ރޯދައަށް އެމްޕީއެލް ތައްޔާރު، ދައްޗެއް ނެތި ޚިދުމަތް ދެވޭނެ

އެމްޕީއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުޙައްމަދު ހައްޔާން

ރޯދައާ ދިމާކޮށް އޮޕަރޭޝަންތައް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެއްވެސް ދައްޗެއް ނެތި ޚިދުމަތް ދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިއަދު ޝާހިދު ވިދާޅުވީ ރޯދައާ ދިމާކޮށް ތަކެތީގެ އަގުތައް މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށެވެ.

އެ އަމާޒަށް ވާސިލުވުމަށް ޓަކައި ރާއްޖެއަށް އަންނަ މުދާ، ޚާއްޞަކޮށް، އަވަހަށް ހަލާކުވާ ޒާތުގެ މުދާ ވީހާވެސް އަވަހަކަށް ކުލިއަރުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރޯދަމަހާ ދިމާކޮށް އޮޕަރޭޝަންތައް އަވަސްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުޙައްމަދު ހައްޔާން

އެގޮތުން، އަވަހަށް ހަލާކުވާ މުދާ ކުލިއަރުކުރުމަށް ޚާއްޞަ އުސޫލެއް އެކުލަވާލައި، އެ މަސައްކަތަށް ޚާއްޞަ ޓާސްކްފޯހެއް ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދަމަހު އެމްޕީއެލްއިން މުދާ ކުލިއަރު ކުރަން ހަމަޖައްސާފައިވަނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00އިން މެންދުރު 14:00އަށް، އަދި، ރޭގަނޑު 21:00ން 01:30އަށެވެ.

ނަމަވެސް އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކުލިއަރު ކުރުމުގެ މަސައްކަތް ބަންދު ގަޑީގައާއި، ހުކުރު ދުވަހު ވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

ރޯދަމަހަށް ކާބޯތަކެތި އެއްވެސް ދައްޗަކާ ނުލާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި އެމްޕީއެލްގެ ވަފުދެއް ވަނީ ދާދިފަހުން ސޫތުކުޅިއަށް ވެސް ދަތުރުކޮށްފައެވެ.

އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި، ޑެޕިއުޓީ ސީއީއޯ އިބްރާހީމް ޢަބްދުﷲ މިއަދު ވިދާޅުވީ މުދާ ބަރުކުރުމުގައި ހުސްކުރަން ފަސޭހަވާނެހެން ކުރަން ޖެހޭ ކަންކަމާމެދު އެ ދަތުރުގައި މަޝްވަރާކުރި ކަމަށެވެ.

އެމްޕީއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުޙައްމަދު ހައްޔާން

މީގެ އިތުރުން، އަވަހަށް ހަލާކުވާ ޒާތުގެ މުދާ ވީހާވެސް އަވަހަކަށް ރާއްޖެއަށް ފޯރުކޮށް ދިނުމަށްޓަކައި، ކުޅުދުއްފުށީ ބަނދަރަށް އެ ބާވަތުގެ މުދާ ގެންދެވޭތޯ މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދައަށް މުދާ ހިފައިގެން އައި ދެ ބޯޓަކުން މުދާ ބޭލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދެއެވެ. މީގެ އިތުރުން، ބަނދަރުގައި ދެބޯޓެއް އޮތް އިރު، މި ހަފްތާގެ ތެރޭ އިތުރު ދެ ބޯޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.

comment ކޮމެންޓް