ރާއްޖެއާއި އިންޑިއާއާ ދެމެދު ވެކްސިން ކާޑު ބަލައިގަތުމުގެ އެއްބަސްވުމެއް

ރާއްޖެއާއި އިންޑިއާއާއި ދެމެދު އެއްބަސްްވުންތަކުގައި މިއަދު ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއާއި އިންޑިއާއާ ދެމެދު، ދެގައުމުގެ ވެކްސިން ކާޑު ބަލައިގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިރޭ ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރެއިން، މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރާއްޖޭގެ ސިއްހީ ވަޒީރު އަޙްމަދު ނަސީމާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޮވިޑް ސޭފް ވެބްސައިޓުން ފެންނަ ވެކްސިން ކާޑު އިންޑިއާއިން ބަލައިގަންނާނެއެވެ. އަދި، އިންޑިއާގެ ކޯވިން ޕްލެޓްފޯމުން ފެންނަ ސެޓްފިކެޓް ރާއްޖެއިން ބަލައިގަންނާނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ނޭޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންއައިސީޓީ) އާއި، އިންޑިއާގެ ނޭޝަނަލް އިންފޯމެޓިކްސް ސެންޓަރު (އެންއައިސީ) އާއި ދެމެދު ސީދާ ގުޅުމެއް ބޭއްވުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ހަޔާ އެޑިއުކޭޝަން ނެޓްވޯކާއި، އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކުގެ ގުޅުން ދެ ގައުމުގެ ޚާރިޖީ ވަޒީރުން އިފްތިތާހުކޮށްދެއްވިއެވެ.

ޑރ. ޖަޔަޝަންކަރުގެ ދަތުރުފުޅުގައި މިރޭ ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާ، ދެގައުމުގެ ދޭތެރޭ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

މީގެ އިތުރުން މާދަމާ، ޕޮލިސް ކޮލެޖު ހުޅުވުމާއި، އެ ކޮލެޖުގެ ހިންގުމުގައި އެހީވުމަށް އިންޑިއާގެ ވައްލައްބާއި ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު އެއްބަސްވުމެއް ވުމަށް ބޭއްވޭ ރަސްމިއްޔާތުގައި ވެސް އިންޑިއާގެ ހާރިޖީ ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް