ނަރީޝް އާއި މުޙައްމަދު އިސްމާޢީލް ހިމެނޭ ގޮތަށް ނުވަ މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފި

25 މާރޗް 2022: "ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލާއި މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ހިމެނޭހެން ނުވަ މީހަކަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި 17 މީހުންގެ ތެރެއިން އަށް މީހުން ދޫކޮށްލުމަށްފަހު ނުވަ މީހަކަށް މުއްދަތު ޖަހާފައިވާ ކަމަށެވެ.

އެގޮތުން, މުޙައްމަދު އިސްމާޢީލްގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހާފައެވެ. ނަރީޝްގެ ބަންދަށް ޖެހީ ދެ ދުވަހެވެ.

މުޙައްމަދު އިސްމާޢީލާއި ނަރީޝްގެ އިތުރުން މުޒާހަރާއިން ހައްޔަރުކުރި އިތުރު ހަތް މީހަކަށް ވެސް ވަނީ މުއްދަތު ޖަހާފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް ކައުންސިލް މެންބަރުންނާއި އެކްޓިވިސްޓުން ހިމެނެއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި އިއްޔެ އެއްވުން ކުރިއަށް ގެންގޮސްފައިވަނީ އެކަން ނުކުރުމަށް ފުލުހުން އަންގާފައިވަނިކޮށެވެ.

އެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު, ޝަރުތުކުރުމަށްފަހު މިރޭ ވަނީ ދޫކޮށްލައިފައެވެ.

އިއްޔެގެ އެއްވުން ފެށުމާއެކު، މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ވަނީ ހުރަސް އަޅައިފައެވެ. އަދި ބާރުގެ ބޭނުން ކޮށް، އެއްވުމުގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މުޒާހަރާއަށް ފުލުހުން ހުރަސް އަޅަން ފެށުމުން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ގާނޫނާ އެއްގޮތަށް ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށެވެ.

ހަމައެހެންމެ ސުލްހަވެރި އިހުތިޖާޖަށް ފުރުސަތު ދީ، އެއްވުމުގެ ތެރެއިން އާންމު މެންބަރުންނަށް އަނިޔާ ކުރުން ހުއްޓާލުމަށް ވެސް ގޮވައިލައިފައިވެއެވެ.

comment ކޮމެންޓް