މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ފުރަތަަމަ މޮޅު ހޯދައިފި

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުރި މެޗު ކާމިޔާބުކޮށް މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗް ފަށައިގެން ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ އޭރިޔާ ތެރޭގައި ބޯޅަ ގެންގުޅެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ.

މެޗުގެ ފަސް ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ޔާސިން އަރަފާތު ހުރަސްކުރި ބޯޅަ އެ ޓީމުގެ ކުޅުންތެރިޔަކަށް ލިބުމުގެކުރިން ރާއްޖޭގެ ކީޕަރު މުޙައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

ބަންގްލަދޭޝްގެ ޔާސިރު ނަގައިދިން ބޯޅަ ރާއްޖޭގެ އޭރިޔާ ތެރޭގައި ހުރެ ސުމެން ރިޒާ ބޮލުން ފޮނުވާލި ނަމަވެސް، ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ 38 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މުޙައްމަދު އުމެއިރު ދިން ބޯޅައަކުން މި ލަނޑު ރާއްޖެއަށް ޖަހައިދިނީ ހަސަން ރާއިފް އަހުމަދެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ދެ ވަނަ ހާފު ފަށައިގެން ބަންގްލަދޭޝާއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެ ޓީމުން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ. ރާއްޖޭގެ އޭރިޔާ ބޭރުން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ބަންގްލަދޭޝްގެ ރާކިބް ހުސެއިން ފޮނުވާލި ހަމަލާ ބްލޮކް ކުރީ ރާއްޖޭގެ ރާއިފްއެވެ.

ރާއްޖެއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 60 ވަނަ މިނެޓުގައި އިބްރާހީމް މަހްދީ ހުސައިނެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބަންގްލަދޭޝްގެ ކީޕަރުގެ އަތް މަތިންނެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ 70 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ އެއް ޑިފެންޑަރު ކައިރިން ނައްޓައި ޢަބްދުﷲ ޔާމީން (ޔާން) ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުވީ ނަމަވެސް ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމާފައެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން އަޙުމަދު ރިޒްވާން (ރިޒޭ) މެޗުގެ 80 ވަނަ މިނެޓުގައި އޭނާއަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ބަންގްލަދޭޝްގެ ސަޕޯޓަރުން ޓީމަށް ހިތްވަރުދެނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ 86 ވަނަ މިނެޓުގައި ޔާން ފޮނުވާލި ބާރު ހަމަލާ ދިޔައީ ބަންގްލަދޭޝްގެ ގޯލް ދަނޑި މަތިންނެވެ. މެޗުގެ 88 ވަނަ މިނެޓުގައި ރާއްޖެއަށް ލިބުނު ހިލޭ ޖެހުމެއްގައި އިބްރާހިމް އައިސަމް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މި މެޗުން ރާއްޖެ މޮޅުވެފައިވާއިރު، ގަލޮޅު ރަސްމީ ދަނޑުގައި ރާއްޖެއާއި ބަންގްލަދޭޝް އެންމެ ފަހުން ބައްދަލުކުރި ތިން މެޗުގައި ވެސް ރާއްޖޭގެ ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

comment ކޮމެންޓް