ޒަކާތާއި ޓެކްސްގައިވާ ޙަޤީޤަތްތައް

މީހަކު ޒަކާތް ދައްކަނީ: ސަން ފައިލް ފޮޓޯ

އިޤްތިޞާދީ ގޮތުން ދުނިޔޭގެ ޤައުމުތައްދަނީ ހީނަރުވަމުންނެވެ. އެއްވެސް ޤައުމެއް އިސްތިސްނާ ވެގެންނުވާ ގޮތެއްގައެވެ. މިދުވަސްވަރަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، ދަރަނި އަރަންޏަށްވުރެ ބޮޑުވެފައިވާ ދުވަސްވަރެކެވެ. މިކޮލަމުގެ ބޭނުމަކީ، ޒަކާތާއި ޓެކްސްގައިވާ ޙަޤީޤަތްތައް ދަނެގަނެ އިޤްތިޞާދު ހަރުދަނާކުރެވިދާނެ އިސްލާމީ ވަސީލަތްތަކަކީ ކޮބައިތޯ ބެލުމެވެ.

މި ކޮލަމްގެ މަޤްޞަދަށްޓަކައި ޓެކްސް ކަމަށް ބުނެފައިއެވަނީ، އިސްލާމީ ޚަލީފާއިން ދައުލަތް ހިންގުމަށް މައިގަނޑު ގޮތެއްގައި ބައިތުލް މާލަށް އާމްދަނީ ހޯއްދަވާފައިވާ، ދައުލަތުގެ މުދަލުން ލިބޭ އާމްދަނީއާއި، މުދަލު ޒަކާތާއި، ފާއި (ބޫޓީސް) އާއި، ޚަރާޖު (ލޭންޑް ޓެކްސް) އަދި ޖިޒްޔާ (ހެޑް ޓެކްސް) ނުހިމެނޭހެން، ހުޅަނގުގެ ކެޕިޓަލިސްޓް ނިޒާމުތަކުގައި ނަގަމުންދާ އަދި ދިވެހިރާއްޖޭގައިވެސް މިވަގުތު ނަގަމުންދާ ޖެނެރަލް ސޭލްސް ޓެކްސް (ޖީއެސްޓީ) އަދި އިންކަމް ޓެކްސް ފަދަ ޓެކްސް ތަކަށެވެ.

އިސްލާމް ދީނުގައި އިންކަމް ޓެކްސްގެ ބަދަލުގައި ނެގުމަށް ލާޒިމްކުރައްވާފައިވާ މިންވަރަށް ކިޔަނީ މުދަލު ޒަކާތެވެ. މިއީ އިސްލާމީ މުޖްތަމަޢުގައި ފަގީރުންނާއި، މުއްސަނދީންގެ ތަފާތު ކުޑަކުރުމަށް ވާޖިބު ކުރައްވާފައިވާ ވަރަށް މަތިވެރި ދީނީ އަޅުކަމެއް މެއެވެ. އިސްލާމް ދީނުގެ ތިންވަނަ ރުކުން ކަމުގައި، މުދަލު ޒަކާތް ހިމެނުމުގެ އިތުރުން، އަބޫބަކުރުގެ ފާނުން ޒަކާތް ނުނެރެ ތިބި ފަރާތްތަކާއި ހަނގުރާމަ ކުރެއްވެވިއެވެ. މިކަމާ އެއްވެސް ޞަހާބީއެއް އިންކާރު ނުކުރައްވަވައެވެ.

ޒަކާތުގައި އިޖްތިމާއީ ފައިދާ ހުރިއިރު، މި ކަމުގައި ދީނީ ފައިދާތަކަކާއި ޙިކްމަތްތަކެއްވެސް ވެއެވެ. ކީރިތި ޤުރްއާނުގެ ނައްޞުތަކަށް ބަލާއިރު އެ ޙިކްމަތަކީ، ޒަކާތުގެ ސަބަބުން ތިމާމެންގެ މުދާތަކާއި، ނަފްސުތައް ޠާހިރުވެ ސާފުވެގެން ދިއުމެވެ. އެއީ އެ މުދަލުގައިވާ އަނެކުންގެ ޙައްޤުތައް، ތިމާގެ ޙައްޤުތަކާ ވަކިކޮށް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދީގެންނެވެ. މިގޮތުން ބަލާއިރު، އިސްލާމް ދީނުގައި ޒަކާތުގެ ދެ ބާވަތެއް ހިމެނިފައިވެއެވެ. އެއީ ފިތުރު ޒަކާތާއި މުދަލުގެ ޒަކާތެވެ. ނަމަވެސް މި ދެ ޒަކާތުގައި ވަރަށް ބޮޑެތި ތަފާތުތަކެއްވެ އެވެ. މުދަލުގެ ޒަކާތަކީ، އޭގެ ނަމަށް ބެލިކަމުގައި ވިޔަސް މުދަލާއި ފައިސާއާ ގުޅިފައިވާ ޒަކާތެކެވެ. މިއާ ޚިލާފަށް ފިތުރު ޒަކާތަކީ އިންސާނާގެ ހަށިގަނޑާ ގުޅިފައިވާ ޒަކާތެކެވެ. މާނައަކީ އެ ބައެއްގެ މައްޗަށް ޚަރަދުކުރެވޭ ބައެއްގެ ފުށުން ނެރުން ވާޖިބުކުރައްވާފައިވާ ޒަކާތެކެވެ. މުދަލުގެ ޒަކާތަކީ، ދީނީ ގޮތުން ކަނޑައެޅިފައިވާ މިންވަރެއް (ނިޞާބު) ހަމަވުމުން މެނުވީ ވާޖިބުނުވާ ޒަކާތެކެވެ. އެއީ ރަނުން ނަމަ، 20 ދީނާރު ނުވަތަ ރިހިން ނަމަ، 200 ދިރުހަމްގެ މިންވަރެވެ.

އިސްލާމީ ފިޤްހުގައި ޓެކްސްގެ މަފްހޫމަކީ، ފައިސާވެރިންގެ މުދަލުން ސަރުކާރަށް ދެއްކުމަށް ކަނޑައެޅިފައިވާ ވަކި މިންވަރެކެވެ. މިގޮތުން ރައްޔިތުންގެ އަތުން ނެގޭ މިންވަރު ކަނޑައަޅައި ނަގަނީ، ޢާއްމު ރައްޔިތުންގެ މަޞްލަޙަތުހުރި ކޮންމެހެން ބޭނުންވާ ކަންތައްތައް ފުއްދުމަށްޓަކައެވެ. އަދި އެހެން ޝަރުތެއް ޢިލްމުވެރީން ކަނޑަ އަޅުއްވައެވެ. އެއީ، މިގޮތަށް ނަގާ އެއްޗެއް ނަގަން ޖެހޭނީ ވަގުތީ ގޮތުންނެވެ. ބޮޑެތި ޤުދުރަތީ ކާރިސާ ނުވަތަ ވަބާއެއް ނުވަތަ ބަނޑުހައިހޫނުކަމެއް ނުވަތަ ހަނގުރާމަފަދަ ޚާއްޞަ ޙާލަތްތަކުގައި ވަގުތީ އެއްޗެއްގެ ގޮތުގައެވެ. މާނައަކީ، ޓެކްސް ނަގަންޖެހެނީ، ރައްޔިތުންނަށް ބޭނުންޖެހިފައިވާ ވަކި ޚާއްޞަކަމެއް ކުރުމުގެ މަޤްޞަދުގައެވެ. އެކަމެއް ޙާޞިލްވުމުން ޓެކްސް ނެގުން ހުއްޓާލަންޖެހެއެވެ. ސަބަބަކީ، ޓެކްސް ނެގުމަށް މެދުވެރިވި ސަބަބު ފިލައިދިޔަ ކަމަށްޓަކައެވެ.

ދައުލަތުގެ މަސްއޫލިއްޔަތުގެ ތެރޭގައި ޒަކާތް އޭގެ ޙައްޤުވެރީންނަށް އަދާކުރުން ހިމެނެއެވެ. ރަސޫލާ ﷺ ގެ ދުވަސަވަރު، ޒަކާތް ނެގުމަށް ޢަޞްޙާބުންގެ ތެރެއިން ބަޔަކާއި ޙަވާލުކުރައްވާ އަދި އޭގެ ޙައްޤުވެރީންނަށް އެބެއްސެވިއެވެ. އެއީ ޤުރުއާނުގެ ނައްޞުތަކުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކެވެ. އޭގެ ތެރޭގައި އެ ނެންގެވުމުގައި އުޅުއްވި ބޭފުޅުން ހިމެނިވަޑައިގަތްތަން ފެނިގެންދެއެވެ. އެހެންކަމުން އެބޭފުޅުންގެ ވަޒީފާއަކަށް ވެގެންދިޔައީ އެނެގުމުގެ މަސައްކަތެވެ. އަދި އެބައިމީހުންގެ މުސާރަ ނުވަތަ އުޖޫރައްކަށް ވެގެންދަނީ ހަމަ އެޒަކާތުން ލިބޭ އެއްޗަކުން މުސާރަ ނުވަތަ ދެވުނު އުޖޫރައެވެ. ޤުރުއާނުގައި އައިސްފައިވަނީ މިފަދައިންނެވެ. [إِنَّمَا الصَّدَقَاتُ لِلْفُقَرَ‌اءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّ‌قَابِ وَالْغَارِ‌مِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ ۖ فَرِ‌يضَةً مِّنَ اللَّـهِ ۗ وَاللَّـهُ عَلِيمٌ حَكِيمٌ] (ސޫރަތުއްތައުބާ:60) މާނައީ: " ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ."

ރަސޫލާ ﷺ އަވަހާރަވެ ސުވަރުގެ ވަޑައިގަތުމަށްފަހުގައި މުރުތައްދުވީ މީހުންނާއި ހަނގުރާމަކުރެވުނެވެ. އެހިނދު ޢަރަބީންގެ ތެރެއިން ބަޔަކު ކާފިރުވެ، ޢުމަރުގެ ފާނުން އަބޫބަކުރުގެ ފާނާއި ސުވާލުކުރެއްވިކަމުގައި އަބޫހުރައިރަތުގެ ފާނުން ރިވާކުރައްވާފައި ވެއެވެ. "ކަލޭގެ ފާނުން ކިހިނަކުންތޯ އެބައި މީހުންނާއި ހަގުރާމަކުރައްވާނީ؟ ފަހެ، ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިނުވޭތޯ "ތިމަންކަލޭގެ ފާނަށް އެބައިމީހުންނާއި ހަނގުރާމަކުރުމަށް އަމުރުކުރެވިފައިވަނީ، ޝަހާދަތުގެ ދެކަލިމަ ކިޔައިފުމަށް ދާންދެނެވެ." އެހިނދު އަބޫބަކުރުގެ ފާނުން ވިދާޅުވިއެވެ. "ﷲ ގަންދީ ހުވާކުރަމެވެ. ތިމަންކަލޭގެ ފާނުން ޒަކާތާއި ނަމާދު ފަރަގުކޮށްފިމީހުންނާއި ހަގުރާމަކުރާހުށީމެވެ. ފަހެ، ޒަކާތަކީ، އޭގެ ޙައްޤުވެރި ފަރާތްތަކަށް ރައްދު ކޮށްދޭންޖެހޭ އެއްޗެކެވެ."

ޒަކާތާއި ޓެކްސްގައިހުރި އެއްގޮތް ކަންތައްތައް

މިއިން ކޮންމެ އެއްޗަކީވެސް މީހާގެ ނުރުހުމުގައިވެސް އަތުލެވިދާނެ އެއްޗެކެވެ. ކުރިން ބަޔާންކުރެވިފައިވާ ފަދައިން އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި ޒަކާތް ދެއްކުމުން މަނާވެގެން މީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ. މިދެއެއްޗަކީވެސް ސަރުކާރުން ކަނޑައަޅާ އޮފީހަކަށް ފައިސާއިން ދައްކަން ޖެހޭ އެއްޗިއްސެވެ.

މިދޭތި ދެއްކުމުންވެސް އެދައްކާ ފަރާތަށް ސީދާ ގޮތެއްގައި ލިބޭނެ މާއްދީ ވަކި އެއްޗެއް ނޯވެއެވެ. އެއެއްޗެއް ދައްކަނީ އޭނާ އަކީ މުޖްތަމަޢުގެ ފަރްދަކަށްވީތީވެއެވެ. އެހެންކަމުން، މުޖްތަމަޢުގެ އެހެން އަފްރާދުންގެ ހަމަޖެހުން ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ތިމާގެވެސް މަސްއޫލިއްޔަތަކަށް ވީތީވެއެވެ.

ޒަކާތާއި ޓެކްސްގައި ހުރި ތަފާތުތައް

އިސްލާމީ މަފްހޫމުގައި، ޓެކްސަކީ ޝަރްޢީ ހަމައެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ނަމަވެސް އިޤްތިޞާދީ މަފްހޫމުގައި ޓެކްސަކީ ޝަރުޢީ ހަމައެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫނެވެ.

އިގްތިޞާދީ ނަޡަރުން ބަލާއިރު ޓެކްސަކީ ދާއިމީ ގޮތެއްގައި ނެގޭ އެއްޗަކަށް ވީނަމަވެސް، އިސްލާމީ ނަޡަރަކުން ބަލާއިރު ޓެކްސަކީ ހަމައެކަނި މެދުވެރިވާ ޙާލަތަކާއި ގުޅިގެން ނެގޭ އެއްޗެކެވެ. އެޙާލަތު ފިލައި ދިޔުމުން އެ ނެގުން ހުއްޓާލަން ޖެހޭނެއެވެ.

އިޤްތިޞާދީ ނަޡަރަކުން ބަލާއިރުގައި ޓެކްސަކީ ދާއިމީ ގޮތެއްގައި ދައުލަތުގެ އާމްދަނީ ހޯދުމަށް ބޭނުން ހިފިދާނެ ނިޡާމެއްކަމަށް ދެކުނުނަމަވެސް، އިސްލާމީ ނަޡަރަކުން ބަލާއިރު ޓެކްސްގެ ނިޡާމުގެ ބޭނުން ހިފޭނީ ގައުމު އެފަދަ ޙާލަތަކަށް ގޮސްފި ހިނދެއްގައި އެކަންޏެވެ.

މިޒަމާނުގައި ސަރުކާރުތަކުން ދައުލަތް ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދުމުގެ އެއް ވަސީލަތެއްގެ ގޮތުގައި ޓެކްސްގެ ނިޡާމުވަނީ ހަމަޖައްސާފައެވެ. ވީމާ، އިސްލާމް ދީނުގައި ދައުލަތް ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދުމުގެ ގޮތްތައް ކަނޑައެޅިފައިވަނީ ކޮންގޮތަކަށްތޯ ބަލައިލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

އާދެ! ޒަކާތަކީ މިބިންމަތީގައި ﷲ އެއްކައުވަންތަ ކުރާ މުސްލިމުން ބިންމަތީގައި ތިބިހާ ހިނދަކު ނެރެން ޖެހޭ އެއްޗެކެވެ. މީހެއްގެ އަނިޔާވެރި ކަމެއްގެ ސަބަބުން ނުވަތަ ޙާކިމެއްގެ ޢަދުލުވެރި ކަމަކުން ޒަކާތް ނެރުމަކަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް ޓެކްސަކީ ދާއިމީ ގޮތެއްގައި ނެރެން ޖެހޭ އެއްޗެއް ނޫނެވެ. ދައުލަތަށް ބޭނުން ޖެހިއްޖެ ހިނދެއްގައި މުޖްތަމަޢުގެ އަފްރާދުން އަތުން ޓެކްސް ނެގެއެވެ. އަދި ޙާޖަތް ފިލައި ދިޔުމުން ޓެކްސް ނެގިގެން ނުވާނެއެވެ.

ޒަކާތް ނެރެން ޖެހޭ މިންވަރާއި، ނިޞާބާއި، ޝަރްޠުތައް އަދި މިނޫންވެސް ޒަކާތާއި ގުޅުން ހުރި އެންމެހައި ޙުކުމްތައް ކަނޑައެޅިގެންވަނީ ސީދާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. އެއްވެސް މީހަކަށް އެއަށް އުނި އިތުރު ކުރުމުގެ ބާރު ލިބިގެންނެއް ނުވެއެވެ. ނަމަވެސް ޓެކްސް ދައްކަން ޖެހޭ ވަރާއި، ޝަރްޠުތައް އަދި މިނޫންވެސް ކަންތައްތައް ކަނޑައަޅަނީ އިންސާނުން އަމިއްލައަށް އެބައިމީހުންގެ އިޖްތިހާދުންނެވެ.

ހޭދަ ކުރެވޭ ގޮތްތަކަށް ބަލާއިރު، ޒަކާތުގެ ފައިސާ ހޭދަ ކުރެވެނީ ކަނޑައެޅިފައިވާ ވަކި ބައިތަކަކަށެވެ. ސޫރަތުއް ތައުބާގެ 60 ވަނަ އާޔަތުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ޒަކާތުގެ ބެހެނިވެރިން ބަޔާން ކޮށްދެއްވާފައެވެ. ނަމަވެސް ޓެކްސް އިން ނެގޭ ފައިސާ ހޭދަ ކުރުމަށް ވަކި ދާއިރާތަކެއް ކަނޑައެޅިފައެއް ނުވެއެވެ. އެއިރަކު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ދާއިރާ އަކަށް ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ އިން ޚަރަދު ކުރެވިދާނެއެވެ. މީގެ އިތުރުން، ޒަކާތުގެ ގޮތުގައި ނެގޭ ފައިސާ ޚަރަދު ކުރެވޭނީ ހަމައެކަނި ޒަކާތް ނެގޭ ރަށެއްގެ އަހްލުވެރިންނަށެވެ. އެރަށެއްގައި ޒަކާތް ޙައްގުވާ މީހުން ތިއްބާ އެހެން ރަށަކަށް އެޒަކާތް ބަދަލު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ އަކީ ސީދާ ދައުލަތުގެ ޚަޒާނާ އަށް ވަންނަ އެއްޗެކެވެ. ރައްޔިތުންގެ މަޞްލަޙަތު ހުރި ކޮންމެ ދާއިރާ އަކަށްވެސް އެފައިސާ އިން ޚަރަދު ކުރެވިދާނެއެވެ.

އިސްލާމީ އިޤްތިޞާދީ ނިޒާމު، ހުޅަނގުގެ ކެޕިޓަލިޒަމާއި ތަފާތެވެ. އިސްލާމީ އިޤްތިޞާދުގައި ޒަކާތް ނުވަތަ ޓެކްސް ނަގަނީ މުދަލުންނެވެ. އާމްދަނީ އަކުން ނޫނެވެ. ޔޫ.ކޭގެ އިޤްތިޞާދުގެ މިސާލަކަށް ނަޒަރު ހިންގާށެވެ. 2007 ވަނަ އަހަރު އެޤައުމުގެ މުވައްޒަފެއްގެ އެވްރެޖް މުސާރައަކީ އަހަރަށް 23244 ޕައުންޑެވެ. އިންކަމް ޓެކްސް އާއި ނޭޝަނަލް އިންޝޫރެންސްގެ ގޮތުގައި 34% އަށްވާ، ގާތްގަނޑަކަށް 8000 ޕައުންޑް ދައްކަން ޖެހެއެވެ. ކައުންސިލް ޓެކްސް، ރޯޑް ޓެކްސް، ސޭލްސް ޓެކްސް ފަދަ ޓެކްސް ތަކާއެކު މިދެންނެވި ނިސްބަތް ގާތްގަނޑަކަށް %50-40 އަށް އަރައެވެ. މީގެ މާނައަކީ، އާދައިގެ މީހަކު 12000-10000 ދެމެދުގެ ފައުންޑް ޓެކްސްގެ ގޮތުގައި ދައްކަންޖެހެއެވެ.

ނަމަވެސް އިސްލާމް ދީނުގައި މުދަލު ޒަކާތުގެ ގޮތުގައި %2.5 ދައްކާތީ، އާދައިގެ މީހަކަށް އަހަރަކު 10000 ޕައުންޑް ރައްކާ ކުރެވޭނެއެވެ. މަހަކު 700 ވަރަކަށް ޕައުންޑް ހޭދަކުރަން ފުރުޞަތުލިބި، އިތުރަށް ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ. ޔޫ.ކޭ ގެ މަސައްކަތު މީހުންގެ މުޅި ޖުމްލައަކީ، 31 މިލިއަން ކަމަށްވާނަމަ، އިޤްތިޞާދުގެ ތެރެއަށް 240 ބިލިއަން ޕައުންޑް ވަންނާނެއެވެ. މީގެ ނަތީޖާ އިޤްތިޞާދަށް ހުރިހާ ގޮތަކުންވެސް ރަނގަޅުވާނެކަން އާދައިގެ ވިސްނުމަކުން ވިސްނާލިއަސް އެނގޭނެެވެ. މިގޮތުން މެދު ފަންތިއާއި މަތީ ފަންތީގެ ވިޔަފާރިއަށް ވަނުމަށް އިތުރު މީހުންނަށް ފުރުޞަތުލިބި، ވަޒީފާތައް އިތުރުވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން މުދަލާއި، ޚިދުމަތްތަކަށް ޑިމާންޑް ބޮޑުވެ، ވިޔަފާރިތަކަށާއި، ޤައުމުގެ މުޅި އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މިއީ އިސްލާމީ އިޤްތިޞާދެއް ތަންފީޛު ކޮށްފިނަމަ، ނުކުންނާނެ ނަތީޖާއެވެ.

ނަމަވެސް މިވަގުތު، ކަންހިނގަނީ މިދެންނެވި ގޮތާއި މުޅިން ތަފާތުކޮށެވެ. މިގޮތުން ހުޅަނގުގެ ކެޕިޓަލިސްޓް ނިޒާމުގައި ޓެކްސްގެ ބުރަ ތަޙައްމަލް ކުރަންޖެހެނީ ނިކަމެތިންނާއި ފަޤީރުންނެވެ. މަކަރުވެރި ހިސާބުތަކާއި، ސްވިސް ބޭންކްގެ އެކައުންޓް ތަކުގައި މުއްސަނދިން ފައިސާ ރައްކާކޮށްގެން ޓެކްސް އިން ރެކިގަނެއެވެ. މީގެ އެންމެ ސާފު އަލިގަދަ އެއްމިސާލަކީ، އިނގިރޭސި ރާނީއެވެ. އެކަމަނާއަކީ ޔޫ.ކޭ ގެ އެންމެ މުއްސަދި އެކެކެވެ. ނަމަވެސް ޓެކްސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދައްކަވައެވެ. މީގެ ބަދަލުގައި އެކަނިވެރި މައިންނާއި، މުސްކުޅިކުރައްވާފައި ތިބި ނިކަމެތިންގެ އަތުން ޓެކްސް ނަގައެވެ. ހިތާމައަކީ މިދެންނެވި ނިޒާމް ޒީނަތަކަށް ހަދައި އިސްލާމީ ޤައުމުތަކުގައި މުސްލިމުންގެ މައްޗަށް އެކި ނަންނަމުގައި ޓެކްސްތައް ގަދަކަމުން ތަންފީޛު ކުރަމުންދާކަމެވެ. މިގޮތުން ޖެނެރަލް ސޭލްސް ޓެކްސް (ޖީއެސްޓީ) އަދި އިންކަމް ޓެކްސް އަކީ ފަޤީރުންނާއި، ދަރަނިވެރިންނާއި، މުއްސަދިންގެ ކިބައިން ހަމަހަމަކޮށް ޓެކްސް ނެގުމުގެ ސަބަބުން، ނިކަމެތިން މިޓެކްސްތަކުގެ ޝިކާރައަކަށް ވެފައިވާ ޓެކްސްތަކެކެވެ.

ޒަކާތާއި ޓެކްސްގެ ޙުކުމް

ޓެކްސްގެ މައްސަލާގައި ފިޤްހު ޢިލްމުވެރިން ދެބަޔަކަށް ބެހިގެންވެއެވެ. ބައެއް ޢިލްމުވެރިން ވަކި ޙާލަތްތަކެއްގައި، ވަކި ޝަރްޠު ތަކަކާއި އެކު ޓެކްސް ނެގުން ހުއްދަ ކުރައްވައެވެ. އަނެއްބައި ޢިލްމުވެރީންގެ ނަޒަރުގައި ޓެކްސް ނެގުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ޙަރާމް ކަމެކެވެ.

ޙަރާމް ކަމަށް ދެކިލައްވާ ބޭފުޅުން ދެކިލައްވާ ގޮތުގައި މުދަލުން ނެރެން ޖެހޭނެ ހަމައެކަނި އެއްޗަކީ ޒަކާތެވެ. އެމީހެއްގެ މުދަލުގެ ޒަކާތް ނެރެފި މީހާ އެމީހެއްގެ ވާޖިބު އަދާކޮށްފިއެވެ. އަދި އެމީހެއްގެ ޛިންމާ ބަރީއަކޮށްފިއެވެ. ޒަކާތް ފިޔަވާ އޭނާގެ މުދަލުން ޙައްޤަކާނުލާ އެއްވެސް އެއްޗެއް އަތުލުމަކީ ޙަރާމް ކަމެކެވެ. އެމީހަކު އަމިއްލަ އަށް ހިތުން ރުހުމުން ﷲ ގެ ޙަޟްރަތުން ދަރުމައަށް އެދިގެން ދިން އެއްޗެއް ފިޔަވައެވެ.

މިބޭފުޅުންގެ ދަލީލަކީ އަބޫހުރައިރާގެ ކިބައިން ރިވާކުރެއްވި ޙަދީޘެކެވެ. މި ޙަދީޘް ގައި އަޢްރާބީ މީހާ ވަނީ ފަރްޟު ޒަކާތް ފިޔަވާ އެހެން އެއްޗެއް އިތުރުވެސް އަދި މަދުވެސް ނުކުރާނެ ކަމަށް ބުނެފައެވެ. އެކަމަށް ކީރިތި ރަސޫލާ ﷺ ރުހި ގަބޫލުވެ ވަޑައިގަތެވެ. އަދި އެއީ ސުވަރުގެ ވަންތަ ވެރިއެއް ކަމުގައި ޙަދީޘް ކުރެއްވިއެވެ.

މީސްތަކުންގެ މުދަލުން ޓެކްސް ނެގުން ބޭނުން ޖެހިއްޖެ ހިނދެއްގައި، ޓެކްސް ނެގުމަކީ ހުއްދަ ކަމެއްކަމުގައި ޙަނަފީ މަޛުހަބުގެ ޢިލްމުވެރީން ދެކެލައްވައެވެ. ނަމަވެސް އެއީ ރައްޔިތުންގެ ބައިތުލް މާލުގައި ފައިސާ ނެތި އެނޫން އެއްވެސް ގޮތެއް ނެތިއްޖެ ޙާލަތެއްގައެވެ. ޚާއްޞާ ޙާލަތެއް މެދުވެރިވެގެން މެނުވީ ޓެކްސް ނެގުން ހުއްދަނޫންކަމަށް މާލިކީ މަޛުހަބުގައި ދެކެއެވެ. އަދި އިމާމް ގުރްޠުބީ ވިދާޅުވެފައިވެއެވެ. "ޒަކާތް ނެގުމަށްފަހުގައި، މުސްލިމުންގެ މުދަލުން އިތުރު އެއްޗެއް ނަގަން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެއެއްޗެއް ނެގުމަކީ ހުއްދަވެގެންވާ ކަމެކެވެ."

ޢާއްމު މަޞްލަޙަތެއް އޮތްކަމަށް ޙާކިމާއަށް ފެނިއްޖެ ހިނދެއްގައި މުއްސަނދިންގެ އަތުން ޓެކްސް ނެގުމަކީ ހުއްދަ ކަމެއްކަމަށް ޝާފީގެ ފާނުންގެ މަޛުހަބުގެ ޢިލްމުވެރީން ދެކެލައްވައެވެ. އަދި އިމާމް ޣަޒާލީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އަތްމަތީ ފައިސާ ހުސްވެ، ޢަސްކަރީ ކަންތަކަށް ޚަރަދު ކުރާނެ ފައިސާ ނެތިއްޖެނަމަ، އަދި ޢަސްކަރީން ޢާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ކުރަން ނުކުމެއްޖެ ޙާލަތުގައި ޢަދުއްވުން އައިސް މުސްލިމުންގެ ޤައުމުގެ މައްޗަށް ވެރިވެގަންފާނެ ކަމަށް ބިރު ހީވެއްޖެނަމަ، ނުވަތަ ޤައުމުގެ ތެރޭގައި ފިތުނަ ފަސާދަ ޢާއްމުވެދާނެ ކަމަށް ފެނިއްޖެނަމަ، ސިފައިންނަށް ބޭނުންވާނެ ވަރު މުއްސަނދިންގެ އަތުން ނެގުމަކީ ހުއްދަވެގެންވާ ކަމެކެވެ."

ދައުލަތް ހިންގުމަށް ބޭނުންވާނެ ފައިސާ ނެގުމަކީ އެބޭކަލުންގެ އަރިހުގައި ހުއްދަ ކަމެއްކަމަށާއި، އެއީ މުދަލުން ކުރެވޭ ޖިހާދެއްގެ ގޮތުގައި ޙަންބަލީ މަޛުހަބުގެ ބޭފުޅުން ސިފަ ކުރައްވާފައިވެއެވެ.

ދައުލަތްތަކުގެ ޙާލަތްތަކަށް ނަޒަރު ހިންގުމުން ފެނިގެންދަނީ، ހަމައެކަނި ޒަކާތުން ލިބޭ ފައިސާ އިން ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަކީ ދަތި ކަމެއް ކަމެކެވެ. ސަބަބަކީ ޒަކާތުގެ ފައިސާ އަކީ ކަނޑައެޅިފައިވާ ވަކި ބަޔަކަށް ބަހަން ޖެހޭ އެއްޗެކެވެ. އޭގެ ތެރެއިން ކިރިޔާވެސް ދައުލަތަށް އެއްޗެއް ލިބޭނީ "ފީސަބީލިﷲ" ގެ ބައިންނެވެ. އެއިން ގައުމުގެ ޚަރަދުތައް ފޫބެއްދުމަކީ އުނދަގޫ ކަމަކަށްވާނެއެވެ. އެހެންކަމުން، ދައުލަތް ހިންގުމުގެ ޚަރަދުތައް ހޯދުމަށްޓަކައި ފައިސާ ހޯދުމުގެ ގޮތުން މުއްސަނދިންގެ އަތުން ކޮންމެވެސް ޢަދަދެއް ނަގަން އެބަޖެހެއެވެ. އެއީ "އެޔާއި ނުލާ ވާޖިބު ކަމެއް ފުރިހަމަ ނުވާ ކޮންމެ ކަމަކީ ވާޖިބު ކަމެކޭ" އޮންނާ ގާޢިދާގެ ދަށުންނެވެ.

އިސްލާމީ ޝަރީޢަތުގެ ގާޢިދާއެއްގައިވެއެވެ. "އެންމެންނަށް ލިބިދާނެ ގެއްލުން ފޫބެއްދުމަށް ޓަކައި އަމިއްލައަށް ގެއްލުމުގައި ބޮލުއަޅަން ޖެހެއެވެ." މިގާޢިދާގެ މާނައަކީ، ތިމާގެ އަމިއްލަ މަންފާ އަށްވުރެ މުޖްތަމަޢުގެ މަންފާ އަށް ވިސްނަން ޖެހޭ ކަމެކެވެ. އެހެން ގާޢިދާ އެއްގައިވެއެވެ. "މަޞްލަޙަތެއް ހޯދުމަށްވުރެ ނުބައި ފިލުވާލުން މާއައުލަކަން ބޮޑެވެ." "ބޮޑު މަޞްލަޙަތެއް ހޯދުމަށް ޓަކައި ކުޑަމަޞްލަޙަތު އޮންނަ ކަންތައް ދޫކޮށްލެވެއެވެ." މި ޤާޢިދާ ތަކުން ދޭހަކޮށްދެނީ ޓެކްސް ނެގުން ހަމައެކަނި ހުއްދަ ކަމެއް ނޫނެވެ. ގައުމު ފައިސާ އަށް ބޭނުންވެއްޖެ ހިނދެއްގައި، އެކަމަށް ޚަރަދު ކުރާނެ ފައިސާ ޤައުމުގެ ޚަޒާނާގައި ނެތްނަމަ، އަދި ފައިސާވެރިން ޓެކްސް ނުދައްކައިފިނަމަ ގައުމު ބަނގުރޫޓުވެ ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އުފެދިއްޖެ ޙާލަތެއްގައި، ޓެކްސް ނުދައްކައިފި މީހެއްގެ އަތުން ގަދަކަމުން އަތުލުންވެސް ހުއްދަވެގެންވާ ކަމެވެ.

އިސްލާމީ އިޤްތިޞާދުގެ މަޞްދަރުތައް

އިސްލާމް ދީނުގެ އެންމެ މުހިއްމު އަދި އެންމެ ފުރަތަމަ ރައުސްމާލުގެ ނުވަތަ އިޤްތިޞާދުގެ މަޞްދަރަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މުދަލު ޒަކާތެވެ. ނަމަވެސް ސުންނަތުން ސާބިތުވާ ގޮތުގައި އެއީ މުދަލުގެ ވަކިބާވަތްތަކުން ނެގޭ އެއްޗަކަށްވީހިނދު، އެއިންލިބޭ ފައިސާއަކީ ކަނޑައެޅި ބަޔާންވެގެންވާ މިންވަރެކެވެ.

ދެވަނަ މަޞްދަރަކީ، ބިމުން ނެގޭ ތަފާތު ވައްތަރުގެ މަޢުދަނާއި، ރަނާއި ރިއްސާއި، ޕެޓްރޯލްފަދަ ތަކެއްޗެވެ. އިސްލާމީ ނިޒާމެއްގައި މިފަދަ ބިމުގައިވާ ޚަޒާނާތަކުން ނެގޭ އެންމެހައި ތަކެތިން ފަސްބައިކުޅަ އެއްބައި ދައުލަތަށް ދޭންޖެހެއެވެ. (وفي الركاز الخُمس) މާނައަކީ: "ރިކާޒުން ފަސްބައިކުޅަ އެއްބައެވެ." މި ޙަދީޘް ރިވާ ކުރެއްވީ އިމާމް ބުޚާރީ އާއި މުސްލިމްއެވެ. އަނެއް ހަތަރުބައި އެ ނެގިފަރާތަށެވެ. އަޖައިބުވާންވިކަމަކީ، ޕެޓްރޯލް ފަދަ ޞިނާއަތްތައް ހިންގާ ފަރާތްތަކުން ދައުލަތަށް މިވަގުތު ދައްކަމުންދާ ނިސްބަތަކީ، އިސްލާމް ދީނުގައި ކަނޑަ އަޅުއްވާފައިވާ ނިސްބަތާއި ވަރަށް ގާތް ނިސްބަތެކެވެ. މިސާލަކަށް ބައެއް ޤައުމުތަކުގައި ބައެއްފަހަރަށް %25 ނުވަތަ ހަތަރު ބައިކުޅަ އެއްބައި ނަގައެވެ. އެހެންކަމުން މިކަމަކީ، އިސްލާމީ ޢިލްމުވެރީން އިތުރަށް ބަޙުޘްކޮށް އިޖްތިހާދުކުރުމަށް ހުޅުވިފައިވާ ދޮރެކެވެ. ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުގެ އިޤްތިޞާދު ހީނަރުވަމުން އަންނަ ދުވަސްވަރަކަށްވާތީއެވެ. މިގޮތުން ދިވެހިރާއްޖެއަކީ ގުދުރަތީ މުއްސަނދިކަން ނިސްބަތުން މަދު ޤައުމަކަށްވެފައި، ރިސޯޓުތަކުން ލިބޭ ނަފާތައް ރަނގަޅަށް ބެލެހެއްޓޭނެ ސިޔާސަތެއް ކަނޑައަޅާ، ރިސޯޓް ވިޔަފާރީގެ ނަފާއިން ފަސްބައިކުޅަ އެއްބައި ދައުލަަތައް ނެގުމަކީ މުހިއްމުކަމެއްކަމަށް ދެކެމެވެ.

ޞަދަޤަތާއި ވަޤުފަކީވެސް އިސްލާމީ އިޤްތިޞާދެއް ބިނާކުރުމަށާއި، އިޖްތިމާޢީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ވަރަށް މުހިއްމު އާލަތެކެވެ. ދިވެހި ރާއްޖޭގައިވެސް މަދުންނަމަވެސް ޞަދަޤާތުގެ ގޮތުގައި ތަންތަން ހެދުމާއި، ބިންތައް ވަގުފުކުރުން އޮވެއެވެ. ނަމަވެސް މާބޮޑު ހޭލުންތެރިކަމެއް މިކަމުގައި ނެތޭވެސް ދެންނެވިދާނެއެވެ. ރަނގަޅު އުޞޫލުތަކެއްގެ ތެރެއިން މިކަން ފެށި ކުރިޔަށް ގެންދެވިއްޖެނަމަ، މިއީ ވަރަށްވެސް މުހިއްމު އިޤްތިޞާދީ އަދި އިޖްތިމާޢީ މަޞްދަރަކަށްވެގެން ހިނގައިދާނެއެވެ. މިވަގުތު ހުރި ގޮންޖެހުންތައް ދުރުކުރުމަށް ޤާނޫނީ އޮނިގަނޑެއްވެސް މިކަމަށް އޮތުން މުހިއްމުކަމުގައި ދެކެމެވެ.

އިސްލާމީ އިޤްތިޞާދެއްގައި، އިސްފަސްކޮށް ވަސީލަތްތަކެއް ލިސްޓުކުރާނަމަ، ޓެކްސް އަންނަނީ އެންމެ ފަހަތަށެވެ. އެއީ ޓެކްސް ނެގުމާމެދު ވަރަށް ގިނަ ޢިލްމުވެރީން އެއީ ނެގުން ހުއްދަ ނޫން އެއްޗެއްކަމަށް ވިދާޅުވެފައިވާތީއެވެ. އެއީ މީހުންގެ ނުރުހުމުގައި އެ ނެގޭތީއެވެ. ނަމަވެސް ގިނަ ޢިލްމުވެރީން ޢާއްމު މަޞްލަހަތައްޓަކައި، ކަނޑައެޅޭ ކަންތައްތަކެއް ކުރުމަށް ކަނޑައެޅޭ މުއްދަތަކަށް ނެގުން ހުއްދަ ކުރައްވަވައެވެ.

ޒަކާތް އެއީ ނެގުން ލާޒިމް އެއްޗަކަށް ވީފަދައިން ޒަކާތް ހޭދަކުރުމަށް އަދި 8 ބަޔަކަށް ބެއްސެވުމަށް ވަނީ ﷲ އަންގަވާފައެވެ. އެއީ ކުރިންވެސް ބަޔާންކުރެވުނު ތައުބާ ސޫރަތުގެ 60 ވަނަ އާޔަތުގައި ﷲ އަންގަވާފައިވާ ގޮތުގެ މަތީންނެވެ. މިތާނގައި ފާހަގަ ކޮށްލަން ޖެހޭ ނުގުތާއެއް ވެއެވެ. އެއީ، އެއާޔަތުގައިވާ "ހިތްތައް އެކުވެރިކުރާ މީހުން" ނުވަތަ އަލަށް އިސްލާމްވާ މީހުންނަށް ރަސޫލާ ﷺ ގެ ޒަމާނުގައި ދެމުން ދިޔަ ބައި ޢުމަރުގެ ފާނުންގެ ޒަމާނުގައި ދިނުން ހުއްޓަވާލެއްވުމުން އެއާޔަތް މަންސޫޚުވީކަމަށް ދައްކާ ވާހަކައާއި، އަދި އެކަލޭގެ ފާނުން އެއާޔަތަށް ޢަމަލު ކުރެއްވުން ދޫކޮށްލެއްވި ވާހަކައެވެ. އެކަން އެގޮތަށް ޙަޤީޤަތުގައި އެކަލޭގެ ފާނުން ކުރެއްވީ، ޝަރުތު ފިލާ ދިއުމުންނެވެ. އެހެންކަމުން އިމާމުއްޝައުކާނީ އަދި އިމާމުއްޠަބަރީ ފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ދޭންޖެހޭ ޙާލަތެއް އަދިވެސް މެދުވެރިވެއްޖެނަމަ، ދިނުން ޖާއިޒު ވެގެންވެއެވެ. ބާކީ ހުރިތަކެއްޗަކީ، އެދައުލަތެއްގެ މާލީ ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކުގެ ލަފަޔާއެކު ރައްޔިތުންނާއި ދައުލަތުގެ މަޞްލަޙަތާއި އެއްގޮތަށް ޚަދަރުކުރެވިދާނެ ތަކެއްޗެކެވެ.

ޒަކާތާއި ޓެކްސް އަކީ، އިސްލާމީ އިޤްތިޞާދުގެ ނަޒަރުން ބަލައިފިނަމަ، މަފްހޫމުގައި އެއްގޮތް ކަންތައްތަކެއް ހުރިކަމުގައި ވިޔަސް އިޤްތިޞާދުގެ މަޞްދަރުތަކުގެ ތަރުތީބާއި، އުޞޫލަށް ރިޢާޔަތް ކުރާހިނދު ވަރަށް ތަފާތު ދެ މަފްހޫމެކެވެ. އިސްލާމީ ދައުލަތެއްގައި މުދަލު ޒަކާތަކީ، އިޤްތިޞާދުގެ މައި އެއް ތަނބެވެ. ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ނަމަވެސް ނެގުމަށް އިސްކަން ދޭންޖެހޭނީ، ޒަކާތް ނެގުމަށެވެ. ޓެކްސް ނެގުމަކީ ޙަރާމް ކަމެއްކަމަށް ބައެއް ޢިލްމުވެރީން ބުނިކަމުގައި ވީނަމަވެސް، ފަހުގެ ޢިލްމުވެރީންގެ ދަލީލްތައް ވަރުގަދަވެފައި ކަންކަމުގެ އަޞްލަކީ ޙަލާލުކަމަށް ވެފައި ވަކި ޙާލަތްތަކެއްގައި އިލްމުވެރީން ބަޔާންކުރައްވާ ޝަރުތުތަކާއެކު ޓެކްސް ނެގިދާނެކަމަށް ބުރަވެވެއެވެ. އިސްލާމީ އިޤްތިޞާދުގެ މައިގަނޑު މަޞްދަރުތަކުގައި ހިފައިފިނަމަ، އަދި ވިޔަފާރީގެ މުޢާމަލާތްތަކުގައި އިސްލާމީ އުޞޫލުތަކާއި، އުފެއްދުންތައް އަށަގަންނަވައިފިނަމަ، ރަނގަޅު އިޤްތިޞާދެއް ބިނާކުރެވިދާނެކަމަށް ފެނެއެވެ. މިގޮތުން މުޖްތަމަޢުގައި ތަނަވަސްކަމާއި، ހަމަހަމަކަމާއި، ލޯތްބާއި، ކުލުނާއި، އެކުވެރިކަން އަށަގެންނެވިދާނެއެވެ.

comment ކޮމެންޓް