އަލްހާނުގެ ކުންފުނީގެ އެކައުންޓު ބަންދުކޮށް، ފައިސާ އަނބުރާ ދީފި

މަޖިލިސް ބަހުސްގައި އަލްހާން ވާހަކަ ދައްކަވަނީ -- ފޮޓޯ/ ޕީއެސްއެމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހިންގަވާ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނިން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓު ބަންދުކޮށް، އެ އެކައުންޓުގައި ހުރި ފައިސާ އަނބުރާ އެ ކުންފުންޏަށް ދީފިއެވެ.

އެކަން މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓަކުން އަލްހާން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެ ކުންފުނީގެ މަސްއޫލުވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އަށް ބުނީ އެކައުންޓު ދޫކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ވެސް އެކައުންޓު ބަންދުކުރުމަށް ބޭންކުގައި އެދުނު ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ބޭންކު އެކައުންޓު ބަންދު ކުރުމާއެކު، ބޭންކުގެ އުސޫލުތަކުގެ ދަށުން އެ ކުންފުނީގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް އެހެން އެކައުންޓަކަށް ޓްރާންސްފާކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ކުންފުނީގައި އިންވެސްޓުކުރި ފަރާތްތަަކަށް އެ ފަރާތްތަކުގެ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދިނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން ހިންގަވާ ކިންގްސް ކުންފުނީގެ އެކައުންޓު މިމަހުގެ 10ވަނަ ދުވަހު ބޭންކުން ހިފެހެއްޓީ ޕޮންޒީ ސްކީމެއް ހިންގަމުންދާތީ، ސަމާލުވުމަށް އެމްއެމްއޭއާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފައި ވަނިކޮށެވެ.

އެމްއެމްއޭގެ ބަޔާނުގައި ވަނީ މިފަދަ ސްކީމްތައް ހިނގަނީ އެއަށް އިތުރު ފަރާތްތައް ގުޅި ފައިސާ ލަމުން ދާތީ ކަމަށާއި އަދި އެ ފައިސާ ބޭނުން ކުރަނީ ސްކީމް ހިންގާ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމަށެވެ. އެހެންކަމުން، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އޭގެ ފަހުން، ފުލުހުން ވެސް ވަނީ އޮންލައިން ޓްރޭޑިންގެ ނަމުގައި މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

comment ކޮމެންޓް