ބާ ކައުންސިލުގެ އިމްތިހާނުގެ އަގަކީ 10،000 ރުފިޔާ

ޖެނުއަރީ 31، 2019: ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުވާ ލައިދިނުމަށް ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ބާ ކައުންސިލުގެ އިމްތިހާނުގެ އަގަކަށް 10،000 ރުފިޔާ ހަމަޖައްސައިފިއެވެ.

މިއަދު ބާ ކައުންސިލުގެ ރައީސް މައުމޫން ހަމީދު ގާނޫނީ ވަކީލުންނަށް ފޮނުއްވި އީމޭލެއްގައި ވަނީ އިމްތިހާނަށް އަގު ކަނޑައެޅުމުގައި އެ އިމްތިހާނު ތަރައްގީ ކުރުމަށް ދިޔަ ހަރަދާއި، ބޭރުގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތަށް ބަލާފައިވާނެ ކަމަށެވެ.

އިމްތިހާނުގައި ބައިވެރިވާނެކަމަށް އަންދާޒާ ކުރެވޭ ކެނޑިޑޭޓުންގެ އަދަދަށް ބަލާއިރު ބޮލަކަށް 20،000 ރުފިޔާ ޖެހޭނެކަމަށާއި، ނަމަވެސް އިމްތިހާނު ހަދާ ފުރަތަމަ ފަހަރު ކަމުން 50 އިންސައްތަ ފީ ބާ ކައުންސިލުން ދައްކައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަކީލު ކަމުގެ ހުއްދަ ހޯދުމަށް ބާ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މިއީ އެ އިމްތިހާނު ބޭއްވޭ ފުރަތަމަ ފަހަރެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން އިމްތިހާނު ނުބޭއްވި ލަސްވުމުގެ ސަބަބުން މިދިޔަ އަހަރު 283 ވަކީލުންނަށް ވަނީ ވަގުތީ ލައިސަންސެއް ދޫކޮށްފައެވެ.

ގާނޫނުގައިވާ ގޮތުން އެ ދަރިވަރުން ވެސް މިފަހަރު އިމްތިހާނުގައި އިށީންނަން ޖެހޭނެއެވެ.

ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިން އެވެ. އޭގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނެ އެވެ.

ގާނޫނީ ފަންނުގެ ބިލަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ އެވެ.

comment ކޮމެންޓް