އިދިކޮޅު މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

25 މާރޗް 2022: "ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން މާލޭގައި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމެވެ.

ޝިޔާމް ހުށަހެޅި މައްސަލަ ބަލައިގަތުމަށް ނެގި ވޯޓުގައި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ ތިން މެންބަރުންނެވެ. ކުއްލި މައްސަލައާ ދެކޮޅަށް 26 މެންބަރަކު ވޯޓު ދެއްވައިފައިވެއެވެ.

ކުއްލި މައްސަލައިގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ސިފައިން ދިވެހިރާއްޖޭގައި ތިބުމާ ދެކޮޅަށް މާލޭގައި ބޭއްވުނު އިހުތިޖާޖުގެ ތެރެއިން 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށް ބިޑި އަޅުވާ އަނިޔާކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މީގެ ތެރެއިން ނުވަ މީހަކު އަދިވެސް ތިބީ ބަންދުގައި ކަން ފާހަގަކުރައްވައި، ޝިޔާމްގެ މައްސަލައިގައި އިތުރަށް ބުނެފައިވަނީ ޖަލުގައި ބަންދު ކޮށްފައި ތިބި މީހުންނާ މެދު ވަރަށް އަނިޔާވެރިކޮށް އަމަލު ކުރަމުންދާ ކަމަށެވެ.

ކުއްލި މައްސަލައިގައި ވަނީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށާއި މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް ގޮވައިލައިފައެވެ.

މުޒާހަރާ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލާއި މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވެސް މި މުޒާހަރާގެ ތެރެއިން ހައްޔަރުކުރުމަށްފަހު، ޝަރުތުތަކަކާއެކު ވަނީ ދޫކޮށްލައިފައެވެ.

https://sun.mv/163500

comment ކޮމެންޓް