މިދިޔަ މަހު އެކަނިވެސް ކުޑަ ކުދިންނަށް ގޯނާ ކޮށްގެން 106 މައްސަލަ

ޑިސެމްބަރ 2، 2019: މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ކުޑަކުދިންތަކެއް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ފެބްރުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް ކުޑަކުދިންނަށް ގޯނާ ކޮށްގެން 106 މައްސަލަ ހުށަހަޅައިފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިއަދު ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި ފެބްރުއަރީ މަހުގެ ތަފާތު ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ މިނިސްޓްރީއަށް ޖުމްލަ 235 މައްސަލަ ވަނީ ހުށަހަޅާފައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިދިޔަ މަހު އެންމެ ގިނައިން ޖެންޑާ އެ މިނިސްޓްރީއަށް ހުށަހެޅީ ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށެވެ.

ކުޑަކުދިންނަށް ގޯނާކޮށްގެން ޖެންޑާ މިނިސްޓްރީއަށް 106 މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އެ ކުދިންނަށް އިހުމާލުވެގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.

ޖެންޑާ މިނިސްޓްރީގެ ފެބްރުއަރީ މަހުގެ ތަފާތު ހިސާބުތައް ދައްކާގޮތުން:

  • އިހުމާލުގެ 28 މައްސަލަ
  • ޖިންސީ ގޯނާގެ 23 މައްސަލަ
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 23 މައްސަލަ
  • ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ
  • ނަފްސާނީ ހާނިއްކައިގެ ހަ މައްސަލަ
  • އެހެން ކުދިންގެ ފަރާތުން ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލަ
  • ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަތަރު މައްސަލަ
  • އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ

މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 58 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އަދި އާއިލީ 26 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 16 މައްސަލައެއް ވަނީ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

comment ކޮމެންޓް