މުޒާހަރާ ހުއްޓުވަން އިންޑިއާ ސިފައިން އުޅުނު ކަމަށް ތުހުމަތުކޮށްފި

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ބޭއްވި އެއްވުމެއްގައި އަދުރޭ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިދިކޮޅުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ "ނޭވާ ހޮޅިއަށް" މުޒާހަރާ ހުއްޓުވުމުގައި އިންޑިއާގެ ސިފައިން ހަރަކާތްތެރިވި ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ތުހުމަތުކުރައްވައިފިއެވެ.

މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު އެއްވުން ފުލުހުން ހުއްޓުވައިފައިވަނީ ގައިރު ގާނޫނީ އަމުރެއްގެ ދަށުން ކަމަށެވެ.

"ރައްޔިތުން އެއްގޮތަކަށް ވެސް ނިކުމެގެން މިއުޅެނީ ސަރުކާރު ވައްޓާލާކަށް ނޫން. އަދި އެ ނޫން ކަމަކާ ވެސް ނޫން، އަޅުގަނޑުމެން އެންމެން ކަންބޮޑުވެގެން މިއުޅެނީ މި ގައުމުގައި އިންޑިއާގެ މިލިޓަރީ ސިފައިން ތިބީމާ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ މިއަދުގެ އެއްވުން ހުއްޓުވުމަށް އިންޑިއާގެ ސިފައިން ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"އިންޑިއާ ސިފައިން މިހާރު ވެސް މިތަނުގައި އެބައުޅޭ، ހަމަ ޓީޝާޓު ލައިގެން އައިސް އިންޑިއާ ސިފައިން ތިއްބާ، އެ މީހުން ކައިރިން ކޮމާންޑު ނަގައިގެން މި ބޭފުޅުން [ފުލުހުން] އަމަލު ކުރަމުން މި ގެންދަނީ، އެ މީހުން [އިންޑިއާ ސިފައިން] ދޭ ކޮމާންޑާ އެއްގޮތަށް އަމަލު ކުރަމުން ގެންދަނީ،" އަދުރޭ ވިދާޅުވިއެވެ.

މި ކަންކަމުން ވެސް ހާމަވެގެން ދަނީ ދިވެހި ގައުމު އަޅުވެތިވެފައިވާ މިންވަރު ކަން ފާހަގަކުރައްވައި އަދުރޭ އިތުރަށް ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިންނަށް މިހާރު އަމުރު ކުރަމުން ގެންދަނީ އިންޑިއާ ސިފައިންނާއި އެ ގައުމުގެ ސަރުކާރުން ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ހުރިހާ ރައްޔިތުން ވެސް ނިކުންނަން ޖެހޭ ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންނާ ސުވާލު ކުރުމުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތަކީ އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށް ކުރިއަށް ގެންދާ އެއްވުމެކެވެ.

މުޒާހަރާ ފެށުމާއެކު، މުޒާހަރާގެ ބައިވެރިންނަށް ފުލުހުންނަށް ވަނީ ހުރަސް އަޅައިފައެވެ. އަދި ބާރުގެ ބޭނުން ކޮށް، އެއްވުމުގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޒާހަރާގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި މިހާތަނަށް 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި މެންބަރު މުޙައްމަދު ސައީދާއި މެންބަރު ޣައްސާން މައުމޫންގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ހިމޭނެއިރު، ބައެއް ކައުންސިލަރުން ވެސް ހިމެނެއެވެ.

މުޒާހަރާއަށް ފުލުހުން ހުރަސް އަޅަން ފެށުމުން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ގާނޫނާ އެއްގޮތަށް ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށެވެ.

ހަމައެހެންމެ ސުލްހަވެރި އިހުތިޖާޖަށް ފުރުސަތު ދީ، އެއްވުމުގެ ތެރެއިން އާންމު މެންބަރުންނަށް އަނިޔާ ކުރުން ހުއްޓާލުމަށް ވެސް ގޮވައިލައިފައިވެއެވެ.

comment ކޮމެންޓް