީން ވެސް މިކަމުގައި އެއްބާރުލުން ދޭން ޖެހޭ. މި މައްސަލައިގައި ރައްޔިތުންގެ ތުހުމަތުތަކަށް ވެސް ބަލާލުން ރަނގަޅު," ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ކުށްތަކަކީ ކައުންސިލާއި މުޅި މުޖްތަމައުގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށް ވާތީ، މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނާއި އެކަމުގައި އެކިގޮތްގޮތުން ބައިވެރިވާ މީހުން ހިންގާ ކަންކަމަކީ ކައުންސިލުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ އަދި އެކަމަށް ތާއީދުކުރާނެ ކަންކަމެއް ވެސް ނޫން ކަމަށެވެ.

މީގެ އިތުރުން، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަތައް ވަކިވަކިން ތަހުގީގުކޮށް ދިނުމަށް އެ ކައުންސިލުން ވަނީ ގޮވާލައިފައެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެގެންވަނީ އަދުލު އިންސާފު ގާއިމްވެފައި އޮތުމުގެ މައްޗަށްކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ, އެ މައްސަލައިގައި އަދުލުއިންސާފު ހޯދައިދިނުން އަވަސްކޮށްދިނުމަށް ގޮވާލާފައެވެ.

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އެކުއްޖާގެ ކާފަ ހައްޔަރުނުކޮށް، ކުށެއް ނެތް މީހަކަށް ޖަލުގައި އަނިޔާދެމުންދާ ކަމަށް ބުނެ ހިތަދޫގައި ހުއްޓުމެއްނެތި އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަނީ އެ ކުއްޖާގެ ކާފަ ދިރިއުޅޭ ގޭގެ ކުރިމަތީގައެވެ. އެންމެފަހުން ފުލުހުން ވަނީ އެގޭގެ ކުރިމަތިން މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ބެރިކޭޑް ޖަހާފައެވެ.

އެކުއްޖާގެ ކާފަ ހައްޔަރުނުކޮށްގެން އުޅެނީ ސިޔާސީގޮތުން ބާރުގަދަ މީހެއްގެ ނުފޫޒުން ކަމަށް އެ އަންހެން މީހާގެ އާއިލާއިން ތުހުމަތުކުރެއެވެ. އާއިލާއިން ތުހުމަތުކުރަނީ ކުއްޖާގެ ކާފަ ރާއްޖެއިން ބޭރަށް ފުރުވާލުމަށް އޭނާގެ ދަރިން މަސައްކަތް ކުރާ ކަމަށެވެ.

comment ކޮމެންޓް