މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ފުލުހުން އަނިޔާކުރާ ކަމަށް އިދިކޮޅުން ބުނެފި

ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރު ކުރަނީ -- ފޮޓޯ/ ސަން

ނޭވާ ހޮޅިއަށް" ނަމުގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުންނާއިމެދު ފުލުހުން އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނެފިއެވެ.

މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ޕީޕީއެމް، ޕީއެންސީގެ ވެރީންނާއި މަޖިލިސް މެންބަރުންނާއި ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އިތުރުން އާއްމު ބައެއް ރައްޔިތުން ހިމެނެވެ.

މީގެ ތެރެއިން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މަޢުމޫން އިއްޔެ ވަނީ ދޫކޮށްލާފައެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން ދޫނީދޫގައި މިވަގުތު ތިބީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުު އަޙްމަދު ނަރީޝް ވެސް ހިމެނޭހެން ޖުމުލަ ނުވަ މީހުންނެވެ. އެމީހުންނަށް މިހާރު ވަނީ މުއްދަތު ވެސް ޖަހާފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ދޫނިދޫ ޖަލުގައި ތިބި ޕީޕީއެމް މެންބަރުންނާމެދު އަމަލު ކުރަނީ ވަރަށް ދަށުދަރަޖައިގައި ކަމަށެވެ. ދޫނިދޫގައި ބޭރަށް ހިންގުން ފަދަ ނުރައްކާތެރި ބަލިތައް ފެތުރެމުންދާ ހާލަތެއްގައި އެ ނުވަ މީހުން ވެސް އެއް ގޮޅިއެއްގައި ބަންދުކޮށްފައި ތިބުމުން ޕީޕީއެމް، ޕީއެންސީން އަންނަނީ އެކަމާ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ.

"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ ސަން

މީގެ އިތުރުން އެމީހުން ތިބި ގޮޅިއަކީ ސާފުތާހިރު ކަމަށް ބަލައިއިރު، އިންސާނުން ތިބެން އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެތަނުން ފޯރުކޮށްދޭ ބޯ ފެނާއި ކައިބޯތަކެތީގެ ސާފުތާހިރުކަން ނެތުމުގެ ޝަކުވާ ވެސް ލިބެމުން އަންނަ ކަމަށް ޕީޕީއެމް، ޕީއެންސީން ބުންޏެވެ.

"މިކަންކަން ހިޔުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިތުރުން ވެސް ކަމާއި ބެހޭ އެންމެހާ މުއައްސަސާ ތަކުން މިމައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމަށް ގޮވާލަން،" ޕީޕީއެމް، ޕީއެންސީން ބުންޏެވެ.

ޕީޕީއެމް، ޕީއެންސީން ބުނީ ހުކުރު ދުވަހުގެ މުޒާހަރާ ކުރިއަށް ގެންދިޔައީ ޤާނޫނު އަސާސީން ލިބި ދީފައިވާ ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމުގެ އިންތަކުގެ ތެރެއިން ކަމަށެވެ. ނަމަވެސް އިންޑިއާ އެންބަސީގެ އެންގުންތައް ތަންފީޒު ކުރުމުގެ ގޮތުން ސަރުކާރުގެ ޣައިރު ޤާނޫނީ އަމުރުތައް ފުލުހުން ތަންފީޒުކުރި ކަމަށް އެ ދެ ޕާޓީން ތުހުމަތުކުރިއެވެ. މުޒާހަރާ ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހުންގެ ފުށުން ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށް ވެސް ޕީޕީއެމް، ޕީއެންސީން ބުންޏެވެ.

މުޒާހަރާގެ ތެރެއިން ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މަޢުމޫން ހައްޔަރު ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސުލްހަވެރިކަމާއެކު މަޑުކޮށްގެން ތިބި ރައްޔިތުންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހައި އަދި ކާނިވާ ސަރަހައްދަށް ހިނގާފައި ދިޔަ ރައްޔިތުން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ދެއަތުގައި ބިޑި އަޅުވާފައިވާ ކަމަށް ޕީޕީއެމް، ޕީއެންސީން ބުންޏެވެ..

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި ހުކުރު ދުވަހު އެއްވުން ކުރިއަށް ގެންގޮސްފައިވަނީ އެކަން ނުކުރުމަށް ފުލުހުން އަންގާފައިވަނިކޮށެވެ.

މުޒާހަރާއަށް ފުލުހުން ހުރަސް އަޅަން ފެށުމުން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ޤާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށެވެ.

comment ކޮމެންޓް