ރާއްޖޭގައި މަތީ ތަޢުލީމުގެ ރިސާޗް ނެޓްވޯކެއް، އިންޑިއާގެ 1700 އިންސްޓިޓިއުޓާ ގުޅާލައިފި

ރާއްޖޭގައި ހަޔަ އެޑިއުކޭޝަން ރިސާޗް ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާއި ގުޅާލުމުގެ އެއްބަސްވުމުގެ ތެރެއިން -- ފޮޓޯ/ އެންވައިރަމެންޓް މިނިސްޓްރީ

ރާއްޖޭގައި މަތީ ތަޢުލީމުގެ ރިސާޗް ނެޓްވޯކެއް ގާއިމްކުރުމުގެ މަސައްކަތް ފަށައި، އެ ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ގުޅާލައިފިއެވެ.

އިންޑިއާގެ ނޭޝަނަލް އިންފޯމެޓިކްސް ސެންޓަރާއި ރާއްޖޭގެ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ)އާ ދެމެދު އިއްޔެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ އެއްބަސްވުމުގެ ދަށުން، އިންޑިއާގެ 1700 އަށްވުރެ ގިނަ ހަޔާ އެޑިއުކޭޝަން އަދި ރިސާޗް އިންސްޓިޓިއުޓްތައް ގުޅާލައި އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކްގެ ޚިދުމަތް ސީދާ ރާއްޖޭގެ ހަޔާ އެޑިއޭޝަން އަދި ރިސާޗް އިންސްޓިޓިއުޓްތަކުން ލިބޭނެގޮތް މިހާރު ވަނީ މަގުފަހިވެފައެވެ.

އެ މަސައްކަތް ފެށުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) މިހާރު ވަނީ އެ ނެޓްވޯކާ ގުޅާލާފައެވެ.

މީގެ އިތުރުން ރާއްޖޭގައި މަތީ ތަޢުލީމާއި ދިރާސާގެ މަސައްކަތް ކުރާ އެހެނިހެން އިންސިޓިޓިއުޓްތައް ގުޅާލުމުގެ މަސައްކަތް ވެސް އެންސީއައިޓީން ވަނީ ހަޔާ އެޑިކޭޝަން މިނިސްޓްރީއާއި ޓެކްނޯލޮޖީ މިނިސްޓްރީއާ ގުޅިގެން ފަށާފައެވެ.

މި ޚިދުމަތާއެކު، އިންޓަނެޓް ސާވިސް ޕްރޮވައިޑާއެއްގެ ކަނެކްޝަން މެދުވެރިނުކޮށް، ރާއްޖޭގެ ހަޔާ އެޑިއުކޭޝަން ނެޓްވޯކްގެ ތެރެއިން، އިންޑިއާގެ ނޮލެޖް ނެޓްވޯކްގައި ޝާއިއު ކޮށްފައިވާ މައުލޫމާތުތަކާއި، ޑިޖިޓަލް ޚިދުމަތްތަކަށް ސީދާ އެކްސެސް ދެވޭނެއެވެ.

އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކަކީ 2010 ވަނަ އަހަރު އެގައުމުގެ ސަރުކާރުން ގާއިމްކުރަން ފެށި ނެޓްވޯކެކެވެ. އެ ނެޓްވޯކް ވަނީ 11 ނެޝަނަލް ރިސާޗް އެންޑް ހަޔާ އެޑިއުކޭޝަން ނެޓްވޯކްތަކާ ގުޅާލާފައެވެ. އޭގެ ތެރޭގައި އެމެރިކާ، ޔޫރަޕް، ސިންގަޕޫރު، އޭޝިއާ ޕެސިފިކް އަދި ނޯޑިކް ގައުމުތަކުގެ ނެޓްވޯކްތައް ހިމެނެއެވެ.

comment ކޮމެންޓް