ޖިންސީ ގޯނާގެ ތުހުމަތު ކާފައަށް، ހައްޔަރު ކުރީ ކަމާނުބެހޭ މީހެއް!

ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ކާފަ ހައްޔަރުނުކޮށް ކަމާ ނުބެހޭ މީހަކު ހައްޔަކުރި ކަމަށް ބުނެ ހިތަދޫގައި މުޒާހަރާ ކުރަނީ --- ފޮޓޯ/ ސޯޝަލް މީޑިއާ

އައްޑޫ ސިޓީ ހިތަދޫގައި ހަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ތަހުގީގަށް ކިޔައިދީފައިވާކަމަށް އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިހުރި އަންހެންމީހާގެ އާއިލާއިން ބުނެފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި އަންހެންމީހާގެ އާއިލާ މެމްބަރަކު "ސަން"އާ ވާހަކަދައްކަމުން ބުނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އިއްޔެ އެކުއްޖާގެ ބަޔާން ނަގާފައިވާކަމަށެވެ.

"އިއްޔެ ކުއްޖާގެ ބަޔާން ނެގިއިރު ކުއްޖާ ބުނީ ކުއްޖާގެ ކާފައޭ މިހެން ހެދީ. ކާފައޭ ކޮއްކޮއަށް ތަދުކޮށްލީ،" އޭނާ ބުންޏެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރީ 59 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ އެރަށު ސްކޫލްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އަދި އެ ކުއްޖާއަކީ އެ ސްކޫލްގައި ތައުލީމު ހާސިލުކުރާ ކުއްޖެކެވެ.

ފުލުހުން ތުހުމަތުކުރަނީ އެ ކުއްޖާ ފާޚާނާއަށް ދިޔުމުގެ ތެރޭގައި ޖިންސީ ގޯނާ ކުރި ކަމަށެވެ. އެ ކުއްޖާ ފާޚާނާއަށް ގޮވައިގެން ދިޔައީ އެ އަންހެން މީހާއެވެ.

އެ އަންހެން މީހާގެ އާއިލާއިން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަކީ އެއް ދުވަހުން ދެވޭނެ އަނިޔާތަކެއް ނޫން ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ އަންހެން މީހާއަށް ތުހުމަތު ކުރެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އޭނާ ކިޔައިދިނެވެ.

"ޑޮކްޓަރުގެ ރިޕޯޓުގައި ސާފުކޮށް އެހެން އޮއްވާ ކިހިނެއްތޯ އަޅުގަނޑުގެ ދައްތައަށް އެފަދަ ތުހުމަތެއް ކުރެވޭނީ. ފުލުހުންނާއި ޖެންޑާއިން ސުވާލުކުރުމުން އެ ކުއްޖާ ބުނެފައި ވަނީ އެއީ ދައްތަ ދިން އަނިޔާއެއް ނޫނޭ. އަނިޔާދިނީ ކާފައޭ. ދެން އިތުރު ސުވާލެއް އެބައޮތްތޯ މިކަމުގައި،" އޭނާ ކިޔައިދިނެވެ.

"އެކުއްޖާގެ އާންޓީ އެކުއްޖާ ގޮވައިގެން ދައްތަ ކުނިކަހަން ހުއްޓާ އެހެން މުވައްޒަފުން ވެސް ކުނިކަހަން ހުއްޓާ ގޮސް ހަވާލުކޮށްފަ ބުނީ ކުއްޖާ ޓޮއިލެޓަށް ގެންގޮސްދޭށޭ. ދައްތަ ކުއްޖާ ޓޮއިލެޓަށް ވައްދާފަ ބޭރުގަ ހުއްޓާ ކުއްޖާ އަމިއްލައަށް ދައްތައަށް ގޮވީ ތަދުވާތީ،" އޭނާ ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި އެ އަންހެންމީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަންހެން މީހާގެ އާއިލާއިން ބުނިގޮތުގައި އެ ކުއްޖާ ކާފަގެ ވާހަކަތައް ކިޔައިދިނީ ޝަރީއަތް ނިމެންދެން ބަންދުކުރިފަހުންނެވެ. އެކަމަކު އަދިވެސް އެ އަންހެން މީހާ ބަންދުން ދޫކޮށްލަން ފުލުހުން ނޫޅޭ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

އަންހެން މީހާގެ އާއިލާއިން ތުހުމަތު ކުރަނީ އެއީ ފްރޭމްކޮށްގެން ނުހައްގުންދޭ އަނިޔާއެއްގެ ގޮތުގައެވެ.

އާއިލާއިން ބުނިގޮތުގައި ކަކުލުގައި މައްސަލަ އުޅޭތީ އެ އަންހެން މީހާއަށް ހިނގާ ބިނގާވެ އުޅުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވެއެވެ. އަދި ހައްޔަރުކުރިފަހުން އެއްވެސްގޮތަކަށް ނުހިނގޭކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ބަލި ހާލަތުހުރި ގޮތުން އަންހެން މީހާ ގެއަށް ބަދަލުކޮށްދޭން އާއިލާއިން އެދުނެވެ. ނަމަވެސް އެކަންކޮށްދޭން ފުލުހުންނާއި ކޯޓުން ދެކޮޅު ހަދާފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

"މިހާރު ނުވެސް ހިނގޭކަމަށް ވަނީ ދައްތައަށް. އެންމެ ބޮޑުވަރަކަށް ވެސް ދިނީ ކުނަލަކާ ބާލިހަކާ، ގައިގަ އަޅާ ފޮތިގަނޑަކާ. ދައްތައަކީ އެއްވެސް ވަރަކަށް ތިރިވެ އުޅެވޭ މީހެއް ނޫން. ގޮނޑިއެއް ނުދޭ ނަމާދެއް ވެސް ނުކުރެވެ،" އޭނާ ބުންޏެވެ.

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އެކުއްޖާގެ ކާފަ ހައްޔަރުނުކޮށް، ކުށެއް ނެތް މީހަށް ޖަލުގައި އަނިޔާދެމުންދާ ކަމަށް ބުނެ ހިތަދޫގައި ހުއްޓުމެއްނެތި އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަނީ އެ ކުއްޖާގެ ކާފަ ދިރިއުޅޭ ގޭގެ ކުރިމަތީގައެވެ. އެންމެފަހުން ފުލުހުން ވަނީ އެގޭގެ ކުރިމަތިން މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ބެރިކޭޑް ޖަހާފައެވެ.

އެކުއްޖާގެ ކާފަ ހައްޔަރުނުކޮށްގެން އުޅެނީ ސިޔާސީގޮތުން ބާރުގަދަ މީހެއްގެ ނުފޫޒުން ކަމަށް އެ އަންހެން މީހާގެ އާއިލާއިން ތުހުމަތުކުރެއެވެ. އާއިލާއިން ތުހުމަތުކުރަނީ ކުއްޖާގެ ކާފަ ރާއްޖެއިން ބޭރަށް ފުރުވާލުމަށް އޭނާގެ ދަރިން މަސައްކަތް ކުރާ ކަމަށެވެ.

"އިންސާފު ހޯދަން އަޅުގަނޑުމެން ދެން ދާނެ ތަނެއް މި ގައުމަކު ނެތް. އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މިކަމުގައި ކަންބޮޑުވެ، އަޅުގަނޑުމެންނަށް އެހީތެރިވާން އެއްވެސް މަސައްކަތެއް ނުކުރޭ،" އޭނާ ކިޔައިދިނެވެ.

ޝަރީއަތް ނިމެންދެން ދައްތަ ޖަލަށްލާފައިވާތީ އަމިއްލަ ޚަރަދުގައި ގާނޫނީ ވަކީލަކު ހަމަޖައްސާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ދައްތަ ސަލާމަތްކުރުމަށްޓަކައި ގާނޫނީގޮތުން މަސައްކަތްކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން އަޅުގަނޑުމެން ގާނޫނީ ވަކީލަކު ވެސް ހަމަޖެއްސީ،" އޭނާ ކިޔައިދިނެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ އިތުރުން، އިތުރު މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކިލިބިފައި ނުވާކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ތަހުގީގަކީ "އޯޕަން ތަހުގީގެއް" ކަމަށާއި ތަހުގީގު ކުރިއަށްދާ މިންވަރަކުން ހޯދޭ ހޯދުން ތަކުގެ މައްޗަށް ބިނާކޮށް އިތުރު މީހަކާމެދު ފިޔަވަޅެއް އަޅަންޖެހިއްޖެ ހާލަތެއްގައި އެ ފިޔަވަޅެއް ފުލުހުން އަޅާނެ ކަމަށެވެ.

comment ކޮމެންޓް