ޚިދުމަތެއް ހޯދުން: ރައްޓެއްސަކު ނެތްތަ؟

ހިދުމަތް ހޯދުމަށް ރާއްޖޭގައި ޖެހެނީ ރައްޓެއްސަކު ހޯދަން-- ސަން ގްރެފިކްސް: ޝާހިން

މިއީ ކޮންމެ ދުވަހަކު އަންނަ ފޯން ކޯލްތަކެކެވެ. އާއިލާއާއި ރައްޓެހިންނެވެ. އެވެނި މިވެނި އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ރައްޓެއްސަކު އުޅޭތޯ އަހައެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. ކޮންމެވެސް ޚިދުމަތެއް ހޯދަން ބޭނުންވާތީ އެކަން ފަސޭހަ ކުރުމުގެ ގޮތުންނެވެ.

މިއީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. ދައުލަތުގެ އިދާރާއަކުން ވިޔަސް އަމިއްލަ އޮފީހަކުން ވެސް ޚިދުމަތެއް ހޯދުމުގެ ކުރިން ބަލާނީ އެތަނުގައި ދަންނަ މީހަކު އުޅޭތޯއެވެ. ނެތްނަމަ ގާތް މީހަކު ދަންނަ މީހަކު އުޅޭތޯ ބަލާނެއެވެ. ޚިދުމަތް ހޯދަން ގިނަ ފަހަރު އެދޭނީ އެ ގާތް މީހާ މެދުވެރިކޮށެވެ. ސުވާލަކީ ރައްޓެއްސަކު ނެތް ނަމަ ރަނގަޅު ޚިދުމަތެއް ނުލުބެނީތޯއެވެ؟

"ގަވައިދުގައި އޮންނަ ގޮތަށް ލާހިކުކުޅަދާނައެއް ނޫން މި ގައުމުގައި ކަމެއް ކުރާކަށް. ފަސޭހަ މަގެއް ނުދައްކާނެ. އެހާ ދުވަސް ނަގާނެ. އެހެންވެ ޖެހޭނީ ކޮންމެ ވެސް މީހަކަށް ގުޅަން،" ޚިދުމަތް ހޯދަން ރައްޓެއްސަކު ހޯދަނީ ކީއްވެގެންތޯ އެހުމުން ހަސަން ހުޝާމް، 29، ބުންޏެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެއަށް މީހަކު ވަންނަނީ-- ސަން ފައިލް ފޮޓޯ

އެންމެން ވެސް ކުރާ ޝަކުވާއެކެވެ. ދައުލަތުގެ ގިނަ އޮފީސްތަކުން މައުލޫމާތު ސާފު ކުރުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭ މައްސަލައެވެ. އޮފީސްތަކަށް ދާއިރު ކައުންޓަރުތަކުގައި މީހުން ނުތިބޭ ޝަކުވާ ވެސް ބޮޑެވެ. އެ ސަބަބުތަކާ ހުރެ އެ އިދާރާއަކުން ޚިދުމަތް ހޯދުމަށް ކޮންމެ ވެސް ރައްޓެއްސަކު ހޯދަން ޖެހެނީއެވެ.

"ފަހަރަކު އޮފީހަކަށް ގުޅާބަލަ ކިތައް ތަނުން ފޯނު ނަގާތޯ ބަލަން. ނެގިޔަސް ކައުންޓަރުގައި ތިބޭ ކުދިންނަށް ނޭންގޭނެ އަހާ ސުވާލަށް ޖަވާބު ދޭކަށް. ދެން ފޯނު ޕާސް ކުރާނީ ކޮންމެ ވެސް ޑިޕާޓްމަންޓަކަށް. ކުރާއިރު އެތަނުގެ ވެރިޔާ ނޫޅޭނެ އޮފީހަކު. ދެން އެ ދިޔައީ އެ ދުވަހުގެ ކަންތައް. އަނެއްކާ އަނެއް ދުވަހު ގުޅަންވީ. އެހެން ކިތަންމެ ފަހަރަކު ގުޅައިގެން ނޫނީ އެ އޮފީހަކަށް ގޮސްގެން ނޫނީ ނުލިބޭނެ ޖަވާބެއް،" ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

ވަކި ޚާއްޞަ ޚިދުމަތެއް ހޯދަން ގުޅާއިރު ނުވަތަ އޮފީސްތަކަށް ދާއިރު އެކަމާ ގުޅޭ ޑިޕާޓްމެންޓެއްގައި މީހަކު ނެތުމަކީ ވެސް އާންމު މައްސަލައެކެވެ. އޮފީސް ގަޑީގައި ބައެއް ވެރިން އަމިއްލަ ބޭނުންތަކުގައި ބޭރުގައި އުޅުމަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. އޭގެ ސަބަބުން ޚިދުމަތް ދިނުމަށާއި އޮފީހުގެ މަސައްކަތްތަކަށް ވެސް ހުރަސް އެޅެއެވެ.

ބޭސް ފަރުވާއާއި އެކިއެކި އެހީ ހޯދުމަށް ވެސް މަޖިލިސް މެންބަރުގެ ކައިރިއަށް ދާން ޖެހޭ ސަބަބަކީ އޮންނަ އުސޫލުގެ ތެރެއިން ގޮސްގެން އެކަންކަން ނުވުން ކަމަށް އާންމުން ގަބޫލު ކުރެއެވެ. ސަރުކާރުގެ އިދާރާތަކުން ފައިސާ ހޯދަން ވެސް ޖެހެނީ ކޮންމެވެސް ނުފޫޒު ގަދަ މީހަކަށް ގުޅާށެވެ.

ޚިދުމަތް ހަމަ ނުލިބެނީތަ، ނޫނީ ފަސޭހަ މަގު ހޯދަނީތަ؟

އަމިއްލަ މީހުން ފޮނުވާ ސިޓީތަކަށް ޖަވާބު ދިނުމަށާއި ޚިދުމަތްތައް ދިނުމަށް ވަކި މުއްދަތުތަކެއް ގިނަ އިދާރާތަކުން ހުންނަނީ ކަނޑައަޅައިފައެވެ. އެގޮތުން ޚިދުމަތް ހޯދުމަށް އެދޭތާ ރަސްމީ ބަންދު ނޫން ވަކި ދުވަހެއްގެ ތެރޭގައި ޚިދުމަތް ދޭން ޖެހޭނެ ކަމަށް އުސޫލުތައް ބުނެއެވެ. އައިޑީ ކާޑް ހެއްދުމާއި ޕާސްޕޯޓް ހެއްދުމުގެ އިތުރުން ކުށުގެ ރެކޯޑް ސާފުކުރުން ފަދަ ޚިދުމަތް އެ އުސޫލުގެ ތެރެއިން ދެއެވެ.

އޮފީހެއްގައި މުވައްޒަފުންތަކެއް ޚިދުމަތްދެނީ - ސަން ފައިލް ފޮޓޯ

ސަރުކާރަށް ޚިދުމަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އަދި މިހާރުވެސް އޮފީހެއްގެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިގޮތުގައި ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ތެރެއިން އެ ބުނާ މުއްދަތެއްގައި ޚިދުމަތްތައް ދަނީ ދެމުންނެވެ. ނަމަވެސް މީހަކަށް ގުޅައިގެން ޚިދުމަތް ހޯދަން އުޅެނީ ކަނޑައެޅިފައިވާ މުއްދަތަށް ވުރެން އަވަހަށް ޚިދުމަތް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދިވެހިންގެ ހުންނަ ކަމެއް ނޫންތޯ ފަހު ވަގުތު ކަންކަމާ އުޅުން. ނޫނީ ފަސޭހަ މަގުން ކަންކަން ކުރުން. އެހެންވެ ކޮންމެ ވެސް މީހަކަށް އެގުޅަނީ އެކަމެއް ކުރަން. އުސޫލުގެ ތެރެއިން ދިޔަސް ޚިދުމަތް ލިބޭނެ އިނގޭތޯ،" ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވިއެވެ.

ކުއްލި ހާލަތުގައި ޚިދުމަތް ހޯދަން ހަދަންވީ ގޮތެއް ނޭނގިގެން ވެސް ކޮންމެ ވެސް ރައްޓެއްސަކު ހުރިތޯ ބަލަން ޖެހެއެވެ. މީހަކަށް ނުގުޅައި ޚިދުމަތް ނުލިބޭނެ ކަމަށް ހީވެފައި އޮންނާތީއެވެ. ނަމަވެސް ކުއްލި ހާލަތްތަކުގައި ޚިދުމަތް ދޭން ވެސް ވަކި އުސޫލުތަކެއް އިދާރާތަކުގައި އޮވެއެވެ.

ކޮރަޕްޝަން މަނާ ކުރުމާއި ހުއްޓުވުމާ ބެހޭ ގާނޫނުތަކާއި ގަވައިދުތައް ބުނާގޮތުން ގާތް މީހުންނަށް އުސޫލުގެ ބޭރުން ޚިދުމަތް ދިނުމަކީ ވެސް ކުށެކެވެ. ނަމަވެސް އެއީ ރާއްޖޭގައި އާންމު ކަމެކެވެ. ގާތް މީހަކު ނުވަތަ ދަންނަ މީހަކު ގުޅައިގެން ޚިދުމަތް އަވަސް ކުރެވެއެވެ.

ދެން އޮތީ ލަދުވެތި ޙަޤީޤަތެކެވެ. ބައެއް ޚިދުމަތްތައް ހޯދުމަށް ރިޝްވަތު ދީގެން ކޮރަޕްޝަންގެ އަމަލު ހިންގަން ޖެހުމެވެ. މިއީ ވެސް މި ރާއްޖޭގައި ހިނގާ ކަމެކެވެ. ބައެއް ކަހަލަ ޚިދުމަތްތައް ހޯދުމަށް ފައިސާ ދޭން ޖެހެއެވެ. ޚާއްޞަކޮށް ވިޔަފާރިއާ ގުޅޭއެކިއެކި ޚިދުމަތްތައް ހޯދުމުގައެވެ.

އެކަށީގެންވާ ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާއަކީ ރާއްޖޭގައި ޒަމާންވީ މައްސަލައެކެވެ. އޮފީސްތަކުގައި ބޭނުންކުރާ ސިސްޓަމްތަކާއި ފޯނުތައް ޒަމާންވި ނަމަވެސް އެންމެ ޒަމާނީ ފެންވަރަށް ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ. އެހެންވެ ޚިދުމަތް ހޯދުމަށް ޖެހެނީ ކޮންމެ ވެސް ރައްޓެއްސެއް ހުރިތޯ ބަލާށެވެ.

comment ކޮމެންޓް