މަޖިލީހުގައި އިތުރުފުޅު ހެއްދެވި ވަޒީރު ވަކިކުރަން ގޮވައިލައިފި

ބަންޑާރަ ނައިބު ރިފްއަތު އަދި ހޯމް މިނިސްޓަރު އިމްރާން: ދެ ވަޒީރުގެ ތެރެއިން ވަޒީރަކު އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ވަނީ ފަށައިފައި

ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ވަޒީރު ވަކި ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކޯޓުތަކުގައި މައްސަލަތައް ލަސްވުމާ ގުޅޭގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، ގޯސް ހަދާ ފަރާތްތައް ފުލުހުންގެ އިދާރާއާއި ތަހުގީގީ އެހެން އިދާރާތަކުގައި ވެސް އެބަތިބި ކަމަށާއި އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން އިންތިޒާމް ވެގެން ކުރާ ކަމެއްގެ ގޮތުގައި ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ހާޒިރުކޮށް ސުވާލުކުރުމުން މިނިސްޓަރު ވަނީ ފުލުހުންގެ ތެރޭގައި އެފަދަ ބަޔަކު ނޫޅޭ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އިމްރާން އެގޮތަށް ޖަވާބު ދެއްވުމުން އެތަނުން ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ވެސް ފާހަގަކޮށްފައިވާއިރު، މި ވަޒީރަކު އިތުރުފުޅު ހެއްދެވި މައްސަލަ މަޖިލީހަށް ހުށަހަޅައިފައިވަނީ މެންބަރު އާދަމް ޝަރީފެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް މަޖިލީހުގައި ނެގި ވޯޓުގައި މައްސަލަ ބަލައިގަނެފައިވަނީ 18 މެންބަރުންގެ ވޯޓާއެކުގައެވެ. މައްސަލަ ބަލައިނުގަތުމަށް 13 މެންބަރަކު ވޯޓު ދެއްވިއެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ވެރިކަމުގައި ތިބޭ ބަޔަކު މަޖިލީހާއި ރައްޔިތުންނަށް އޮޅުވާލާނަމަ، އެ ގައުމެއްގެ މަސްލަހަތު ގެއްލި، ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ގެއްލިގެން ދާނެ ކަމަށެވެ.

"ސަރުކާރުން ވަޒީރުން، ދައުލަތުގެ ވެރީން ޚާއްޞަކޮށް މި މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ އެއީ އޭގެ ޒާތުގަ ވެރިކަން ވަރަށް ބޮޑަށް ބަލިކަށިވެ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކުގެ ގުޅުން އެއްކޮށް ކެނޑި، އަދި ހަމައެއާއެކު އެ ސަރުކާރެއްގެ ތެރޭގައި ހިންގާ ކަންކަން އެ ސަރުކާރެއްގެ ވަޒީރުންނަށް ވެސް ނޭނގޭ ކަން ހާމަވާ ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާއަށް އޮތީ އެންމެ ގޮތެއް ކަމަށާއި އެއީ މަޖިލީހުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް އިތުރުފުޅު ހެއްދެވި ވަޒީރު މަގާމުން ވަކި ކުރުން ކަމަށެވެ.

"އެ ހާލަތަށް ދާއިރުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުން ސަރުކާރަށް ލާޒިމް ވާނީ ކޮންމެވެސް އެއް ވަޒީރަކު މަގާމުން ވަކި ކުރަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަމައެހެންމެ އިތުރުފުޅު ހައްދަވަނީ ކޮން ވަޒީރެއްކަން ޔަގީން ނުވާނަމަ ދެ ވަޒީރުން ވެސް ވަކި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް އެއީ ކޮން ބޭފުޅެއްކަން ކަށަވަރު ނުވާ ކަމަށް ވެއްޖެއްޔޭ ދެ ބޭފުޅުން ވެސް ޖެހޭނީ ވަކި ކުރަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

https://sun.mv/163124

comment ކޮމެންޓް