ރޯދައަށް ޚާއްޞަކޮށް 2400 ޓަނަށް ވުރެ ގިނަ މުދާ އައްޑޫ ބަނދަރަށް

ހިތަދޫގައި "ބުރުނު 2" ބަނދަރުކޮށްފައި --- ފޮޓޯ/އެމްޕީއެލް

ގިނަ އަދަދެއްގެ ކާބޯތަކެތި ހިމެނޭހެން، 2400 ޓަނަށް ވުރެ ގިނަ މުދާ ރޯދައާ ދިމާކޮށް އައްޑޫ ހިތަދޫ ބަނދަރަށް ގެންގޮސްފިއެވެ.

މި މުދަލާ އެކު އެމްއެސްއެސްގެ "ބޮންތި 2" ހިތަދޫގައި ބަނދަރުކުރީ އިއްޔެއެވެ.

އެ ބޯޓުގައި ޖުމްލަ 2439.334 ޓަނުގެ މުދާ އައްޑުއަށް ވަނީ ގެންގޮސްފައެވެ. މީގެ ތެރޭގައި ޕެރިޝަބަލް ގުޑްސްގެ އިތުރަށް 70.88 ޓަނު ޕްރޮޖެކްޓް ކާގޯ އަދި 1000 ބަސްތާ ސިމެންތި ހިމެނެއެވެ.

އެ ޝިޕްމަންޓުގައި 8،593 ބިސް ކޭހާއި، 7،940 ފިޔާ ބަސްތާ އަދި، 2،525 އަލުވި ބަސްތާ ހިމެނެއެވެ. މީގެ އިތުރުން އެ ޝިޕްމަންޓުގައި ހިމެނޭ ކާބޯތަކެތީގެ ބާވަތްތަކަކީ:

  • 340 ބަސްތާ ކެބެޖު
  • 348 ބަސްތާ ޓޮމާޓޯ
  • 170 ދޮންކެޔޮ ގަނޑު
  • 24 ބަސްތާ ބަރަބޯ
  • 980 ބަސްތާ ކަރާ
  • 110 ބަސްތާ އަލަނާސި

ހިތަދޫ ބަނދަރުގެ ޗީފް މެނޭޖަރު އިބްރާހީމް ރަޝީދު ވިދާޅުވީ، ޝިޕްމަންޓުގައި ހިމެނޭ ހަލާކުވާޒާތުގެ ކާބޯތަކެތި އެއްކޮށް ކްލިއަރުކޮށް މިއަދު ނިމެނޭކަމަށެވެ.

ގެނައި ތަކެތީގެ ތެރެއިން ގިނައީ އެސްޓީއޯގެ މުދާކަމަށާއި އާންމު ވިޔަފާރިވެރިން ރޯދައަށް ޚާއްޞަކޮށް ގެނައި މުދާ ވެސް އޭގެ ތެރޭގައި ހިމެނޭކަމަށް އިބްރާހީމް ވިދާޅުވިއެވެ. އަދި، ދެ ދުވަސްތެރޭ ބޯޓު އެއްކޮށް ހުސްކޮށްލެވޭނެކަމަށް އިބްރާހީމް ވިދާޅުވިއެވެ.

ރޯދައާ ދިމާކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާތީ، މިފަހަރުގެ ޝިޕްމަންޓަކީ އާންމުކޮށް އައްޑޫއަށް މަހެއްގެ މައްޗަށް ގެންދާ މުދަލުގެ ނިސްބަތަށް ބަލާއިރު ގިނަ އަދަދެއްކަން އެމްޕީއެލުން ފާހަގަކުރިއެވެ.

comment ކޮމެންޓް