ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ހަތަރު ވަނަ

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖޭއިން ބައިވެރިވި ޓީމު -- ފޮޓޯ / އެތުލެޓިކްސް އެސޯސިއޭޝަން

އިންޑިއާގެ ނާގާލޭންޑްގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހަތަރު ވަނަ ހޯދައިފިއެވެ.

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވަނީ ފަސް ގައުމަކުންނެވެ. އެއީ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް އަދި ރާއްޖެއެވެ.

މި ޗެމްޕިއަންޝިޕްގެ އެއް ވަނަ ހޯދާފައިވަނީ އިންޑިއާއިންނެވެ. ދެ ވަނަ ލަންކާ އިން ހޯދިއިރު ތިން ވަނަ ހޯދާފައިވަނީ ނޭޕާލުންނެވެ. ރާއްޖެއަށް ލިބިފައިވަނީ ހަތަރު ވަނައެވެ. އެންމެ ފުލުގައި އޮތީ ބަންގްލަދޭޝްއެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިިރިހެން އެތުލީޓުން ވެސް ވަނީ ވާދަކޮށްފައެވެ. އެއީ އާއިޝަތު ރާނިޔާ، އާއިޝަތު ރިޝްމީ، މަރިޔަމް ޢަބްދުލް ކަރީމް (މަރީ)، ޙުސައިން ފަޒީލް ހާރޫން، އިރުފާން މުޙައްމަދު އަދި މުޙައްމަދު ރަޝީދު (މޯޑު)އެވެ.

ދިހަ ކިލޯ މީޓަރުގެ ފިރިހެން ދުވުމުގައި ވާދަކޮށް ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ ޙުސައިން ފަޒީލެވެ. އެއީ 36 މިނެޓް ހަތް ސިކުންތުން ރޭސް ނިންމައިގެންނެވެ. މޯޑު ރޭސް ނިންމާފައިވަނީ 36 މިނެޓާއި 41 ސިކުންތުންނެވެ. އަދި އިރުފާން ރޭސް ނިންމާފައިވަނީ 37 މިނެޓާއި 28 ސިކުންތުންނެވެ.

އަންހެން ދުވުމުން ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ މަރީއެވެ. އެއީ 46 މިނެޓާއި 38 ސިކުންތުން ރޭސް ނިންމއިގެންނެވެ. ރާނިޔާ ރޭސް ނިންމާފައިވަނީ 47 މިނެޓާއި ނުވަ ސިކުންތުންނެވެ. އަދި ރިޝްމީ ރޭސް ނިންމާފައިވަނީ 50 މިނެޓާއި 28 ސިކުންތުންނެވެ.

ރާއްޖޭގެ ޓީމުގެ ކޯޗެެއްގެ ގޮތުގައި މިއަހަރު މަސައްކަތްކޮށްފައިވަނީ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑު އޮތް ރާއްޖޭގެ ދުވުންތެރިޔާ ނަސްރުﷲ އަޙްމަދުއެވެ.

comment ކޮމެންޓް