އައްޑޫގައި ގާއިމްކޮށްފައިވާ ޕޮލިސް ކޮލެޖު ރައީސް ހުޅުވައިދެއްވައިފި

ކޮލެޖް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރު--- ފޮޓޯ/ ފުލުހުން

އިންޑިއާގެ އެހީގައި އައްޑޫގައި އިމާރާތްކުރި ކޮލެޖް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހެނދުނު އައްޑޫ ޕޮލިސް ކޮލެޖުގައި ކުރިއަށް ގެންދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކޮލެޖު ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރާއި ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދުގެ އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮލެޖް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ފުލުހުން

އައްޑޫ ޕޮލިސް ކޮލެޖަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ތަމްރީނުކޮށް، ލޯ ސުކޫލެއް ގާއިމް ކުރާނެ ތަނެކެވެ. މި މަޝްރޫއަށް ޖުމްލަ 40އާއި 42 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ ޚަރަދުކޮށްފައެވެ.

އައްޑޫގައި ޕޮލިސް ކޮލެޖެއް ހަދަން އެއްބަސްވުމުގައި ސޮއިކުރީ 2012 ވަނަ އަހަރެވެ. ކޮލެޖު ހަދަން ނިންމިކަން ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ 2014 ވަނަ އަހަރެވެ. މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި ނިންމާގޮތަށް 2016 ވަނަ އަހަރުގެ ފަހުކޮޅު އެ މަޝްރޫއު ހަވާލުކުރިއިރު، ތަނުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރެވެ.

ކޮލެޖް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓު ހުޅުވުން--- ފޮޓޯ/ ފުލުހުން

ކޮލެޖު ހުޅުވަން ދޫކުރި ސަރަހައްދުގެ މޫދާވީ ފަޅިން ބައެއް ހިއްކައި، އެތަނުގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ.

ޕޮލިސް ކޮލެޖު ތަރައްގީކޮށްފައިވަނީ އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ޚިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނޭ ގޮތަށެވެ.

comment ކޮމެންޓް